މި ތަރިންގެ އަސްލު ނަންތައް އެނގޭތަ؟

ބައެއް މަޝްހޫރު މީހުންނަކީ، މަޝްހޫރުވުމަށްފަހު އެމީހުންގެ އަސްލު ނަން މުޅިން އެހެން ނަމަކަށް ބަދަލު ކުރާ ބައެކެވެ. މިއީ ހޮލީވުޑްގައި އާންމުކަމަކަށް ވެފައި އޮންނައިރު، ބޮލީވުޑްގައި ވެސް މިކަން ކޮންމެވެސް ވަރަކަށް އޮވެއެވެ. ތިރީގައި މި ހިއްސާކޮށްލަނީ އެކިއެކި ސަބަބުތަކާޙެދި، ނަން ބަދަލުކޮށްފައިވާ ބައެއް ބޮލީވުޑް ތަރިންނެވެ.

1. އަމީތާބް ބައްޗަން

ބޮލީވުޑް ދުށް އެންމެ ކުޅަދާނަ އެއް އެކްޓަރު ކަމަށްވާ އަމީތާބް ބައްޗަންގެ އުފަން ނަމަކީ އެޔެއް ނޫނެވެ. އަމީތާބް އުފަންވިއިރު އޭނާގެ ބައްޕަ އޭނާއަށް ދީފައިވާ ނަމަކީ ‘އިންޤިލާބް ސްރިވަސްތަވާ’ އެވެ. ނަމަވެސް ފަހުން އޭނާގެ ފަހު ނަން ‘ބައްޗަން’ އަށް ބަދަލުވެ، ކުރިއަށް ‘އަމީތާބް’ އިތުރުކޮށްފައިވެއެވެ. ފޭނުންގެ މެދުގައި އަމީތާބްގެ ވަނަމަކީ “ބިގް ބީ” އެވެ.

2. ސަލްމާން ޚާން

ސަލްމާންގެ ފުރިހަމަ ނަމަކީ އަބްދުލް ރާޝިދު ސާލިމް ސަލްމާން ޚާން އެވެ. އެ ނަން ކުރުކޮށް، ސަލްމާން ޚާންގެ ގޮތުގައި އޭނާ އަންނަނީ ބޭނުންކުރަމުންނެވެ. ފޭނުން ސަލްމާނަށް މުޚާތަބުކޮށް އުޅޭ ނަންތަކުގެ ތެރޭގައި “ދަބަންގް ޚާން” އަދި “ބާއި” ހިމެނެއެވެ.

3. އަކްޝޭ ކުމާރު

ބޮލީވުޑްގެ “ކިލާޅީ” ނުވަތަ “އައްކީ” ގެ އުފަން ނަމަކީ ރާޖިވް ހަރީ އޯމް ބާޓިއާ އެވެ. ފަހުން އޭނާގެ ނަން އަކްޝޭއަށް ބަދަލުކޮށްފައިވަނީ، އޭނާގެ ފުރަތަމަ ފިލްމު “އާޖް” ގައި އެކްޓަރު ކުމާރު ގޯރަވް ކުޅެފައިވާ ކެރެކްޓާގެ ނަމަށް ބަލައިގެން ކަމަށް އަކްޝޭ މީގެކުރިން ދިން އިންޓަވިއުއެއްގައި ހާމަކޮށްފައިވެއެވެ.

4. ޓައިގާ ޝްރޮފް

ޒުވާން އެކްޓަރު ޓައިގާ ޝްރޮފްގެ އުފަން ނަމަކީ ޖޭ ހެމަންތު ޝްރޮފް އެވެ. އޭނާގެ ނަން ‘ޓައިގާ’ އަށް ބަދަލުވި ގޮތަކީ، ކުޑައިރު މީހުންގެ ގައިގައި ދަތް އަޅާތީ ކަމަށް ޓައިގާގެ ބައްޕަ ޖެކީ ޝްރޮފް ކިޔައިދީފައިވެއެވެ.

5. ކިއާރާ އަދްވާނީ

މިހާރު ބޮލީވުޑްގައި ވިދަމުން އަންނަ ޒުވާން ބަތަލާ ކިއާރާ އަދްވާނީގެ އަސްލު ނަމަކީ އާލިޔާ އަދްވާނީ އެވެ. ނަމަވެސް ބޮލީވުޑަށް ނުކުތުމުގެ ކުރިން ‘ކިއާރާ؛ އަށް ނަން ބަދަލުކުރީ، ބޮލީވުޑްގައި މާކުރިން އާލިއާ އެއް ހުންނާތީ ކަމަށް އޭނާ ވަނީ އިންޓަވިއުއެއްގައި ކިޔައިދީފައެވެ. އެއީ މަޝްހޫރު ބަތަލާ އާލިއާ ބަޓް އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!