ދަރިފުޅު އުފަންވީމަ ޗުއްޓީ ނަގާނަން: ސައިފް

ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ކަރީނާ ކަޕޫރުގެ ކައިވެންޏަށް ލިބެން އުޅޭ ދެވަނަ ދަރިފުޅު އުފަންވުމުން ޕެޓާނިޓީ ލީވް ނަގާނެ ކަމަށް އެކްޓަރު ސައިފް އަލީ ޚާން ބުނެފިއެވެ.

ކަރީނާގެ ބަނޑަށް މިހާރު 9 މަސް ވެފައިވާއިރު، އޭނާ މި މަހު ވިހާނެ އެވެ. މިކަމާ ބެހޭގޮތުން އިންޑިއާގެ މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ ނޫހަކާ ވާހަކަދައްކަމުން ސައިފް ބުނީ، ދަރިފުޅު އުފަންވުމުން ހުރިހާ މަސައްކަތްތަކަކުން ޗުއްޓީ ނަގާނެ ކަމަށެވެ. އަދި ދަރިއަކު އުފަންވުމުން ގޭގައި މަޑުނުކޮށް މަސައްކަތެއް ދާނީ ކާކުތޯ ސުވާލުކޮށްފައިވެއެވެ.

ސައިފް ބުނީ، އޭނާގެ އަލަތު ދަރިފުޅު ސާރާ އަލީ ޚާން އުފަންވީއްސުރެ އޭނާ އަންނަނީ އެގޮތަށް ޗުއްޓީ ނަގަމުން ކަމަށެވެ. ސަބަބަކީ ދަރިން ބޮޑުވާތަން ހަމަލޮލުން ދެކެން ބޭނުންވާތީ ކަމަށް ބުންޏެވެ. “އަހަންނަކީ އެކްޓަރެއް ވީމަ އެގޮތަށް އަހަރެން ވަރަށް ނަސީބުގަދަ. އެއީ ބޭނުން އިރަކުން ޗުއްޓީ ލިބޭތީ”.

މީގެ އިތުރުން ސައިފް ބުނީ އެކްޓަރަކަށްވުމުން އޭނާ ބޭނުންވާ ގޮތަށް ދިރިއުޅުން ވޭތުކުރެވޭތީ އުފާވާ ކަމަށެވެ. އެގޮތުން އާއިލާއާއެކު ވަގުތު ހޭދަކޮށް، ދުނިޔޭގެ އެކި ތަންތަނަށް ދަތުރުކޮށް އުޅެވޭ ކަން ފާހަގަކުރިއެވެ.

ސައިފް އަލީ ޚާންގެ ފުރަތަމަ ކައިވެންޏަށް ލިބިފައިވާ ދެކުދިން ކަމަށްވާ ސާރާ އަލީ ޚާނާއި އިބްރާހިމް އަލީ ޚާން މިހާރު ތިބީ ބޮޑެތި ވެފައެވެ. އަދި ކަރީނާއާ ކައިވެނިކޮށްގެން ލިބުނު ފުރަތަމަ ދަރިފުޅަށް މިހާރު ވަނީ 4 އަހަރު ފުރިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!