މިދިޔަ މަހު މީރާ މެދުވެރިކޮށް ދައުލަތަށް 1.79 ބިލިއަން ރުފިޔާގެ އާމްދަނީއެއް

ޖެނުއަރީ މަހު މީރާ މެދުވެރިކޮށް ދައުލަތަށް 1.79 ބިލިއަން ރުފިޔާގެ އާމްދަނީ ލިބިއްޖެ އެވެ.

މީރާ އިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާ ބަލާއިރު 1.2 ޕަސެންޓުގެ ދަށްވުމެކެވެ. އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ކޮވިޑް-19 އާ ގުޅިގެން ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މިންވަރު ދަށްވެ، އެ ދާއިރާ އިން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވުން ކަމަށް މީރާ އިން ބުންޏެވެ.

މީރާ އިން ބުނީ އާމްދަނީ ދަށްވި ނަމަވެސް ޓޫރިޒަމް ދާއިރާގެ އިގްތިސާދު މިހާރު ރަނގަޅުވަމުން އަންނާތީ، ޓީޖީއެސްޓީގެ ގޮތުގައި ލިބޭ ފައިސާ އިތުރުވަމުން އަންނަ ކަމަށެވެ.

ޖެނުއަރީ މަހު މީރާ އިން ބަލައިގަތް އާމްދަނީގެ 43.4 ޕަސެންޓު ހިއްސާ ކުރަނީ އާމްދަނީން ނަގާ ޓެކުހެވެ. އެގޮތުން، އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 777.46 މިލިއަން ރުފިޔާ ބަލައިގެންފައިވާއިރު ޖީއެސްޓީގެ ގޮތުގައި 734.6 މިލިއަން ރުފިޔާ އަދި ގްރީން ޓެކްސްގެ ގޮތުގައި 57.35 މިލިއަން ރުފިޔާ ވަނީ ބަލައިގެންފަ އެވެ. މީގެ އިތުރުން ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި 52.34 މިލިއަން ރުފިޔާ ބަލައިގެންފައިވާއިރު ބީޕީޓީގެ ގޮތުގައި 45.57 މިލިއަން ރުފިޔާ އާއި އެހެނިހެން ޓެކްސް އާއި ފީގެ ގޮތުގައި 123.35 މިލިއަން ރުފިޔާ ވަނީ ބަލައިގެންފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!