ޝިދާތާ ޖެންޑާ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވިތާ އެއް އަހަރު ފުރުމުން ހަނދާން އާކުރައްވައިފި

ކުރީގެ ޖެންޑާ މިނިސްޓަރު، ޝިދާތާ ޝަރީފު އެ މަގާމުން އިސްތިއުފާ ދެއްވިތާ އަހަރެއް ވުން ހަނދާންކުރައްވަމުން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ ކޯލިޝަންގެ އެހެން ލީޑަރުންނަށް ފާޑުވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީގެ ސްލޮޓެއްގައި ޖެންޑާ މިނިސްޓަރުކަމަށް ވަޑައިގެންނެވި ޝިދާތާ މީގެ ބަރާބަރު އެއް އަހަރު ކުރިން، ފެބްރުއަރީ 6، 2020 ގައި އިސްތިއުފާ ދެއްވީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީވާ މީހެއްގެ ގޮތުގައި މަޝްހޫރުވި އަހުމަދު ހިޝާނަށް އޭރު ކުރި ޖިންސީ ތުހުމަތުތައް ޖެންޑާ މިނިސްޓްރީއަށް އެނގޭއިރު ވެސް އެކަމުގައި އިހުމާލުވިކަމަށް ތުހުމަތުކޮށް އާންމުން ފާޑުކިޔުން އަމާޒުވުމުންނެވެ.

މިއަދު ލިޔުއްވި ފޭސްބުކް ޓްވީޓެއްގައި ޝިދާތާ ވިދާޅުވީ، އޭރުގެ އިދިކޮޅު ލީޑަރުންގެ ހައްގުގައި ކުރެއްވި މަސައްކަތްތަކާ އެކު ވެސް ސަރުކާރުން އޭނާ “މަގުމަތިކޮށްލުމަކީ”، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ ކޯލިޝަންގެ އެހެން ލީޑަރުން ވެސް ލަދުފުޅު ގަންނަން ޖެހޭ ކަމެއް ކަމަށެވެ.

ޝިދާތާ ވިދާޅުވީ މި ސަރުކާރު ގެންނަން އެކަކަށް އެންމެ ބުރަކޮށް މަސައްކަތްކުރެއްވިފައި ވާނީ އޭނާއަށް ކަމަށެވެ. އަދި މި ސަރުކާރު އައީ އޭރުގެ އަނިޔާވެރިކަން ނިމުމަކަށް ގެނެސް އިންސާފު ގާއިމްކުރަން ކަމަށް ވިޔަސް، ސަރުކާރުގެ އެންމެ ބޮޑު ބޭއިންސާފަކާއި ހިތްދަތިކަމަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތީ ވެސް އޭނާއަށް ކަމަށް ޝިދާތާގެ ޕޯސްޓުގައި ވިދާޅުވިއެވެ.

އެކަމަކު އޭނާ ވިދާޅުވީ އެގޮތަށް ދިމާވި ނަމަވެސް ސިޔާސީ ގޮތުން ފަހަތަށް ޖެހިވަޑައިގަތުމުގެ ވިސްނުމެއް ނެތް ކަމަށެވެ. “ދާނީ ކުރިއަށް، އިންޝާﷲ،” ޕޯސްޓް ނިންމާލައްވަމުން ލިއުއްވާފައި ވެއެވެ.

 މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި ފަހުން ޕާޓީގެ މަސައްކަތްތަކުގައި ވެސް ޝިދާތާ ފެންނަނީ ވަރަށް ދުރުކޮށެވެ. އޭނާއަކީ އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ރައީސާ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!