ރަންބީރުގެ ބޮޑުބޭބެ މަރުވުމުން އާލިއާގެ ރާއްޖެ ދަތުރު ކުރުކޮށްލައިފި

ބޮލީވުޑްގެ ނުފޫޒުގަދަ ކަޕޫރު އާއިލާއަށް ނިސްބަތްވި އެކްޓަރު/ޕްރޮޑިއުސަރު ރާޖިވް ކަޕޫރު ކުއްލި ގޮތަކަށް މަރުވުމާ ގުޅިގެން، ބަތަލާ އާލިއާ ބަޓް ރާއްޖެއަށް ކުރި ދަތުރު ކުރުކޮށްލުމަށްފަހު އެނބުރި އިންޑިއާއަށް ގޮސްފިއެވެ.

މީގެ ދުވަސްކޮޅެއް ކުރިން ރައްޓެހިންތަކަކާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އައި ބަތަލާ ވަނީ މިއަދު އެނބުރި މުމްބާއީއަށް ގޮސްފައެވެ. އޭނާ ޗުއްޓީ ހޭދަކުރަމުންދިޔައީ ޗެވަލް ބްލޭންކް ރަންދެލި ރިސޯޓުގައެވެ. ރާޖިވް ކަޕޫރަކީ، އާލިއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އެކްޓަރު ރަންބީރު ކަޕޫރުގެ ބޮޑުބޭބެއެވެ. އާލިއާ މުމްބާއީ އަށް ދިޔައީ ރާޖިވްގެ ޖަނާޒާގައި ބައިވެރިވެ، ރަންބީރު ކައިރީގައި ވުމަށެވެ.

58 އަހަރުގައި ރާޖިވް ކުއްލި ގޮތަކަށް މަރުވެފައިވަނީ ހާޓް އެޓޭކެއް ޖެހިގެންނެވެ. އެއާއެކު، ކަޕޫރު އާއިލާއަށާއި މުޅި ބޮލީވުޑަށް ވަނީ ފުން ހިތާމައެއް ކުރިމަތިވެފައެވެ. ރަންބީރުގެ ބައްޕަ ރިޝީ ކަޕޫރު މަރުވިތާ އަދި އަހަރެއް ވެސް ނުވެއެވެ. މީގެ އިތުރުން، މިދިޔަ އަހަރުގެ ކުރީކޮޅު، ކަޕޫރު އާއިލާގެ ރީތޫ ނަންދާ ވެސް ވަނީ މި ދުނިޔެ ދޫކޮށްފައެވެ. އެއީ ކަރީނާ، ކަރިޝްމާ އަދި ރަންބީރު ކަޕޫރުގެ ބޮޑުދައިތައެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!