ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންއަށް ވާދަ ނުކުރެއްވޭނަމަ، އިންތިހާބުގައި ވާދަކުރުމަށް ރައީސް ވަހީދު ތައްޔާރު

އިދިކޮޅު ލީޑަރެއްގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް 2023ގެ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވިއްޖެ ހާލަތެއްގައި ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ޕީޕީއެމާއި ޕީއެންސީން އެ މަނިކުފާނު ބަލައިގެންފި ނަމަ އިންތިޚާބަށް ނުކުމެވަޑައިގަންނަވަން ޝައުގުވެރިވެވަޑައިގަންނަވާ ކަން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ރޭ ހާމަކުރައްވައިފި އެވެ.

ސިޔާސީ ހަރަކާތްތަކާ ދުރުގައި ދުވަސްތަކެއް ވަންދެން އުޅުއްވުމަށް ފަހު މިދިޔަ އަހަރުގެ ތެރޭގައި ޕީޕީއެމްގެ އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ފެއްޓެވި ޑރ. ވަހީދު، އިންތިޚާބަށް ގެންގުޅުއްވާ ވިސްނުންފުޅު ހާމަކުރެއްވީ ދައުލަތުގެ މީޑިއާ، ދިވެހި ރާއްޖޭގެ އަޑުގެ “އަހާށޭ ބުނާނަން” ޕްރޮގްރާމްގަ އެވެ.

އާއްމުން ސުވާލު ފޮނުވާ އެ ޕްރޮގްރާމްގައި އިންތިޚާބުން ޔާމީނަށް ފުރުސަތު އޮތް ކަމަށް ގަބޫލުކުރައްވަނީ ކިހާ ވަރަކަށްތޯ ޕްރެޒެންޓަރު އެހުމުން ވަހީދު ވިދާޅުވީ “އަޅުގަނޑުމެންގެ ޕާޓީން ގަބޫލުކުރަނީ އެ މަނިކުފާނަށް އެ ފުރުސަތު އެބަ އޮތް” ކަމަށެވެ. ޕާޓީ ތެރޭގައި މަސައްކަތް ކުރައްވަމުން ގެންދަވަނީ ވެސް އެގޮތަށް ގަބޫލުކުރައްވައިގެން ކަމަށް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ޔާމީން މިނިވަންވެވަޑައިގެން އިންތިޚާބުން ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށް ޕާޓީން ގަބޫލުކުރެ އެވެ. އެކަމަކު ވެސް ސިޔާސީ މަސްރަހު ފުރޮޅިގެން ދަނީ ޔާމީނަށް މި ސަރުކާރުގެ ދަތިކުރުންތަކާ އެކުގައި ކަމަށް ވެސް ޑރ. ވަހީދު ވިދާޅުވި އެވެ.

ރައީސް ވަހީދު ވިދާޅުވީ، ރައީސް ޔާމީން އަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނެތް ހާލަތެއް ދިމާވެއްޖެނަމަ، ޕްރައިމަރީއެއް ބާއްވާނެ ކަމަށާއި، ޕްރައިމަރީގައި ވާދަކުރެއްވުމާއި މެދު އެއްޗެއް ބުނަން އަދި ވަރަށް އަވަސް ކަމަށެވެ. ނަމަވެސް އެމަނިކުފާނު ހުންނެވީ ވެވުނު ގޮތަކުން ގައުމަށް ހިދުމަތް ކޮށްދިނުމަށް ތައްޔާރަކަށް ކަން ފާހަގަ ކުރައްވަމުން ރައީސް ވަހީދު ވިދާޅުވީ، ރައީސްކަމަށް ވާދަކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންފި ނަމަވެސް ރައީސްކަމުގައި އިތުރަށް އެ މަނިކުފާނަށް ލިބިވަޑައިގަންނަވާނެ އިއްޒަތެއް އަދި ޝަރަފެއް ނެތް ކަމަށެވެ. 

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ނައިބު ރައީސެއްގެ ގޮތުގައި ހުންނެވުމަށްފަހު ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުން 2 އަހަރެއްހާ ދުވަހުގެ މުއްދަތައް ރައީސް ވަހީދު ވަނީ ވެރިކަން ކޮށްފައެވެ. އަދި އޭގެފަހުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަވެސް ކުރެއްވިއެވެ. ނަމަވެސް އެމަނިކުފާނަށް ލިބިވަޑައިގަތީ އެންމެ 5 އިންސައްތައެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!