ބޭޒޯސް އެމެޒޯންގެ ސީއީއޯކަން ދޫކޮށްލަނީ

އެމޭޒޮންގެ ސީއީއޯގެ މަޤާމުން އެ ކުންފުނީގެ ބާނީ، ޖެފް ބޭޒޯސް އެއްފަރާތްވެ، އެ ކުންފުނީގެ އެގްޒަކެޓިވް ޗެއާމަންގެ މަޤާމާއި ޙަވާލުވާނެކަމަށް އިޢުލާނުކޮށްފިއެވެ.

ބޭޒޯސްގެ ބަދަލުގައި ކުންފުނީގެ ސީއީއޯގެ މަޤާމާއި ދެން ޙަވާލުވާނީ އެ ކުންފުނީގެ ކްލައުޑް ކޮމްޕިއުޓިންގ ޑިވިޜަންގެ އިސްވެރިޔާ، އެންޑީ ޖައްސީއަށެވެ. އެއާއިއެކު ދުނިޔޭގެ ދެވަނައަށް އެންމެ މުއްސަނދި މަހުޖަނު ކަމުގައިވާ އުމުރުން 57 އަހަރުގެ ބޭޒޯސްގެ ބަދަލުގައި ކުންފުނީގެ ހިންގުމާއި ޙަވާލުވާނެ ފަރާތަކާއިމެދު އުފެދިފައިވާ ސުވާލުތަކަށް ވަނީ ޖަވާބު ލިބިފައެވެ.

ސީއީއޯގެ މަޤާމާއި ޖައްސީ ޙަވާލުވުމުން އެމޭޒޮން ވެބް ސާވިސާސްގެ އިސް ވެރިޔަކަށް އައްޔަނުކުރާނެ ފަރާތެއް މިވަގުތަށް އިޢުލާން ނުކުރާނެކަމަށް އެމޭޒޮނުން ބުންޏެވެ.

އެމޭޒޮން ޑޮޓް ކޮމްއަކީ އިންޓަނެޓު މެދުވެރިކޮށް ފޮތް ވިއްކުމަށް މީގެ 27 އަހަރު ކުރިން އުފައްދާފައިވާ ކުންފުންޏެވެ. އެ ކުންފުންޏަކީ މިއަދު ދުނިޔޭގެ އެންމެ އަގުހުރި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެވެ. މިދިޔަ ކުއާޓާގައި އެ ކުންފުނިންވަނީ 100 ބިލިއަން އެމެރިކާ ޑޮލަރުގެ މުދާ ވިއްކާފައެވެ.

އެމޭޒޮންގެ ސީއީއޯގެ މަޤާމާއި ޙަވާލުވާ އެންޑީ ޖައްސީ ހަވާޑު ބިޒްނަސް ސްކޫލުގައި ތަޢުލީމު ޙާޞިލްކުރުމަށްފަހު އެމޭޒޮންއަށް ގުޅުނީ 1997 ވަނަ އަހަރުގައެވެ. އެ ކުންފުންޏާއި ގުޅުމަށްފަހު އެމޭޒޮން ވެބް ސާވިސަސް ތަޢާރަފްކުރީ އޭނާގެ މޭސްތިރިކަމުގެ ދަށުންނެވެ. އެ ކުލައުޑް ޕްލެޓުފޯމަކީ އެތައް މިލިއަން މީހުން ބޭނުންކުރާ ޕްލެޓުފޯމަކަށް ހަދައިދިނީ ޖައްސީކަމަށް އެ ކުންފުނީގެ ވެބްސައިޓުގައިވަނީ ބުނެފައެވެ.

ޖައްސީގެ ބެލުމުގެ ދަށުން އެމޭޒޮންގެ ކުލައުޑް ވިޔަފާރީގައި ވެރައިޒޮން، މެކްޑޮލަންޑްސް އަދި ހަނީވޯލްފަދަ މުހިންމު ކަސްޓަމަރުން ވަނީ ބައިވެރިކޮށްފައެވެ. ސިލިކޮން ވެލީގައި އަލަށްފަށައި ވިޔަފާރިތައްވެސް އޮންނަނީ އެމޭޒޮންގެ ކުލައުޑް ސާވިސްއަށް ވަރަށް ބޮޑަށް ބަރޯސާވެފައެވެ. 2019ވަނަ އަހަރުގައި އެ ކުންފުނީގެ އާމްދަނީ ވަނީ 37 އިންސައްތަ އިތުރުވެފައެވެ. އަދި 2020ވަނަ އަހަރުގައި އެ ޢަދަދުވަނީ 30 އިންސައްތައަށް އިތުރުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!