މާމެންދޫ މަރު: ވަޅި ހަރާފައިވަނީ ކުރިމަތިފަރާތަށާއި ފަހަތުން ހިތާ ދިމާވާގޮތަށް

ގއ. މާމެންދޫގައި ރޭ 23:00 ހާއިރު ހިނގި މާރާމާރީގައި ގއ. މާމެންދޫ، ލީލީ އޮފްދެ ވެލީ އުމުރުން 17 އަހަރުގެ އަހްމަދު އުދައްޔު މަރުވީ އޭނާގެ ހަށިގަނޑަށް ވަޅިން ދިން ހަމަލާތަކުގެ ސަބަބުންނެވެ. އެ މާރާމާރީގައި އުދައްޔުގެ އެއްބަނޑު ބޭބެ، ފިރުޝާން ޒާހިރަށްވެސް ވަނީ ވަޅިން ހަމަލާދީ ޒަހަމް ކޮށްލާފައެވެ. މި ޒުވާނާގެ ހާލުވެސް ސީރިއަސްކަމަށް މައުލޫމާތު ލިބެއެވެ.

ރޭ މާރާމާރީގައި މަރުވި އުދައްޔުގެ ބުރަކަށީގެ އެކި ތަންތަނަށް ވަޅިން ހަމަލާދީފައިވާކަމަށާއި 4-5 އިންޗި ފުނަށް ވަޅި ހަރާ ޒަހަމްކޮށްލާފައިވާ ނިޝާންތައްވެސް ހުރިކަމަށް ގއ.އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއެވެ.

އުދައްޔު ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށާއި ވަޅި ހަރާފައިވަނީ ވަރަށް ފުނަށް ކަމުން ހަށިގަނޑުގެ މައި ގުނަވަންތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަންވެސް ޑޮކްޓަރުން ހަވާލާދީ ގއ އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއެވެ. އަދި ފުރަގަހުން ވަޅި ހަރާފައިވަނީ ފުއްޕާމެޔާ ހިތާ ދިމާލުންކަމަށާއި ފުލުހުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލަމުން އަންނަތީ ކުއްޖާގެ ހަށިގނޑު އަދިވެސް އޮތީ ގއ.އަތޮޅު ހޮސްޕިޓަލުގައިކަމަށް އެ ހޮސްޕިޓަަލުން ވިދާޅުވެއެވެ.

މީގެ އިތުރުން އެރަށުން މީހަކު މައުލޫމާތު ދޭގޮތުގައި، އެ މާރާމާރީ ހިނގަން މެދުވެރިވީ ދުވަސްތަކެއް ވަންދެން ދެ ގްރޫޕްއެއްގެ ދެމެދުގައި އޮތް ހަމަނުޖެހުމެއްގެ ސަބަބުންނެވެ. އެގޮތުން ރޭ އުދައްޔުމެންގެ ގްރޫޕުން ގޮސް އެ ރަށު އަނެއް ގްރޫޕްގެ މީހެއްގެ ގައިގައި ޖެހުމުގެ ބަދަލެއްގެ ގޮތުން އެ ގްރޫޕް ވަނީ ސައިކަލުތަކެއްގައި އައިސް ހަމަލާދީފައެވެ. އެގޮތުން އުދައްޔުގެ ބޮލުގައި ދަނގަޑަކުން ޖަހައި، ބުރަކަށީގެ އެކި ތަންތަނަށް ވަޅިން ހަމަލާދީ ކުރިމަތިފަރާތަށްވެސް ވަޅިން ހަމަލާދީފައިވާ ކަމަށް އޭނާ މައުލޫމާތު ދެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!