އަހަންނަކީ ބްރޭންޑެޑް އެއްޗިއްސަށް މާ ސަމާލުކަން ދޭ މީހެއް ނޫން: ސާރާ

އަންނައުނާއި އެކްސެސެރީޒް ފަދަ ތަކެތި ގަންނައިރު ވަކި ބްރޭންޑަކަށް ނުބަލާ ކަމަށާއި، ބޮޑަށް ބަލަނީ އަގުހެޔޮކޮށް ގިނަ އެއްޗެހި ގަނެވޭތޯ ކަމަށް ބޮލީވުޑްގެ އުއްމީދީ ބަތަލާ ސާރާ އަލީ ޚާން ބުނެފިއެވެ.

“ކޭދަރްނާތު” އަދި “ސިމްބާ” ފަދަ ފިލްމުތަކުން ބެލުންތެރިންގެ ސަމާލުކަން ހޯދާފައިވާ ބަތަލާގެ ހެދުން އެޅުމުގެ ވައްޓަފާޅިއަށް ވެސް ގިނަބަޔަކު ތަޢުރީފުކުރަމުން ދެއެވެ. ޙާއްސަކޮށް ސާޅީ އާއި ސަލްވާރް ކަމީޒް ފަދަ އިންޑިއާގެ ހެދުންތަކަށް ސާރާ ލޯބިކުރާކަން ފާހަގަކުރެވެއެވެ.

ހެދުން އެޅުމުގެ ވައްޓަފާޅިއާ ބެހޭގޮތުން މެގަޒިން އަކާ ވާހަކަދައްކަމުން 25 އަހަރުގެ ބަތަލާ ބުނީ، އޭނާއަކީ ބޭކާރު ގޮތުގައި ފައިސާ ހޭދަކުރުމަށް ލޯބިކުރާ ފަންނާނެއް ނޫން ކަމަށެވެ. “އަހަންނަކީ އެއްވެސް ވަރަކަށް ބްރޭންޑެޑް އެއްޗިއްސަށް ބަލާ މީހެއް ނޫން. އާދައިގެ ފިހާރަތަކުން ގަންނަ އަގުހެޔޮ ހެދުން ލައިގެން ވެސް އަހަރެން ހިތްހަމަޖޭ”.

ސާރާ ބުނީ، ބްރޭންޑެޑް އެއްޗެހި ގަންނަ ނަމަ، އޭނާއަށް ލިބޭ މަހު މުސާރައަށް ވެސް ނުކަތާނެ ކަމަށެވެ.

ސާރާ އަލީ ޚާން އެންމެ އަވަހަށް ފެނިގެންދާނީ އަކްޝޭ ކުމާރާއެކު ކުޅެފައިވާ “އަތުރަންގީ ރޭ” އިންނެވެ. އެ ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އޮގަސްޓު 6 ގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!