އެނގޭތަ، ޕްރިޔަންކާއާއި ނިކް ދިމާވަނީ މަހަކު އެއްފަހަރު!

ނިކް ޖޯނަސް އާ ދިމާވަނީ ތިން ހަފްތާއިން އެއްފަހަރު ކަމަށް، އަންހެނުން ޕްރިޔަންކާ ޗޯޕްރާ ބުނެފިއެވެ.

މެގަޒިން އަކަށް ދިން އިންޓަވިއުއެއްގައި މަޝްހޫރު ބަތަލާ އެހެން ބުނެފައިވަނީ، އެ ކައިވެންޏާ ބެހޭގޮތުން ދެއްކި ވާހަކައެއްގެ ތެރެއިންނެވެ. އެގޮތުން 38 އަހަރުގެ ބަތަލާ ބުނީ، ނިކް އާ ކައިވެނިކުރުމުގެ ކުރިން އެދެމީހުން ވަނީ ވަކި ކަންތައްތަކަކަށް އެއްބަސްވެފައެވެ. އޭގެތެރޭގައި، މަދުވެގެން މަހަކު އެއްފަހަރު ދެމީހުން ބައްދަލުކުރަން ނިންމާފައިވާނެ ކަމަށް ބުންޏެވެ.

އެގޮތަށް ނިންމީ، ދެމީހުން ވެސް މަސައްކަތުގައި ވަަރަށް ބުރަކޮށް އުޅުމުގެ ސަބަބުން ވަގުތު ނުވާތީ ކަމަށް ބުންޏެވެ. އަދި ފިލްމުތަކުގެ ޝޫޓިންތަކަށް ދުނިޔޭގެ ކޮންމެ ކަންކޮޅެއްގައި ހުއްޓަސް، ތިން ހަފްތާވުމުން ކޮންމެގޮތެއް ހަދާފައި ވެސް ދެމީހުން އެކަކު އަނެކަކާ ބައްދަލުކުރަން އެއްތަނަކަށް އަންނަ ކަމަށް ކިޔައިދިނެވެ. އެހެންނޫނަމަ ދެމީހުން އެކަކު އަނެކަކާ ދުވަހަކުވެސް ދިމާނުވާނެ ކަމަށް ޕްރިޔަންކާ ބުންޏެވެ.

ޕްރިޔަންކާ މިހެން ބުނެފައިވިޔަސް، މިދިޔަ ލޮކްޑައުންތެރޭގައި ދެމަފިރިން ވަނީ އެކުގައި ކަރަންޓީނުވެ ތިބެގެން ވަގުތު ހޭދަކޮށްފައެވެ. އަދި މިކަމާ ބެހޭގޮތުން ވާހަކަދައްކަމުން ޕްރިޔަންކާ ބުނީ، އެގޮތަށް ވަގުތު ހޭދަކުރަން ލިބުމުން ވަރަށް އުފާވި ކަމަށާއި، ދެމީހުންނަށް އެކަކު އަނެކާ ބެހޭގޮތުން ނޭނގޭ ގިނަ ކަންތައްތަކެއް އެނގިގެން ދިޔަ ކަމަށެވެ.

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ/އެކްޓަރު ނިކް ޖޯނަސް އާ ޕްރިޔަންކާ ކައިވެނިކޮށްފައިވަނީ 2018 ވަނަ އަހަރު އެވެ. މިދެތަރިން ކައިވެނިކުރީ ރައްޓެހިވެގެން އުޅޭތާ 6 މަސް ވެސް ނުވަނީހެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!