އިންޑިއާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގަންނަވަނީ

އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ.ސުބްރަމާނިއަމް ޖައިޝަންކަރު މިމަހު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހުން އާދިއްތަ ދުވަހަށް ރާއްޖެއަށް ކުރައްވަން ހަމަޖެހުނު ރަސްމީ ދަތުރުފުޅަކީ ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ ދަޢުވަތަކަށް ކުރައްވަން ހަމަޖެއްސެވި ދަތުރުފުޅެކެވެ.

އިންޑިއާގެ އެކްސްޓަރނަލް އެފެއަރސް މިނިސްޓަރުގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ އަރިހަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާނެއެވެ. އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒާއި މިނިސްޓްރ އޮފް ޑިފެންސާ ބައްދަލު ކުރައްވާނެއެވެ. މީގެ އިތުރުން މިނިސްޓަރ އޮފް ފިނޭންސް، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އާއެކު ޖޮއިންޓް މީޓިންގއެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައިއެވެ.

މި ދަތުރުފުޅުގައި އިންޑިއާ އާއި ދިވެހި ރާއްޖެއާއި ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަމަށް ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީއިން މަޢުލޫމާތުދެއެވެ. އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫއުތަކެއް އިފްތިތާހު ކުރެއްވުމަށް ވަނީ ހަމަޖެހިފައިއެވެ.

އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ރާއްޖެއަށް މި ކުރައްވާ ދަތުރުފުޅަކީ އެމަނިކުފާނު 2019ވަނަ އަހަރު މޭއި މަހު މަގާމާ ހަވާލުވިފަހުން ރާއްޖެއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!