ކަލާޒް ޗެނަލުން ގެނެސްދޭ މަޤުބޫލު ރިއަލިޓީ ޝޯ “ބިގް ބޮސް” ގެ 14 ވަނަ ސީޒަންގެ އެއްވަނަ، މަޝްހޫރު ޓީވީ އެކްޓްރެސް ރުބީނާ ދިލެއިކް ކާމިޔާބު ކޮށްފިއެވެ.
ރުބީނާއަށް އެއްވަނަ ލިބުނީ، ރާހުލް ވެއިދްޔާ އާ ވާދަކޮށްގެންނެވެ.
މިރޭ އޮތް ފިނާލޭގައި، 5 ފައިނަލިސްޓުންގެ ގޮތުގައި ތިބީ ރުބީނާ، ރާހުލް، ނިކީ ތަމްބޯލީ، އަލީ ގޯނީ އަދި ރާކީ ސާވަންތެވެ. އޭގެތެރެިން ރާކީ ސާވަންތު ޝޯއާ ވަކިވީ 14 ލައްކަ ރުޕީސްގެ ފައިސާ ހިފައިގެންނެވެ. އޭގެފަހުން އަލީ ގޯނީ ވަނީ ވޯޓު މަދުވުމުގެ ސަބަބުން ރޭހުން ކަޓައިފައެވެ. އަދި ހަމައެހެންމެ، އަލީ އެކޭ އެއްގޮތަށް ނިކީ ތަމްބޯލީ 3 ވަނައިގައި ހިމެނުމަށްފަހު ވަކިވީ ވޯޓު މަދުވެގެންނެވެ.
ރުބީނާ ދިލެއިކް، 33، “ބިގް ބޮސް 14” ގައި ބައިވެރިވީ އޭނާގެ ފިރިމީހާ އަބިނަވް ޝުކްލާއާ އެކީގައެވެ. ނަމަވެސް އަބިނަވް ވަނީ ޓޮޕް 7ން ކަޓައިފައެވެ.
ފައިނަލިސްޓުންގެ ތެރޭގައި ހިމެނުނު އެހެން ބައިވެރިންނާ ޚިލާފަށް ރުބީނާއަކީ ޝޯ ފެށުނީންސުރެ އެއްގޮތަކަށް ވެސް ގެއިން ނުނުކުމެ ނިމެންދެން ހިފަހައްޓައިލި ހަމައެކަނި ބައިވެރިޔާއެވެ. އެހެންކަމުން މިއީ ރުބީނާއަށް އެއްވަނަ ޙައްޤުވާންޖެހޭ ކަމެއް ކަމަށް އޭނާގެ ފޭނުން ވަނީ ފާހަގަކޮށްފައެވެ.
“ބިގް ބޮސް 14” ގެ ދެވަނައަށް ދިޔަ ރާހުލް ވެއިދްޔާއަކީ މުޅި ޝޯގައި ވެސް އެންމެ ގަދަޔަށް ރުބީނާއާ އަރައިރުންވެ، ޒުވާބު ކުރި ބައިވެރިޔާއެވެ.