40ން މަތިވިޔަސް މި ތަރިންގެ ރީތި ކަމަކަށް ބަދަލެއް ނާދޭ!

1990 އިން ފެށިގެން 2000 ގެ ކުރީކޮޅާ ހަމައަށް ބޮލީވުޑްގައި ރަނިކަން ކުރި ގިނަ ބަތަލާއިން މިހާރު ތިބީ 40ން މައްޗަށް އަޅައިފައެވެ. ނަމަވެސް އެ ތަރިންގެ ރީތިކަމަށް މާބޮޑު ބަދަލެއް އައިސްފައިވާތަނެއް ނުފެނެއެވެ. މިފަހަރު މި ފާހަގަކޮށްލަނީ، އޭގެތެރެއިން ބައެއް ބަތަލާއިންގެ ނަންތަކެވެ.

1. ކަރިސްމާ ކަޕޫރު

ކަރިސްމާ އަކީ ޝައްކެއް ވެސް ނެތް ގޮތުގައި، ކަޕޫރު އާއިލާއިން ބޮލީވުޑަށް ތަޢާރަފްވި އެންމެ ހުނަރުވެރި އެއް ފަންނާނެވެ. ހުނަރާ އެއްވަރަށް އޭނާގެ ކިބައިގައި ހުރި ސްޓައިލިޝް ކަން ވެސް ކެރިއަރުގެ އެންމެ އުސްމިނުގައި ބެލުންތެރިންނަށް ވަނީ ފެނިގެންގޮސްފައެވެ. މިއަދާ ހަމައަށް ވެސް، ކަރިސްމާ މެން 90ގެ އަހަރުތަކުގައި އަޅައިއުޅުނު ގޮތަށް ހެދުން އެޅުމަށް ޒުވާނުންގެ މެދުގައި ތަރުހީބު އޮވެއެވެ. ކަރިސްމާއަކީ އެހެން ތަރިން ފަދައިން ޒުވާންކޮށް ހުރުމަށް ކުރާ މަސައްކަތްތައް މީސްމީޑިއާގައި ފާޅުކޮށް އުޅޭ ބަތަލާއެއް ނޫނެވެ. ނަމަވެސް އޭނާގެ ހަށިގަނޑަށް ބަލާފައި، އެއީ ދެދަރިން ވިހާފައި ހުރި މީހެކޭ ބުނަން ދަތިވާނެއެވެ. ފިލްމީ ކެރިއަރުގައި ކަރިސްމާގެ ހަށިގަނޑު އެހުރި ލޫޅާފަތިކަން، މިއަދު އުމުރުން 46 އަހަރުގައި ވެސް ހުރީ ފެންނާށެވެ. އެހެންނަމަވެސް ފަހަކަށް އައިސް ކަރިސްމާ ފިލްމުތަކުން ފެނުން ވަނީ ހުއްޓިފައެވެ.

2. ރަވީނާ ޓެންޑޮން

ރަވީނާ ޓެންޑޮން އަކީ 90ގެ އަހަރުތަކުގައި ގުނައިލެވުނު ބޮލީވުޑް ބަތަލާއިންގެ ތެރެއިން ވަރަށް ފާހަގަކޮށްލެވޭ މޫނެކެވެ. ފަހަކަށް އައިސް ފިލްމުތަކުން މަދުން ނޫނީ ނުފެންނަ މި ބަތަލާއަކީ، އޭނާގެ ކެރިއަރުގެ އުސްމިނުގައި ގިނަ ބައެއްގެ ތަޢުރީފު ލިބުނު ބަތަލާއެކެވެ. އެކްޓިންގެ އިތުރަށް ރަވީނާއަށް ތަޢުރީފު ލިބުނީ އޭނާގެ ރީތި ހިނިތުންވުމަށާއި، ލޫޅާފަތި ހަށިގަނޑަށެވެ. 2004 ވަނަ އަހަރު ކައިވެނިކުރި ފަހުން 4 ކުދިން ލިބިފައިވިޔަސް، ރަވީނާގެ އެ ރީތި ކަމަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. ރަވީނާއަށް މިހާރު 46 އަހަރެވެ.

3. އައިޝްވާރިޔާ ރާއީ ބައްޗަން

އައިޝްވާރިޔާ ރާއީ އަކީ ދުނިޔޭގައި ތިބި އެންމެ ރީތި އަންހެނުންގެ ތެރޭގައި ހިމެނޭ މީހެކެވެ. ޅައުމުރުގައި ‘މިސް ޔުނިވާސް’ ގެ ޓައިޓަލް ހާސިލްކޮށްފައިވާއިރު، އޭނާގެ ރީތިކަމަކީ ގިނަ ބަޔަކު އާޝޯޚު ކޮށްލާވަރުގެ ރީތިކަމެކެވެ. އަދި މިހާރު އުމުރުން 47 އަހަރު ވެފައި ވިޔަސް، މިހާރުގެ ބަތަލާއިންނާ ވާދަކޮށްލެވޭ ވަރަށް އައިޝްވާރިޔާ އަދިވެސް ރީއްޗެވެ.

4. ޝިލްޕާ ޝެޓީ

ބޮލީވުޑްގެ ‘ފިޓްނެސް ކުއީން’ މި ލިސްޓުގައި ނުހިމަނައި ލިސްޓު ފުރިހަމައެއް ނުވާނެއެވެ. ފަހަކަށް އައިސް ނެށުމުގެ ދާއިރާއިން ފެންނަ 45 އަހަރުގެ ބަތަލާގެ ފިޓްނެސް ވީޑިއޯތަކަށް ޝައުގު އުފެދިގެން މީސްމީޑިއާގައި އޭނާއަށް ފޮލޯކުރާ މީހުން ވަރަށް ގިނައެވެ. ޝިލްޕާގެ ލޫޅާފަތިކަމަށް ބަލާފައި އޭނާއަކީ ދެކުދިންގެ މަންމައޭ ބުނަން ދަތިވާނެއެވެ.

ލިސްޓުގައި ވަކިވަކިން ހިމަނާނުލިޔަސް، ކަރީނާ ކަޕޫރު، ސުޝްމީތާ ޝެޓީ، މަލައިކާ އަރޯރާ، ބިޕާޝާ ބާސޫ އަދި ތަބޫ މެން ފަދަ ބަތަލާއިންގެ ނަން ފާހަގަކޮށްލެވެއެވެ. މި ތަރިންގެ ރީތިކަމަށް އަދިވެސް ފަނޑުވުމެއް ނާދެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!