ސުޝާންތުގެ ފޭނުންދެކެ އަންކިތާ ހިތްހަމަނުޖެހިއްޖެ

މިދިޔަ އަހަރުގެ ޖޫންމަހު ދަންޖެހިގެން މަރުވި ބޮލީވުޑް އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތުގެ މަރާ ގުޅިގެން ފަހަކަށް އައިސް އޭނާގެ ފޭނުން، އަންކިތާ ލޯކަންޑޭ ކުށްވެރިކުރަމުންދާތީ، އަންކިތާ އެއަށް ރައްދުދީފިއެވެ.

އަންކިތާ އާއި ސުޝާންތު ވަނީ 6 ވަރަކަށް އަހަރު ވަންދެން ރައްޓެހިވެގެން އުޅެފައެވެ. ނަމަވެސް ސުޝާންތު މަރުވުމުގެ އަހަރުތަކެއް ކުރިން އެ ގުޅުން ވަނީ ނިމުމަކަށް އައިސްފައެވެ. އަދި ސުޝާންތު މަރުވި ފަހުން އަންކިތާ ވަނީ ސުޝާންތުގެ މަރަށް އިންސާފު ހޯދައިދިނުމަށް އެދި މީސްމީޑީއާގައި އަޑުއުފުލައި ހަދައިފައެވެ. އެދުވަސްކޮޅު ސުޝާންތުގެ ފޭނުން ތިބީ އަންކިތާއާ އެއްކޮޅަށެވެ. އެހެންނަމަވެސް، އެ މަރަށް ދުވަސްވަމުން ދިޔަވަރަކަށް އަންކިތާ އަމިއްލަ ދިރިއުޅުމައިގެން ކުރިއަށްދާތަން ފެންނާތީ ފޭނުން ވަނީ އެކަމާ ދޭތެރޭ ނުރުހި، އަންކިތާއާ ދިމާއަށް އެއްޗެހި ކިޔައިފައެވެ. އަދި ސުޝާންތު ވަކިވެދިޔަސް އަންކިތާ ހަގީގަތުގައި ދެރަނުވާ ކަމަށާއި، ކުރިން އެ ދެއްކި ވާހަކަތަކަކީ މީހުންގެ ސަމާލުކަން ހޯދަން ކުޅުނު”ގޭމެއް”ގެ ގޮތުގައި އެއްބަޔަކު ވަނީ ސިފަކޮށްފައެވެ.

އަނެއްބައި މީހުން ބުނާ ގޮތުގައި، ސުޝާންތު ޑިޕްރެޝަނަށް ގޮސްގެން އަމިއްލައަށް މަރުވާން ޖެހުނީ އޭނާއަށް އަޅައިލާން އަންކިތާ ކައިރީގައި ނެތުމުންނެވެ. އަދި ސުޝާންތަށް އެހާ ބޮޑުވަރު ވީއިރުވެސް އަންކިތާ ސުޝާންތުގެ ހާލުވެސް ބަލާފައި ނުވާ ކަމަށް ބުނަމުންދެއެވެ.

މިކަމާ ގުޅިގެން އަންކިތާ ވަނީ އޭނާގެ އިންސްޓަގްރާމްގައި ކުރިއަށްގެންދިޔަ ލައިވް ސެޝަނެއްގައި ވާހަކަ ދައްކައިފައެވެ. އެގޮތުން 36 އަހަރުގެ އެކްޓްރެސް ބުނީ، ސުޝާންތާ ގުޅުވައިގެން އޭނާއަށް ކުރަމުންދާ ފުރައްސާރައިގެ ސަބަބުން އޭނާގެ އާއިލާއަށް ވެސް އެކަމުން އަސަރުކުރާ ކަމަށެވެ. އަދި ޚުދު އޭނާއަކީ ވެސް ކުރިން ޑިޕްރެޝަންގެ ޝިކާރައަކަށްވި މީހެއް ކަމަށާއި، އެތައް ހިތާމަތަކަކާ ދިރިއުޅުމުގައި ކުރިމަތިލާފައިވާނެ ކަމަށް އަންކިތާ ބުންޏެވެ.

“އެކި މީހުންގެ ހަޔާތުގެ މަޤްސަދު ތަފާތުވާނެ. އެގޮތަށް ސުޝާންތު ވެސް ބޭނުންވީ އޭނާގެ ހުވަފެންތަކުގައި ކުލަޖައްސައިގެން އަމިއްލަ ދިރިއުޅުމައިގެން ކުރިއަށްދާން. އޭނާ ދިޔައީ އޭނާ ބޭނުންވީ ރާސްތާއަށް. އޭގައި އަހަރެންގެ ކުށަކީ ކޮބާ؟ ކީއްވެ އަހަރެން ކުށްވެރިކޮށްފަ އެއްޗެހި ކިޔަންވީ؟” އަންކިތާ ބުންޏެވެ.

އަންކިތާ ބުނީ ސުޝާންތާއި އޭނާގެ ގުޅުމުގެ ހަގީގަތް ނޭނގި ތިބެ ވާހަކަ ދައްކައިގެން ނުވާނެ ކަމަށެވެ.

އަންކިތާއާއި ސުޝާންތު ރައްޓެހިވީ “ޕަވިތުރާ ރިޝްތާ” ކިޔާ ޑްރާމާ ސިލްސިލާއެއްގައި އެކުގައި މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!