އައްޑޫ ފްލައިން ސްކޫލުގެ މައްސަލާގައި ދަރިވަނުންނަށް ލިބިފައިވާ މާލީ ގެންލުންތަކަށް، އޭޝިއަން އެކެޑެމީ އޮފް އެރޮނޯޓިކްސްގެ ކިބައިން ބަދަލު ހޯދައިދިނުމަށް މަޖިލީހުން ފާސްކޮށްފިއެވެ.
އައްޑޫ ފްލައިން ސްކޫލުގައި ކިޔަވަމުން އަންނަ ކުދިންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށްއެދި މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓް މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 46 މެމްބަރުންގެ އިއްތިފާގުންނެވެ.
މަޖިލީހުން ފާސްކުރި ރިޕޯޓްގައި ވަނީ އައްޑޫ ފްލައިން ސްކޫލްގެ ދަރިވަރުންގެ ކިބައިން ނިގުޅައިގަނެވިފައިވާ ހައްގުތަކާއި އެ ދަރިވަރުންނަށް މާލީގޮތުން ލިބިފައިވާ ގެއްލުންތަކުގެ ބަދަލު ފްލައިން ސްކޫލް ހިންގާ އޭޝިއަން އެކެޑެމީ އޮފް އެރޮނޯޓިކްސްގެ ކިބައިން ދަރިވަރުންނަށް ސަރުކާރުން ހޯދައިދިނުމަށާއި ދަރިވަރުންގެ ކިބައިން ނިގުޅައިގަނެވިފައިވާ ހައްގުތަކާމެދު ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީކުރުވައި، އެފަރާތްތަކާމެދު ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކުން ފިޔަވަޅު އެޅުމަށެވެ.
އަދި ކުރިއަށް އޮތްތަނުގައި ރާއްޖޭގައި މިފަދަ އިންސްޓިޓިއުޓްތައް ހިންގުމުގެ ހުއްދަ ދޭންޖެހޭނީ، ހަރުދަނާ ގަވާއިދުތައް ހެދުމަށްފަހު އެ ގަވާއިދުތަކުގެ ތެރެއިން ކަމަށާއި ބިދޭސީ ދަރިވަރުންނާއި ދިވެހި ދަރިވަރުންގެ މެދުގައި ސްކޫލުން ތަފާތުކުރާކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.