އިދިކޮޅު ލީޑަރުން ދޫކޮށްލުމަށް ޑރ.ވަހީދު ގޮވާލައްވައިފި

އިދިކޮޅު ލީޑަރުން ހައްޔަރުކޮށް، އިދިކޮޅު ކޯލިޝަންގެއޮފީސް ބަންދުކުރިޔަސް ސަރުކާރުގައި ހުރި މައްސަލަތައް ހައްލު ނުވާނެކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ކުރިއަށްގެންދިޔަ މުޒާހަރާގައި އެކޯލިޝަންގެ އިސް ލީޑަރުން ހައްޔަރު ކުރުމާ ގުޅިގެން އެފަރާތްތައް މިނިވަންކުރުމަށް ގޮވާލައްވައި ޑރ.ވަހީދު މިއަދު ކުރެއްވި ޓްވީޓުގައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށްވެސް ގޮވާލައްވައިފައެވެ.

މިއަދު ކުރިއަށްދިޔަ މުޒާހަރާގެ ތެރެއިން އެސްއޯ ފުލުހުން ވަނީ ޕީޕީއެމް އޮފީސް ބަންދުކޮށް، އެތަނުގެ އެތެރޭގައި ތިބި މީހުން ހިފަހައްޓާފައެެވެ. ފުލުހުން އެ އޮފީސް ބަންދުކޮށްފައި ވަނީ އެތެރޭގައި ތިބި މީހުންނަށް ބޭރަށް ނުނިކުމެވޭ ގޮތަށް، ފުލުހުން ދޮރުމަތީގައި ގާޑުކޮށްގެން ތިބެއެވެ.

އިދިކޮޅުން މިއަދު ހަވީރު މުޒާހަރާކޮށްފައި ވަނީ “އިންސާފު ކޮބާ؟” ގެ ނަމުގައާއި “މަގޭ ފްލެޓް ކޮބާ؟” ގެ ނަމުގައެވެ. މި މުޒާހަރައިގެ ތެރެއިން މިހާތަނަށް 28 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!