ރުބީނާ ވަރިކުރާކަށް ނޫޅެން: އަބިނަވް

“ބިގް ބޮސް 14” އިން އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބުނު އެއް ވާހަކައަކީ، ޝޯގެ ބައިވެރިންގެ ތެރޭގައި ހިމެނުނު ދެމަފިރިން، ރުބީނާ ދިލެއިކް އާއި އަބިނަވް ޝުކްލާ ވަރިވާން އުޅުނު ވާހަކައެވެ. މި ވާހަކަ އެޝޯގައި ހިއްސާކުރީ ޓާސްކެއްގެ ތެރެއިން ރުބީނާއެވެ. މަޝްހޫރު ޓީވީ އެކްޓްރެސް ކިޔައިދިން ގޮތުގައި، އެ ކައިވެނީގައި ކުނިޖެހި ދެމީހުން ވަރި ފަށަށް އަރާފައި ވަނިކޮށް “ބިގް ބޮސް” ގައި ބައިވެރިވުމުގެ ފުރުސަތު ލިބުމުން، ވަރި ފަސްކޮށްލީ ކަމަށެވެ. އެއީ އެމީހުން އެކަކު އަނެކަކަށް ދީފައިވާ 6 މަހުގެ މުހުލަތު ހަމަވާން ކައިރިވެފައި އޮތުމުން، “ބިގް ބޮސް 14” ގައި ބައިވެރިވެެގެން ކައިވެންޏަށް އިތުރު ފުރުސަތެއް ދޭން ނިންމީ ކަމަށް ރުބީނާ ކިޔައިދިނެވެ.

މިފަހުން އަބިނަވް ޝުކްލާ އެ ޝޯއިން ކަޓާފައިވާތީ، މީޑިއާތަކުން އޭނާއާ ސުވާލުކުރިއިރު އެންމެ މުހިއްމު ސުވާލެއްގެ ގޮތުގައި ކޮށްފައިވަނީ، ރުބީނާ “ބިގް ބޮސް” ގެ ގެއިން ނުކުތުމުން އެދެމީހުން ވަރިވާނެތޯ އެވެ. މިއަށް ޖަވާބުދެމުން އަބިނަވް ބުނީ މިހާރު ވަރިވުމުގެ ވިސްނުމެއް ނެތް ކަމަށެވެ. ސަބަބަކީ “ބިގް ބޮސް” ގައި ބައިވެރިވެގެން އެދެމަފިރިން ހީނުކުރާވަރުގެ މައްސަލަތަކަކާ އެކީގައި ކުރިމަތިލާފައި ވާތީ، ކުރިން ކޮށްފައިވާ ޒުވާބުތަކަކީ އެއްވެސް އެއްޗެއް ނޫން ގޮތުގައި ފެންނާތީ ކަމަށެވެ.

“ބިގް ބޮސްގެ ގޭތެރޭގަ އަހަރެމެން މާ ބޮޑެތި ކަންކަމާ ކުރިމަތިިލިން. އެއީ ހަގީގީ ދިރިއުޅުމުގަ އަހަރެމެން ކުރާ ޒުވާބުތަކާ ނުބައްދަލު ކަންކަން. އެހެންވީމަ، ދެމީހުން އެކީގަ ސާބިތުކަންމަތީ އެ ހުރަސްތައް ގިރާކުރެވެންޏާ، އަހަރެމެން އެކުގައި ކުރިމަތިނުލެވޭނެ ކަމެއް ނާންނާނެ. މިއީ ބިގް ބޮސް އަށް ވަންނަން އުޅުނުއިރު ވެސް އަހަރެން ރުބީނާ ކައިރީގަ މަޖަލަކަށް ހަދާފަ ބުނި ވާހަކައެއް. އެކަން މިހާރު މިވަނީ ހަގީގަތަކަށް ވެފަ”، އަބިނަވް ކިޔައިދިނެވެ.

7 ބައިވެރިންނަށް ވެފައި ވަނިކޮށް އަބިނަވް ޝުކްލާ “ބިގް ބޮސް” އިން ކެޓީ، މީގެ ހަފްތާއެއް ކުރިން ބައިވެރިންގެ “ކަނެކަޝަން” ގެ ގޮތުގައި ގެއަށް ގެނައި ފަރާތްތަކުގެ ވޯޓުންނެވެ. އަބިނަވް އެޝޯއިން ކަޓާފައި ވިޔަސް، ރުބީނާ ވަނައަކާ ހަމައަށް ދާނެ ކަމަށް ވަރަށް ބޮޑަށް ލަފާކުރެވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!