އިދިކޮޅުން މުޒާހަރާގެ ނަމުގައި ލާހުރެނީ, އެ ނުވޭ މުޒާހަރާއަކަށް: ރައީސް ނަޝީދު

ހައެއްކަ މީހުން މަގުމައްޗަށް ނިކުމެ ހަޅޭއް ލެވިޔަސް އެއީ މުޒާހަރާއަކަށް ނުވާނެ ކަމަށް ވިދާޅުވެ އިދިކޮޅު ކޯލިޝަނުން ކޮންމެ ދުވަހަކު ކުރަމުންދާ އިހުތިޖާޖަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އިދިކޮޅުން ކުރާ ކަންކަމުގެ ވާހަކަ ދެއްކުމަކީ ވެސް ބޭކާރު ކަމެއް ކަމަށެވެ. އެކަމަކު މަގުމަތީގައި ހައެއްކަ މީހަކު މުޒާހަރާއެއްގެ ނަމުގައި “ލާހޫރޭ” ކަމަށެވެ. އެކަމަކު އެއީ މުޒާހަރާ އަކަށްވެސް ނުވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ކަމަކަށް ނުވާ ކަމެއްގައި ކޮންމެ ރެއަކު އެކަމުގެ ތެރޭގައި ފުލުހުން ތާށިވެ އެތަނުގައި ތިބެން ޖެހުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ހައެއްކަ މީހުން ބަލަހައްޓަން ފުލުހުން ނެރެން ނުވެސް ޖެހޭ ކަމަށެވެ.

މީގެ އިތުރަށް ރައީސް ނަޝީދު ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ކޮންމެ މަސައްކަތެއް ކުރިޔަސް ގައުމުގެ ކަންކަން ހިންގައި ކުރިއަށް ގެންދެވެން އޮތީ އެމްޑީޕީއަށްކަން ރާއްޖޭގެ ރައްޔިތުންނަށް ސާފު ކަމަށެވެ.

“މަގުމަތީގައި ހައެއްކަ މީހުން އެބަ ‘ލާހޫރޭ’… ބުނަނީ މުޒާހިރާއޭ. މުޒާހިރާއަކަށް ނުވެސްވޭ. އަދި ހަގީގަތުގައި އެކައްޗަކަށް ވެސް ނުވޭ. ހައެއްކަ މީހުން މަގުމައްޗަށް ނިކުމެ ‘ލާހޫރު’ ން އެއީ އަޅުގަނޑުމެން ނުދެކެން އެއްވެސް ހާލެއްގައި މުޒާހަރާއެއް ކަމަކަށް. ދެން ވަރަށް ފުލުހުންގެ ވަގުތުތައް ނަގާލަން ޖެހޭ ކަމާއި ފުލުހުން އެތަންތަނުގައި ތިބެން ޖެހޭ ކަމީ. ދެން އަޅުގަނޑުމެންނަށް އެނގޭ ހައެއްކަ މީހުން ބަލަހައްޓަން ފުލުހުން ނެރެގެން އުޅޭކަން ނުވެސް ޖެހޭކަން،” ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އިދިކޮޅުގެ ހަރަކާތައް ރައްޔިތުންގެ ތާއީދެއް ނެތް ކަމަށެވެ. ރައްޔިތުން ތިބީ އެމްޑީޕީއާއެކު ކުރިއަށްދާން ކަމަަށެވެ. އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ރައްޔިތުން ގަބޫލުކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

“ކިތަންމެ ވަރެއްވިޔަސް ވެސް ރައްޔިތުންނަށް މިއަދު ސާފުވެފައި އޮތް ހަގީގަތަކީ ސަލާމަތްތެރިކަމާއެކީގައި ވިސްނުންތެރިކަމާއެކީގައި ބުއްދިވެރި ކަމާއެކީ ދިވެހިން ޖަހަން ބޭނުންވާ ‘ޖަންޕު’ ޖެހޭނީ އެމްޑީޕީއާ އެކީގައިކަން. އިރާދަކުރެއްވިއްޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ޒައާމަތުގައި އަޅުގަނޑުމެން އެ ‘ޖަންޕް’ ޖަހާނީ،” ރައީސް ނަޝީދު ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!