މުސްކުޅި ފިރިމީހާ ނިދާފައި އޮއްވައި މަރާލީ ބަލަން ބުރަވެގެން!

އެއީ 2003 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޕްލިމިތު ގައި ހިނގި ހާދިސާއެކެވެ. އޯޑްރީ ހިންގްސްޓަން ނަމަކަށް ކިޔާ އަންހެން މީހާ، އޭނާގެ 83 އަހަރުގެ ފިރިމީހާ މަރާލާފައިވަނީ، ނިދާފައި އޮއްވައި ވަޅިން ހަމަލާދީގެންނެވެ. އަދި އޭނާ ވަނީ އެ މަރު އެހެން ބައެއްގެ ބޮލުގައި އަޅުވަން މަސައްކަތް ކޮށްފައެވެ.

އޯޑްރީގެ ފިރިމީހާ އެރިކް ހިންގްސްޓަން އަކީ ދެވަނަ ބޮޑުހަނގުރާމައިގައި ހަނގުރާމަކުރި ސިފައިނެކެވެ. އެ ވަޒީފާއިން ރިޓަޔާ ވުމަށްފަހު، އރިކް ދެން އަދާކުރި ވަޒީފާއަކީ އެއްގަމު މަސް ކަނޑާ މީހެއްގެ ވަޒީފާއެވެ. ނަމަވެސް އޭނާ އުމުރުގެ ފަހުދުވަސްތައް ހޭދަކުރީ ބަލިއެނދުގައެވެ. ސަބަބަކީ، ނޭވާހިއްލުމާއި، ކުރިން ކޮށްފައި ހުރި އުނަގަނޑުގެ އޮޕަރޭޝަނެއްގެ ސަބަބުން ހިނގާބިނގާވެ އުޅެން އުނދަގޫވުމުގެ ސަބަބުން ތެދުވެ އުޅުމަށް ނުކުޅެދުމެވެ. އެއާއެކު، އެރިކްގެ ޚިދުމަތުގައި 24 ގަޑިއިރު ހުންނަން ޖެހުނީ އޭނާގެ އަނބިމީހާއަށެވެ.

އެރިކް ހިންގްސްޓަން

އެރިކް އަށް ޚިދުމަތްކުރަން އަބަދު ގޭގައި ހުންނަން ޖެހުމުން އޯޑްރީ ދިރިއުޅުން މަތިން ފޫހިވާން ފެށިއެވެ. އެހެންކަމުން އޭނާ ނިންމީ ފިރިމީހާގެ ވަސް އަބަދަށް ފިލުވައިލާށެވެ. އެއްރޭ ދަންވަރު އެރިކް ނިދާފައި އޮއްވައި ވަޅިއަކުން ކޮނޑާ ދިމާ ތިރިއަށް ހަރާލައި، ފުއްޕާމޭ ތޮރުފާލުމާއެކު، އެރިކް ވަނީ ވޭން ތަހައްމަލު ކުރަމުން މި ދުނިޔެއާ ވަކިވެފައެވެ.

ހާދިސާ ހިނގިތާ 2 ގަޑިއިރު ފަހުން އޯޑްރީ އެމްބިއުލެންސަށް ގުޅައި، ހާސްވެފައިވާ އަޑަކުން ބުނީ އޭނާއަށާއި އޭނާގެ ފިރިމީހާއަށް ގޮތްނޭނގޭ ބަޔަކު ހަމަލާދީފައިވާ ކަމަށެވެ. ފުލުހުން އެތަނަށް އައުމުން އޯޑްރީ ބުނީ، ވަގުންތަކެއް އެގެއަށް ގަދަކަމުން ވަދެގަނެ، އެރިކް އަށް ހަމަލާދިނީ ކަމަށެވެ. ފުލުހުންގެ ލޯތަކަށް އޮޅުވައިލަން ވެގެން އޯޑްރީ ވަނީ ކުޑަދޮރެއް ހުޅުވައި، އެ ކުޑަދޮރާ ދިމާލުން ބޭރުގައި ހަރުގަނޑެއް ބަހައްޓާފައެވެ. އަދި އޯޑްރީގެ ބައެއް ގަހަނާތައް ވެސް ފޮރުވައި، އަލަމާރިތަކަށް ގެއްލުންދީފައިވެއެވެ. ފުލުހުންނާއި އެމްބިއުލެންސް އައި އިރު އޯޑްރީ ހުރީ ފެންކަޅިވެ، ތުރުތުރު އަޅާ ހާލުގައެވެ. ވުމާއެކު، އޭނާއާމެދު އެއްވެސް ވަރެއްގެ ޝައްކެއް އޭރު އެކަކުވެސް ނުކުރެއެވެ.

އޯޑްރީ ހިންގްސްޓަން

ފަހުން އޯޑްރީ ވަނީ، އެ އަމަލު ހިންގި މީހުން އެނގޭ ކަމަށްބުނެ އެހިސާބުގަނޑުގައި އުޅޭ ދެ ފިރިހެނުންގެ ފޮޓޯ ދައްކާފައެވެ. އަދި ނޫސް ކޮންފަރެންސްތަކުގައި ވެސް ރޮމުން އޯޑްރީ އެވާހަކަ ކިޔައިދީފައިވެއެވެ. އޯޑްރީ ވަނީ އޭނާގެ ފިރިމީހާގެ ޤާތިލުން ހޯދައިދިނުމަށް އެދި ކެމެރާތަކުގެ ކުރިމަތީގައި ރޮއެ، އާދޭސްކޮށްފައެވެ. އެ އަމަލުން އޭނާ ވަނީ އާންމުންގެ ލޯތަކުގައި އަނދުން އަޅުވާފައެވެ.

ނަމަވެސް ފުލުހުން ކުރި ތަހުގީގުން އެނގުނީ، ހާދިސާ ހިނގި ކަމަށްބުނާ ވަގުތު ، އޯޑްރީ ބުނި ދެމީހުން ތިބީ މުޅިން އެހެން ތަނެއްގައި ކަމެވެ. ނަމަވެސް ދެވަގުން ހޯދުމުގެ މަސައްކަތް ފުލުހުން ދިޔައީ ކުރަމުންނެވެ.

އެއް ނޫސް ކޮންފަރެންސް ނިންމާލުމަށްފަހު، އޯޑްރީ ވަނީ އަމިއްލައަށް މަރުވާން އުޅޭކަމަށް ވެސް ދައްކާފައެވެ. އަދި ފިރިމީހާ ނެތް ދުނިޔެއެއްގައި ނޫޅެވޭނެ ކަމަށްބުނެ ސޫސައިޑް ނޯޓެއް ލިޔެފައިވެއެވެ. އެހެންނަމަވެސް، އޯޑްރީ މަރުނުވެ ސަލާމަތްވުމުން އޭނާއަށް ހޮސްޕިޓަލުގައި ފަރުވާދީފައިވެއެވެ. އޭނާއަށް ފަރުވާދިން ހޮސްޕިޓަލުގެ ބައެއް ސްޓާފުން ފުލުހުންނަށް ކިޔައިދިން ގޮތުގައި، އޯޑްރީގެ މޫނުމަތިން ކަމަކާ ދެރަވާ ކަމަކަށް ނުދައްކައެވެ. އެހެންކަމުން އޭނާއާމެދު ޝައްކުކުރެވޭ ކަމަށް ބުނެފައިވެއެވެ. އަދި އަމިއްލައަށް މަރުވުމަކީ އާންމުންގެ ފަރާތުން ސަމާލުން ހޯދަން ކުރި ކަމަކަށް ބެލެވޭ ކަމަށް ބުންޏެވެ.

އެހިސާބުން ތަހުގީގު ޓީމުން ވެސް އޯޑްރީއާމެދު ޝައްކު އުފައްދަން ފެށިއެވެ. އަދި ދުވަސްތަކެއްވަންދެން ކުރިއަށް ގެންދިޔަ ތަހުގީގުން އެއްވެސް ކުރިއެރުމެއް ނުލިބުމުން، އެންމެފަހުން އޯޑްރީ ހައްޔަރުކޮށް، އޭނާއާ ސުވާލުކުރެވުނެވެ. އޯޑްރީ ކުރި ކުށަށް އިއުތިރާފުވީ އޭނާގެ އަމިއްލަ ދަރިފުޅުގެ ކުރިމަތީގައެވެ.

އޯޑްރީ ބުނީ އޭނާ އެރިކް މަރާލީ އިތުރު ގޮތެއް ނެތިގެން ކަމަށެވެ. “އަހަންނަށް އަބަދު އޭނާގެ ހިދުމަތުގަ ނުހުރެވޭނެ. އަހަރެން ވަރުބަލިވެއްޖެ”، އިއުތިރާފުގައި އޯޑްރީ ކިޔައިދީފައިވެއެވެ.

އަނިޔާވެރި ގޮތަކަށް ފިރިމީހާ މަރައިލުމުން ވެސް 81 އަހަރުގެ އޯޑްރީއަށް ކުރިމަތިވީ އެންމެ 2 އަހަރުގެ ޖަލު ހުކުމެކެވެ. އެ ހުކުމް ކޮށްފައިވަނީ އޯޑްރީގެ އުމުރަށާއި، އެހެން ބަޔަކަށް އޭނާގެ ފަރާތުން ނުރައްކަލެއް ނެތް ކަމަށް ބަލާފައެވެ. އެހެންނަމަވެސް، އެއީ އެރިކް އަށް ލިބުނު ވަރަށް ބޮޑު ނާއިންސާފެއް ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

2 އަހަރުގެ ޖަލު ހުކުމް އެއްކޮށް ފުރިހަމަ ނުކޮށް، އޯޑްރީ ވަނީ 2004 ވަނަ އަހަރު ޖަލުން މިނިވަންވެފައެވެ. އަދި 2016 ވަނަ އަހަރު މަރުވުމާ ހަމައަށް ވެސް އޯޑްރީ އުޅުނީ މިނިވަންކަމަތީގައެވެ.

އޯޑްރީ ހިންގްސްޓަން އަކީ އިނގިރޭސިވިލާތުގައި ޖަލު ހުކުމެއް ތަންފީޒުކުރި އެންމެ އުމުރުން ދުވަސްވީ އަންހެނުންގެ ތެރެއިން އެކެކެވެ.

މި ހާދިސާއާ ބެހޭގޮތުން “މާޑާ އެޓް މައި ޑޯ” ސީރީޒްގެ އެޕިސޯޑެއް ދާދިފަހުން ވަނީ ނެރެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!