ކެމެރަން ޑިއާޒް ހޮލީވުޑަށް އެނބުރި އައުމެއް ނެތް؟

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ކެމެރަން ޑިއާޒް، އަނބުރާ އެކްޓިންގ އަށް ނުކުންނަން ޝައުގުވެރިކަން ނެތްކަން ހާމަކޮށްފިއެވެ.

2017 ގެ މާޗު މަހު އަމިއްލައަށް އެކްޓިންގ އިން ރިޓަޔާވި ބަތަލާ ދާދިފަހުން ‘ކަރަންޓީންޑް ވިތު ބްރޫސް’ ޝޯއަށް ދިން އިންޓަވިއުއެއްގައި ބުނީ، އެކްޓިންގ އިން ދުރުވިފަހުން އަމިއްލަ ދިރިއުޅުން ހަމައަކަށްއެޅި، އުފާވެރިކަން ހިތްހަމަޖެހުން ލިބިފައިވާ ކަމަށެވެ. އެހެންކަމުން ފިލްމު ކުޅެން އުޅުނު ދުވަސްވަރު މަތިން ހަނދާން ނުވާ ކަމަށާއި، މިހާރު އެންމެބޮޑު އިސްކަމެއް ދެނީ ދަރިފުޅުގެ ކަންތައްތަކަށް ކަމަށް ބުންޏެވެ.

“އަހަރެންގެ ދިރިއުޅުން ފުރިހަމަކޮށްދޭ ކަމަކީ މިހާރު މައިވަންތަކަން. ދަރިފުޅަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިއްމު ކަމެއް”، 48 އަހަރުގެ ތަރި ބުންޏެވެ. އޭނާ އިތުރަށް ފާހަގަކުރިގޮތުގައި، ފިލްމެއްގެ ޝޫޓިންގައި 14-16 ގަޑިއިރު ވަންދެން އުޅެންޖެހޭ ކަމަށާއި، އެހެންކަމުން ފިލްމު ކުޅެމުން ދަރިފުޅު ބެލުމަކީ ވާނެ ކަމެއް ނޫން ކަމަށެވެ.

ނަމަވެސް ކެމެރަން ބުނީ، ދުވަހަކުވެސް ފިލްމެއް ނުކުޅޭނަމެކޭ ނުބުނާނެ ކަމަށާއި، ކޮންމެވެސް ދުވަހަކުން ފިލްމަކުން ފެނުމަކީ ނާދިރު ކަމެއް ނޫން ކަމަށެވެ. “އެކަމަކު ވިސްނުމަކު ނެތް އަލުން ފިލްމު ކުޅެން ނުކުންނާކަށް”.

ކެމެރަން ޑިއާޒް ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި “މައި ބެސްޓް ފްރެންޑްސް ވެޑިންގ”، ގޭންގްސް އޮފް ނިއު ޔޯކް” އަދި “ދި އަދާ ވުމެން” ފާހަގަކޮށްލެވެއެވެ. އޭނާ އެންމެފަހުން ކުޅުނު ފިލްމަކީ 2014 ވަނަ އަހަރުގެ “އެނީ” އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!