އަހަރެންގެ ބަރުދަނާ ބެހޭގޮތުން ސުވާލުކުރުމުން ހިތްހަލާކުވޭ: މީރާ

ވަރަށް ގިނަ މީހުން އޭނާގެ ބަރުދަނާ ބެހޭގޮތުން ސުވާލުކުރާ ކަމަށާއި، އެކަމާހެދި “ހިތްހަލާކުވާ” ކަމަށް މަޝްހޫރު ދިވެހި ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދު ބުނެފިއެވެ.

މިދިޔަ ހަފްތާގައި، އިންސްޓަގްރާމްގައި ކުރިއަށްގެންދިޔަ ސުވާލާއި ޖަވާބުގެ ސެޝަނެއްގައި ފޭނަކު ކުރި ސުވާލަކަށް ޖަވާބުދެމުން މީރާ ބުނީ، ބަރުދަން އިތުރުވުމާއި ލުއިވުމަކީ އޭނާ ރާވައިގެން ކުރާ ކަމެއް ނޫން ކަމަށެވެ. އަދި އެކަމާ ބެހޭގޮތުން ވާހަކަދައްކަން ބޭނުންނުވާކަން މީރާ ވަނީ ހާމަކޮށްފައެވެ.

މީރާ ބުނީ އޭނާއަކީ ވަރަށް “ބިޒީ” ދިރިއުޅުމެއްގައި އުޅޭ މީހެއް ކަމަށާއި، އެކަމާހެދި ބަރުދަން ވަކި ވަރެއްގައި ދެމެހެއްޓުމަށްޓަކައި އެއްވެސް މަސައްކަތެއް ކުރަން ވަގުތު ނުވާ ކަމަށެވެ. “އަހަރެން ހިކުނީ ކުރިން ބަރުދަން އިތުރުވި ގޮތަށް ހަމަ ކުއްލިއަކަށް”.

މީގެ އިތުރުން މީރާ ބުނީ، އޭނާ ބައެއްފަހަރު ގޭގައި އިނދެގެން ޔޫޓިއުބް ބަލައިގެން ޔޯގާ ފަދަ ކަސްރަތު ކުރާ ކަމަށާއި، އަދި ވަގުތު ވެއްޖެނަމަ ފަތަން ވެސް ދާ ކަމަށެވެ. އެހެންނަމަވެސް ބަރުދަން ލުއިކުރަންށޭ ކިޔާފައި ވަކި ޙާއްސަކަމެއް ނުކުރާ ކަމަށް ބުންޏެވެ. “އެހެންވީމަ އަހަރެން ހިކުނީ ކިހިނެއްހޭ އަހާ އެންމެންނަށް ޖަވާބު ލިބިއްޖެ ކަމަށް ހީކުރަން”، މީރާ ލިޔެފައިވެއެވެ.

މީރާ ވަނީ، އެއްވެސް މީހެއްގެ ބަރުދަނާ ބެހޭގޮތުން އެހެން މީހުން ސުވާލުކުރުމަކީ ރީތި ކަމެއް ނޫން ކަމަށް ބުނެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!