ހަންގަނޑަށް ގެއްލުންދޭ އާދަތައް

ހަންގަނޑު އޮމާންކޮށް، އުޖާލާކޮށް ބެހެއްޓުމަކީ ކޮންމެ މީހަކު ވެސް ދެކޭނެ ހުވަފެނެކެވެ. ނަމަވެސް އުމުރު މަތިވާ ވަރަކަށް، ހަންގަނޑަށް ވެސް ބަދަލުތައް އާދެއެވެ. އެގޮތުން ބިހި ނެގުމާއި، ކުރަކިވުމާއި، ލޯކައިރި ކަޅުވުން އަދި ހަމުގައި ރޫޖެހުން ފަދަ ކަންކަން ކުރިމަތިވެއެވެ. މިއީ ކޮންމެ މީހަކަށް ވެސް ކުރިމަތިވާ ކަންތައްތަކަކަށް ވިޔަސް، ބައެއް މީހުންނަށް މާ ބޮޑުވަރު ވެއެވެ. ގިނަ ފަހަރަށް އޭގެ ސަބަބަކީ ހޯމޯންސް މަުގައި ވިޔަސް، ބައެއް ފަހަރު އެއީ އެމީހެއް ގެންގުޅޭ އާދަތަކުގެ ސަބަބުން ކަމަށްވެސް ވެއެވެ.

މިފަހަރު މި ހިއްސާކޮށްލަނީ، ހަންގަނޑަށް ގެއްލުން ފޯރާ ދިރިއުޅުމުގެ ބައެއް އާދަތަކެވެ.

1. ޖަންކް ފުޑް ކެއުން: ޖަންކު ފުޑް އޭ މި ކިޔަނީ ބާގާ، ޗިޕްސް، ޕިއްޒާ ފަދަ ކާނާ އަށެވެ. ގިނަ ފޮނިކާތަކެއްޗަކީ ވެސް ޖަންކް ފުޑްގެ ގޮތުގައި ހިމެނޭ އެއްޗިއްސެވެ. ޖަންކު ފުޑް ކެއުމުން ލޭގައި ހަކުރު އުފައްދާ މިންވަރު މަތިކޮށްދެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން އިންސިއުލުން ލެވެލް އުފުއްލައި، މޫނުގައި ބިހި ނެގުމަށް މަގުފަހިކޮށްދެއެވެ.

2. ސިނގިރޭޓު ބުއިން: ސިނގިރޭޓު ބުއިމަކީ ހުރިހާ ގޮތަކުން ވެސް ހަށިގަނޑަށް ގެއްލުންހުރި ކަމެކެވެ. އޭގެތެރޭގައި ހަންގަނޑަށް ވެސް ގެއްލުން ލިބެއެވެ.

3. ހޫނުފެނުން ފެންވެރުން: ހޫނުފެނުން ފެންވަރައިލުމުން ހަށިގަނޑަށް ތާޒާކަން ގެނެސްދިނަސް، އޭގެ ސަބަބުން މޫނުގެ ހަންގަނޑަށް ގެއްލުން ލިބެއެވެ. ސަބަބަކީ މޫނުގެ ހަންގަނޑު، އެހެން ހަމަށްވުރެ ނާޒުކު ވުމުންނެވެ. ހޫނުފެނުން ފެންވެރެމުން މޫނުގެ އޮމާންކަން ގެއްލޭ ގޮތް ވެއެވެ.

4. ހަމަނިދި ނުލިބުން: ހަމައަށް ނިދި ނުލިބުމަކީ ވެސް ހަންގަނޑަށް ނޭދެވޭ އަސަރު ކުރާ ކަމެކެވެ. އެއީ ހަމަނިދި ނުލިބުމުގެ ސަބަބުން ސިކުނޑި އަށް ހާސްކަން (ސްޓްރެސް) ވެރިވެ، އޭގެ ސަބަބުން ދިމާވާ ކަންތައްތަކެކެވެ. އޭގެތެރޭގައި މޫނުގައި ބިހިނެގުން ހިމެނެއެވެ.

5. މޭކަޕާއެކު ނިދުން: ވެފައި ހުންނަ ވަރުބަލިން، މޭކަޕް ނުފިލުވާ ނިދުމަކީ އެއްބައި އަންހެނުންނަށް ކުރެވޭ ކަމެކެވެ. ނަމަވެސް މިއީ ހަންގަނޑުގެ ދުޅަހެޔޮ ކަމަށް ހުރަސް އަޅާ އާދައެކެވެ. މޭކަޕް އަކީ ކެމިކަލް އެކުލެވޭ އެއްޗަކަށްވެފައި، ގިނައިރުތަކެއް ވަންދެން ނުފިލުވައި މޫނުގައި ބެހެއްޓުމުން ހަންގަނޑު ތަޢައްޔަރު ކޮށްލައެވެ. އެހެންކަމުން، ކިތަންމެ ވަރުބަލި ވެފައި ހުއްޓަސް މޭކަޕް ފިލުވައިގެން ނޫނީ ނުނިދުމަށް އާދަކުރާށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!