ހަގީގީ ރައްޓެހިންނާއި އަޑިނުބައި ރައްޓެހިން ވަކިކުރާނީ ކިހިނެއް؟

ތިބާގެ ރައްޓެހިންގެ ގްރޫޕުގައި ތިބި އެންމެންނަކީ ހަގީގީ ރައްޓެހިންނަށް ނުވެދާނެއެވެ. އެއްބައި މީހުންނަކީ ތިބާއަށް ހެވެއް ނޭދޭ، އަޑިނުބައި މީހުން ކަމުގައި ވެސް ވެދާނެއެވެ. ނުވަތަ، ކޮންމެވެސް އަމިއްލަ އެދުމެއް އޮވެގެން ތިބާ ފަހަތުގައި ތިބޭ ބައެކެވެ. އެފަދަ މީހުން މޫނަށް ބަލާފައި ވަކިކުރަން ނޭނގުނަސް، އެމީހުން އުޅޭ ގޮތުން ވަރަށް ރީއްޗަށް ވެސް އެނގޭނެއެވެ.

މިފަހަރު މި ކިޔައިދެނީ، ހަގީގީ ރައްޓެހިންނާއި “ފޭކް” ރައްޓެހިންގެ ތަފާތެވެ.

  1. ހަގީގީ ރައްޓެހިން ތިބާ ކަމަކު ގުޅައިލުމުން އަބަދު ބިޒީއެއް ނުވާނެ. ހެޔޮއެދޭ ނަމަ ކޮންމެވެސް ގޮތަކުން ވަގުތު ހޯދައިގެން ޚަބަރުވާނެ. އެކަމަކު ފޭކް ރައްޓެހިން ބަލާނީ ތިބާ ކަމަކު ބުނުމުން ކޮންމެވެސް ބަހަނާއެއް ދެއްކޭތޯ. އެހެންގޮސް އެމީހުންގެ ބަހަނާތައް ދުވަހަކުވެސް ހުހެއް ނުވާނެ.
  2. ތިބާ އުފާކޮށްދޭން މަސައްކަތް ކުރާނީ ހަގީގީ ރައްޓެހިން. މިސާލަކަށް ހިތާމައެއް ކުރިމަތިވެގެން އުޅޭއިރު، އަމިއްލައަށް ފެނިގެން ގުޅައި، ބައްދަލުކޮށް ކޮންމެވެސް ގޮތަކުން ތިބާ ގާތުގައި ހުރެވޭތޯ ބަލާނެ. އެކަމަކު ފޭކް ރައްޓެހިންގެ ގޮތަކީ، ތިބާއަށް އުފަލެއް ލިބުނަސް އެކަމުގައި ބައިވެރިވުމުގެ ބަދަލުގައި އަބަދުވެސް “އިގްނޯ” ކޮށްފައި ބެހެއްޓުން. އަދި އެމީހުންނަށް ތިބާ ފެންނާނީ އެމީހުންނަށް ކަމެއްޖެހޭ ވަގުތުތަކުގައި އެކަނި.
  3. ކާމިޔާބީއެއް ލިބުމުން އެކަން ފާހަގަކޮށް ތިބާއާމެދު ފަޚުރުވެރިވާނީ ހަގީގީ ރައްޓެހިން. އެކަމަކު އަޑިނުބައި ރައްޓެހިން ތިބޭނީ ހަސަދައިގެ އަލިފާނުން ކެކިކެކި. އެންމެކުޑަމިނުން މަރުހަބާ ކިޔައިލުން ވެސް އެމީހުންނަށް ވާނީ ބޮޑުކަމަކަށް.
  4. ހަގީގީ ރައްޓެއްސެއްނަމަ، ތިބާގެ ގައިގައި ހުންނަ ނުރަނގަޅު ސިފަތަކުގެ ވާހަކަ އަބަދަކު ނުދައްކާނެ. ރަނގަޅު ކޮށްލަންޖެހޭ ކަމެއް ހުރިނަމަ ދިމާއަށް ރީތިގޮތުގައި ބުނަން ކެރޭނެ. އަނެއްކޮޅުން އަޑިނުބައި ރައްޓެހިން ތިބާގެ ނުރަނގަޅު ވާހަކަތައް އެކި މީހުންގެ ކައިރީ ފަތުރަމުން ދުވާނެ. އަދި ދިމާއަށް ބުނާއިރުވެސް ބަލާނީ ތިބާ ދެރަކޮށްލެވޭތޯ.
  5. ހަގީގީ ރައްޓެހިން އަބަދުވެސް ތިބާގެ އިހުސާސްތަކަށް ކަމޭހިތާނެ. އެކަމަކު ފޭކް ރައްޓެހިން ތިބާއާމެދު ނުވިސްނާ ތާނގައި އަބަދުވެސް ބަލާނީ އެމީހުންގެ އަމިއްލަ ވާހަކަ ދެއްކޭތޯ. އެހެން މީހެއްގެ ވާހަކަ އަޑުއެހުމުގެ ޤާބިލުކަމެއް އެމީހުންގެ ނުހުންނާނެ.

ހަޔާތުގައި އެކިކަހަލަ މީހުންނާ ދިމާވާނެއެވެ. އެހެނަސް އޭގެތެރެއިން އަޑިނުބައި ކަމަށް ފެންނަ މީހުން ވީހާވެސް ދުރުކޮށް، ހަގީގީ ރައްޓެހިން ކައިރިކުރާށެވެ. އޭރުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!