އިންސާނީ ހައްޤުތަކުގެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރެވޭ: މިނިސްޓަރ ޝާހިދު

އެންމެ ފަހުގެ ޔުނިވާސަލް ޕީރިއަޑިކް ރިވިއުގައި ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށް ގައުމުތަކުން ދީފައިވާ ރެކޮމެންޑޭޝަންތައް ތަންފީޒުކުރުމަށް މަސައްކަތްކުރަމުންދާކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރ މިހެން ވިދާޅުވީ، އދ.ގެ އިންސާނީ ހައްޤުތަކާ ބެހޭ ކައުންސިލްގެ 46 ވަނަ ދައުރުގެ ހައި-ލެވެލް ސެގްމަންޓްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

އދ.ގެ އިންސާނީ ހައްޤުތަކާ ބެހޭ ކައުންސިލްގެ 46 ވަނަ ދައުރުގެ ހައި-ލެވެލް ސެގްމަންޓަކީ އިންސާނީ ހައްޤުތަކާބެހޭ ކައުންސިލްގެ މިއަހަރުގެ ސެޝަންގެ ފުރަތަމަ ސެގްމަންޓެވެ. ކޯވިޑް-19ގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކާއެކު މި އަހަރުގެ ކައުންސިލްގެ ބައްދަލުވުންތައް ކުރިއަށްދަނީ ޖެނީވާގައި ބާއްވާ ބައިތަކުގެ އިތުރުން ވަރޗުއަލް އިވެންޓްތަކެއްގެ ގޮތުގައެވެ.

މި ބައްދަލުވުމުގައި ވަރޗުއަލްކޮށް ބައިވެރިވެވަޑައިގެން ފޮރިން މިނިސްޓަރ ޝާހިދު ދެއްކެވި ވާހަކަފުޅުގައި އިންސާނީ ހައްޤުތައް ހިމާޔަތްކޮށް، ކުރިއަރުވަން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވިއެވެ. އަދި އިންސާނީ ހައްޤުތަކުގެ ދާއިރާގައި ރާއްޖެއަށް ހޯދުނު ކާމިޔާބުތަކަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތާއި ތަރައްޤީގެ ފްރޭމްވޯކްގެ ކާމިޔާބުކަމަށް ވިދާޅުވިއެވެ.

އެގޮތުން އެންމެފަހުގެ ޔުނިވަރސަލް ޕީރިއަޑިކް ރިވިއުގައި ރާއްޖޭގެ އިންސާނީ ހައްޤުތަކުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށް ޤައުމުތަކުން ދީފައިވާ ރެކޮމެންޑޭޝަންތައް ތަންފީޒްކުރުމަށް މަސައްކަތްކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އިޤްތިޞާދީ، އިޖްތިމާޢީ އަދި ސަގާފީ ހައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލް ރާއްޖެއިން ތަންފީޒުކުރިކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އދ.ގެ ސްޕެޝަލް ޕްރޮސީޖަރސް މެންޑޭޓް ހޯލްޑަރުން ރާއްޖެއަށް ޒިޔާރަތްކުރުމަށް ދީފައިވާ ދައުވަތަށް ބަދަލެއް ނާންނަކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް އެބޭފުޅުންގެ ޒިޔާރަތްތަކަށް ރާއްޖެއިން މަރުޙަބާ ކިޔާނެކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގައި ފާހަގަކުރެވޭ އިންސާނީ ހައްޤުތަކުގެ މައްސަލަތައް ހައްލުކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށްވެސް މިނިސްޓަރ ޝާހިދު އަލިއަޅުއްވާލެއްވިއެވެ. އެގޮތުން އިންސާނީ ވަގުވިޔަފާރި ހުއްޓުވުމާއި، ޤަނޫނުގެ ވެރިކަން ނެގެހެއްޓުމާއި އިންތިޤާލީ އިންސާފު ޤާއިމްކުރުމުގެ އިތުރުން ނުރައްކަލަށް ހުށަހެޅިފައިވާ މުޖްތަމައުގެ ފަރުދުންނަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރުކުރުމާއި ބެހޭގޮތުން މިނިސްޓަރ ވާހަކަފުޅު ދެއްކެވިއެވެ. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއާއި ކުދި ޖަޒީރާ ޤައުމުތަކަށް އިންސާނީ ހައްޤުތައް ހިމާޔަތްކުރުމުގައި ދިމާވާ އިތުރު ގޮންޖެހުންތަކާ ބެހޭގޮތުންވެސް މިނިސްޓަރ ވާހަކަފުޅު ދެއްކެވިއެވެ.

ކޯވިޑް-19ގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން، މި ގޮންޖެހުންތަކުން އަރައިގަތުމުގައި އދގެ ޗާޓަރުގައި ކަށަވަރުކޮށްދޭ އިންސާނީ ހައްޤުތަކަށް ސަމާލުވުމަށް މިނިސްޓަރ ގޮވާލެއްވިއެވެ. އަދި ގޮންޖެހުންތަކުން އަރައިގަތުމަށް މިކުރެވޭ މަސައްކަތަކީ އެއްވެސް މީހަކު ބާކީ ވިޔަނުދޭނެ އިޖްތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށް އޮތް ފުރުސަތެއްކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަފުޅު ނިންމަވާލެއްވުމުގެ ކުރިން ފަލަސްތީނުގެ މުސްލިމުންނާއި މިޔަންމާގެ ރޮހިންޔާ މުސްލިމުންނަށް ދިމާވެފައިވާ އިންސާނީ ކާރިސާއާ ބެހޭގޮތުންވެސް ވާހަކަފުޅު ދެއްކެވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!