ކޮވިޑްއާއި ގުޅިގެން ފުލުހުންގެ އޮޕަރޭޝަން ލެވެލް މަތިކޮށްފި

ކޮވިޑް-19ގެ ކޭސްތައް އިތުރު ވަމުން ދިއުމާ ގުޅިގެން ފުލުހުންގެ އޮޕަރޭޝަނަލް ސްޓޭޓަސް މަތި ކޮށްފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ފުލުހުންގެ އޮޕަރޭޝަން ސްޓޭޓަސް ލެވެލް 2 އަކަށް އުފުލާފައިވާކަމަށެވެ. އަދި އެ އޮޕަރޭޝަން ހިންގުމަށް އެންމެ އިސް ބޭފުޅަކަށް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މައްނާން ޔޫސުފް ހަމަޖައްސަވާ، އެމަނިކުފާނުގެ އިސްނެންގެވުމުގެ މަތިން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ކަނޑައަޅާފައިވާ ކޮވިޑް-19ގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެކަށިގެންވާގޮތެއްގައި ތަންފީޒުކުރުމަށް މި އޮޕަރޭޝަންގެ ތެރެއިން މަސައްކަތް ކުރާނެކަމަށް ކޮމިޝަނަރ ވިދާޅުވެފައި ވެއެވެ.

ސީޕީ ވިދާޅުވީ ކުރިއަށް އޮތް މަސް ދުވަހަށް ފުލުހުންގެ މުއައްސަސާ އިން އެންމެ އިސްކަން ދޭނީ މިހާރު މަތިވެފައިވާ ކޮވިޑް-19ގެ ސާޖް ދަށް ކުރަން އެހީތެރިވެ ދިނުމަށް ކަމަށެވެ. ހަމައެއާއެކު، ސީޕީ ވަނީ އެޗްޕީއޭގެ ގައިޑްލައިން ތަކަށް ތަބާ ވުމަށާއި، އާންމުން ފުލުހުންނާ ގުޅިގެން މަސައްކަތް ކުރުމަށް އިލްތިމާސް ކޮށްފައެވެ.

ފުލުހުންގެ އޮޕަރޭޝަނަލް ސްޓޭޓަސް މަތިކޮށްފައި ވަނީ މާލެ ސަރަހައްދުން ކޮވިޑް-19ގެ ކޭސްއެއް ފުރަތަމަ ފެނުމާއެކު ފުލުހުން އެލާޓް ވި ވަރަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!