ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިހާރު މާލޭގައި ކުރިއަށް ގެންދާ މުޒާހަރާ މިރޭ ދަންވަންދެން ކުރިޔަށް ގެންދާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ފަރަސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު (ސެމްބެ) ވިދާޅުވެއްޖެއެވެ.
މުޒާހަރާގެ ތެރެއިން މީޑިއާކަށް ދިން އިންޓަވިއުއެއްގައި ސެމްބެ ވިދާޅުވީ، އިދިކޮޅު ކޯލިޝަންގެ އިސްވެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް މުޒާހަރާ ނުހުއްޓާނެ ކަމަށެވެ. އަދި ފުލުހުން ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލުމަށް ކުރާ މަސައްކަތަށް އިދިކޮޅު މެމްބަރުން ނުސިހޭނެ ކަމަށް ވިދާޅުވިއެވެ.
އިދިކޮޅު ކޯލިޝަނުން މިހާރު މާލޭގައި ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން މިހާތަނަށް 19 މީހަކު ހައްޔަރު ކޮށްފައިވެއެވެ. އޭގެ ތެރޭގައި ޕީއެންސީގެ އިސް އެކްޓިވިސްޓް އަދި ލޯކަލް ކައުންސިލް އިންތިޚާބްގެ ކެނޑިޑޭޓް އަހުމަދު ނަރީޝް އާއި ޕީއެންސީގެ ކައުންސިލް މެންބަރު އަހުމަދު އަދުނާން (ސްޕައިކަރ) ހިމެނެއެވެ.
ކޮންމެ ހުކުރެއްގައި އިދިކޮޅުން ކުރިއަށްގެންދާ މުޒާހަރާ މިއަދުވެސް އެ ކޯލިޝަންގެ އޮފީސް ކުރިމަތީގައެވެ. އެހެންނަމަވެސް އެ ސަރަހައްދު ފުލުހުން ބަންދުކުރުމާއި ގުޅިގެން މިހާރު މާލޭގެ ތިން ސަރަހައްދެއްގައި ކޯލިޝަންގެ މެމްބަރުން އަންނަނީ މުޒާހަރާ ކުރަމުންނެވެ. އެގޮތުން މުޒާހަރާގެ ބައެއް ބައިވެރިން އަންނަނީ ގްރީން ޒޯންގައި ހިމެނޭ ސަރަހައްދަށް ވަނުމަށް މަސައްކަތް ކުރަމުންނެވެ.