އައްޑޫގެ އިތުރު ދެ ކެންޑިޑޭޓަކަށް ކައުންސިލްގެ ގޮނޑި ކަށަވަރުވެއްޖެ

ނުބޭއްވި ދިގުލައިގެން ލަސްވެފައިވާ މި ފަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އައްޑޫ ސިޓީ ކައުންސިލަށް ވާދަކުރާ އިތުރު ދެ ކެންޑިޑޭޓަކަށް ގޮނޑި ކަށަވަރުވެއްޖެ އެވެ.

އަންނަ އޭޕްރީލް 10 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ގޮނޑި ކަށަވަރުވީ އެމްޑީޕީގެ ޓިކެޓްގައި ހިތަދޫ ކޮރުވަލު ދާއިރާ އަށް ވާދަކުރާ އިބްރާހީމް ޝިނާޒް މޫސާ އާއި ހުޅުދޫ ދާއިރާ އަށް ނުކުންނަ ހުސެއިން ފައިޒުއްރަހްމާނެވެ.

އެ ދެ މީހުންނަށް ގޮނޑި ކަށަވަރުވީ އެ މީހުން ވާދަކުރާ ދާއިރާތަކަށް ވާދަކުރާ އެހެން ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމުންނެވެ.

ޝިނާޒް ވާދަކުރާ ދާއިރާގެ ގޮނޑި އަށް އޭނާ އަށް ކަށަވަރުވީ އެ ދާއިރާ އަށް ވާދަކުރާ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު ޖިނާން (ޖިންކޯ) ނަން ގެންދިއުމުންނެވެ. ފައުޒު ވާދަކުރާ ދާއިރާގެ ގޮނޑި އޭނާ އަށް ކަށަވަރުވި އިރު އެ ދާއިރާ އަށް ޕީޕީއެމްގެ ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ދެ ކެންޑިޑޭޓަކު ވާދަކުރި އެވެ.

ޝިނާޒަކީ ކުރިން ކައުންސިލްގެ ދަށުން ހިތަދޫ އަވަށު ބޯޑްގެ ރައީސްކަން ކޮށްފައިވާ މީހެކެވެ.

ޝިނާޒާއި ފައުޒުގެ އިތުރުން ކުރިން ވެސް ކައުންސިލަށް ވާދަކުރާ އެހެން ދާއިރާގެ ގޮނޑި ކެންޑިޑޭޓަކަށް ކަށަވަރުވެފައިވެ އެވެ. އެއީ ހިތަދޫ ބޭރުމަތި ދާއިރާ އަށް ވާދަކުރާ މަރިޔަމް ސައީދެވެ.

އައްޑޫ މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރުކަން ކުރެއްވި އަލީ ނިޒާރެވެ. އިދިކޮޅު ޕީޕީއެމުން އެ މަގާމަށް ނުކުންނަނީ މުހައްމަދު ލަތީފު (ވޮލީ ލަތީފު) އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!