ދެ ދުވަސްތެރޭ ރާއްޖެއަށް 9000އަށްވުރެ ގިނަ ފަތުރުވެރިން

ފާއިތުވި ދެ ދުވަސްތެރޭ ރާއްޖެއަށް 9000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކުރާ ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި ދެ ދުވަހުގެ ތެރެއިން ކޮންމެ ދުވަހެއްގައިވެސް ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދު އުޅެނީ 4000 އަށްވުރެ މަތީގައެވެ.

އެގޮތުން މިމަހުގެ 12ވަނަ ދުވަހު ރާއްޖެއަށްވަނީ 4809 ފަތުރުވެރިން އައިސްފައެވެ. މިއީ މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ ދުވަހެވެ. އަދި މިމަހުގެ 13ވަނަ ދުވަހުވެސް ރާއްޖެއަށްވަނީ 4480 ފަތުރުވެރިން އައިސްފައެވެ.
މިއަދަދުތަކާއެކު އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުުރުވެރިންގެ އަދަދުވަނީ 1،34056އަށް އަރާފައެވެ. މިދިޔަ އަހަރުގެ ފެބުރުއަރީމަހުގެ 13ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 2،39535 ފަތުރުވެރިން އައިސްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު އަންނަ ފަތުރުވެރިންގެ އަދަދުވަނީ 3047 އަކަށް އަރާފައެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިން މިހާރު އާއްމުގޮތެއްގައި ރާއްޖޭގައި 9 ދުވަހުގެ ޗުއްޓީއެއް ހޭދަކުރާ ކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ރަޝިއާއިންނެވެ. އެގޮތުން އަހަރުގެ މިހާތަނަށް އެޤައުމުން ރާއްޖެއަށް 27،041 ފަތުރުވެރިން އައިސްފައިވެއެވެ. ދެން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ އިންޑިއާއިންނެވެ. އެޤައުމުން ރާއްޖެއަށް 26،292 ފަތުރުވެރިން ވަނީ އައިސްފައެވެ. ތިންވަނައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޔޫކްރެއިނުންނެވެ. އެގޮތުން އެޤައުމުން ރާއްޖެއަށް 8،867 ފަތުރުވެރިން އައިސްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!