ރަޝިއާއަށް އުފަން ކްރިޓިނާ އޮޒްޓާރކް އަށް އަލަތު ދަރިފުޅު ލިބުނީ އުމުރުން 17 އަހަރުގައި، ކައިވެނިން ބޭރުންނެވެ. އޭނާއަށް 56 އަހަރުގެ މުއްސަނދި ހޮޓެލް އޯނަރު ގަލިޕް އޮޒްޓާރކް ދިމާވީ ޖޯޖިއާގެ ބަޓޫމީއަށް ޗުއްޓީ ހޭދަކުރަން ގޮސް ހުއްޓައެވެ. އުމުރުގައި ފަރަގު ހުއްޓަސް، މިދެމީހުންނަށް ފުރަތަމަ ނަޒަރު ލޯބިވެވިގެން ކައިވެނި ކުރަން ނިންމިއެވެ.
ކައިވެންޏަށްފަހު އެދެމަފިރިންނަށް ލިބުނު ފުރަތަމަ ދަރިފުޅު މުސްތަފާ އުފަންވީ މިދިޔަ އަހަރުގެ މާޗު 10 ގައެވެ. އެއަށްފަހު މި އަހަރުގެ ޖެނުއަރީ 16 އާ ހަމައަށް އިތުރު 9 ކުދިން ވަނީ ހޯދައިފައެވެ. މި ދެމަފިރިން ދަރިން ހޯދީ ސަރޮގެސީ މެދުވެރިކޮށެވެ. އަދި އެގޮތަށް ނިންމީ، އަވަހަށް ގިނަ ކުދިންތަކެއް ހޯދަން ވެގެން ކަމަށް ‘ޑެއިލީ މެއިލް’ އާ ވާހަކަދައްކަމުން ކްރިސްޓިނާ ވަނީ ހާމަކޮށްފައެވެ.
ކްރިސްޓިނާގެ ޖުމްލަ 11 ކުދިން މިހާރު ތިބެއެވެ. އޭގެތެރެއިން 10 ކުދިންނަކީ އަހަރު ނުވާ ކުދިންނެވެ. އަދި މި ކުދިންގެ ކަންތައްތައް ބެލެހެއްޓުމަށް މީހުން ތިބޭއިރު، އެކުދިން ބެލުމުގައި ވަކި ޙާއްސަ އުސޫލުތަކެއް ގެންގުޅޭ ކަމަށް ކްރިސްޓިނާ ވަނީ ބުނެފައެވެ. އެގޮތުން ހުރިހާ ކުދިންވެސް ރޭގަނޑު 8ން ހެނދުނު 6އަށް ނިދާ ކަމަށާއި، އެކުދިންގެ ހުރިހާ ކަމެއް ކޮންމެދުވަހަކު ވަކިވަކިން ފޮތެއްގައި ލިޔާ ކަމަށް ބުންޏެވެ.
ކްރިސްޓިނާ އާއި ގަލިޕްގެ 10 ކުދިންނަށް 10 ސަރޮގޭޓް މަންމައިން ހޯދިއިރު، އެއިން ކޮންމެ ސަރޮގެސީ އަކަށް 9709 ޑޮލަރު ދިޔަ ކަމަށް ބުނެފައިވެއެވެ. މި ދެމަފިރިންގެ ހުވަފެނަކީ 100 އަށްވުރެ ގިނަ ކުދިން ހޯދުން ކަމަށްވެސް ހާމަކޮށްފައެވެ.