ސައުދީއިން މިހާރު ތަންފީޒު ކުރަމުން އަންނަ ހަރުކަށި ފިޔަވަޅުތައް، އިތުރު 20 ދުވަހަށް ދަންމާލައިފި

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޮންޓްރޯލް ކުރުމަށް ސައުދީއިން މިހާރު ތަންފީޒު ކުރަމުން އަންނަ ހަރުކަށި ފިޔަވަޅުތައް، ރެއިން ފެށިގެން އިތުރު 20 ދުވަހުގެ މުއްދަތަށް ދަންމާލައިފިއެވެ.

މިއާއެކު، އާންމު އެއްވުންތަކާ، އިވެންޓްތަކާ، މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގެ އިތުރުން، ކެފޭ/ރެސްޓޯރަންޓްތަކުގައި ތިބެގެން ކައިބޮއި ހެދުމާ ގުޅިގެން އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް، އިތުރު 20 ދުވަހުގެ މުއްދަތަށް ތަންފީޒު ކުރާނެ ކަމަށް، އެ ގައުމުގެ ދާހިލީ ވުޒާރާގެ މަސްދަރަކާ ހަވާލާދީ، ސައުދީގެ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

ސައުދީއިން ހަރުކަށި ފިޔަވަޅުތަކެއް އަޅާ، އިތުރު 20 ދުވަހުގެ މުއްދަތަށް އެ ފިޔަވަޅުތައް ދަންމާލާފައި މިވަނީ، މިފަހަކަށް އައިސް ސައުދީއިން ރިޕޯޓް ކުރާ ކޭސްތައް އިތުރުވާން ފެށުމާއެކުގައެވެ. ކޭސްތައް އިތުރުވާން ފެށުމާއެކު ސައުދީއިން ފިޔަވަޅުތައް ހަރުކަށި ކުރީ މިމަހުގެ 4 ވަނަ ދުވަހުއެވެ. އެހެން ކަމުން، ޖުމުލަ 30 ދުވަހުގެ މުއްދަތަށް މި ފިޔަވަޅުތައް ތަންފީޒު ކުރާނެއެވެ.

ސައުދީއިން ވަރުގަދަކޮށް، ތަންފީޒު ކުރާ ބައެއް ފިޔަވަޅުތަކުގެ ތެރޭގައި:

  • އާންމު އެއްވުންތަކުގެ ބައިވެރިންގެ އަދަދު 20 އަށް ވުރެ އިތުރު ނުކުރުން
  • މުނިފޫހިފިލުވުމާ ގުޅިފައިވާ ހުރިހާ އިވެންޓަކާއި ހަރަކާތެއް މެދުކަނޑާލުން
  • ކެފޭ/ރެސްޓޯރަންޓްތަކުގެ ޑައިން-އިން ހިދުމަތް މެދުކަނޑާލުން އަދި ޓޭކްއަވޭ ހިދުމަތް ދިނުމުގައި އެއްވުންތަކަށް ހިތްވަރު ނުދޭނެ ފަދަ މޭރުމަކުން އެކަން ކުރިއަށް ގެންދިއުން ހިމެނެއެވެ.

ސައުދީ އަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ގައުމެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!