އިންޑިއާގެ ބޮޑުވަޒީރު ކޮވިޑް ވެކްސިން ޖައްސަވައިފި

ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށްފައިވާ ވެކްސިން، އަވަށްޓެރި ގައުމުތަކަށް ހަދިޔާ ކުރައްވައިގެން ގިނަ ގައުމުތަކެއްގެ ތާއީދު ހޯއްދަވާފައިވާ އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީވެސް، ކޮވިޑް ވެކްސިން ޖައްސަވައިފިއެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި މޯދީ ކޮވިޑް ވެކްސިން ޖެއްސެވީ، އިންޑިއާގެ އެއިމްސް ހޮސްޕިޓަލުގައެވެ. މޯދީ ޖެއްސެވީ އިންޑިއާގެ އުފެއްދުމެއް ކަމަށް މައުލޫމާތު ލިބެއެވެ. ކޮވިޑް-19 އިން ދިފާއުވުމަށް އިންޑިއާއިން ދަނީ އެ ގައުމުގައި އުފައްދާ 2 ވެކްސިނެއް ބޭނުން ކުރަމުންނެވެ. އެއީ އޮކްސްފޯޑް އަދި އަސްޓްރާޒެނީކާގެ ފޯމިއުލާއަށް އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނާއި، ސައްތަ އިންސައްތަ އިންޑިއާގެ އަމިއްލަ ވެކްސިނެއް ކަމަށްވާ، ބާރަތު ބައޮޓެކްގެ ކޮވެކްސިންއެވެ.

ކޮވިޑް ވެކްސިން ޖެއްސެވިކަން އިއުލާން ކުރައްވަމުން މޯދީ ވަނީ، ވެކްސިން ލިބުމުގެ ކްރައިޓީރިއާއަށް ފެތޭ ހުރިހާ އެންމެން ވެކްސިން ޖެހުމަށް އިލްތިމާސް ކުރައްވާފައެވެ.

އުމުރުފުޅުން 70 އަހަރުގެ މޯދީ ވެކްސިން ޖައްސަވާފައި މިވަނީ، އިންޑިއާގެ ކޮވިޑް ކެމްޕޭން އިތުރަށް ފުޅާ ކުރި ވަގުތުގައެވެ. އިންޑިއާއިން މިއަދު ވަނީ އުމުރުން 45 އަހަރާއި 59 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުންނަށްވެސް ވެކްސިން ދޭން ފަށާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!