މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ހާލަތު ގޯސްވަމުން ދިޔުމާ ގުޅިގެން، މިހާރު އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް އިތުރު ފުލުހުން މަގުމައްޗަށް ނެރެފައިވާ ކަމަށް އެ އިދާރާއިން ހާމަކުރައްވައިފިއެވެ.
ފުލުހުން ވިދާޅުވީ، މާލެ ސިޓީގައި މަސައްކަތްކުރާ އޮޕަރޭޝަނަލް ފުލުހުންގެ އިތުރުން ފުލުހުންގެ އިދާރީ ބަހާތަކާއި ސީނިއަރ އޮފިސަރުންވެސް ހިމެނޭގޮތަށް މަގުމަތީގައި އިތުރު ފުލުހުން އިއްޔެއިން ފެށިގެން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. އެގޮތުން މާލެ ސިޓީގައި މަސައްކަތްކުރާ އޮޕަރޭޝަނަލް ފުލުހުންނަަށް އިތުރު އެހީތެރިކަމެއް ދިނުމުގެ ގޮތުން އިދާރީ ބަހާތަކުން 165 ފުލުހުންނާއި، ސީނިއަރ އޮފިސަރުންގެ 44 އޮފިސަރުން ކާފިއުގަޑީގައާއި އެހެނިހެން ގަޑިތަކުގައިވެސް މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
މިގޮތުން ޖުމްލަ 209 ފުލުހުން ދެ ޝިފްޓަކަށް މަސައްކަތްކުރަމުން ދާ ކަަން ހާމަކުރެއްވިއެވެ.
ރާއްޖެއިން، ޙާއްސަކޮށް މާލެ ސަރަހައްދުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ ވަރަށް މަތީގައެވެ. އެގޮތުން، ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މީހުންގެ އަދަދު 100 އިން މަތީގައި އުޅޭތާ ދެ ހަފްތާ ވެފައިވެއެވެ.