(ހޯމަ ދުވަހުގެ ބަޔާއިގުޅޭ)
ލިޔުންތެރިޔާގެ ނޯޓު: މި ވާހަކައިން ފެންނާނީ، މީގެ ފަންސަވީހަކަށް އަހަރު ކުރީގެ ދުވަސްވަރެވެ. އެހެންކަމުން މި ވާހަކައިގައި ފެންނަ މާލެއާއި ރަށްފުށް، މިހާރާ އަޅައި ބަލާއިރު، ކޮންމެވެސް ވަރަކަށް ތަފާތުވާނެއެވެ. ދިރިއުޅުމުގެ ހާލަތާއި، ބޭނުންކުރާ ތަކެއްޗާއި، ކައިބޮއި އުޅުނުގޮތާއި، ލާ އަންނައުނާއި މި ފަދަ ހުރިހައި ކަމަކުން ވެސް ތަފާތުތައް ފެންނާނެއެވެ.
ރަޝްފާ އަވަސް އަވަހަށް ކޮޓަރިއަށް ވަދެ، ތުވާއްޔާއި ސައިބޯނިދަޅު ގެނެސް ނަޒީފު އަތަށް ދީފިއެވެ.
“އަދިވެސް ނާޖީ ނުހޭލަނީ؟”
އާއެކޭ ބުނުމުގެ ގޮތުން ރަޝްފާ ބޯޖަހައިލިއެވެ. ނާޖީއޭ ބުންޏަސް މިހާރު ރަޝްފާގެ ހިތަށް ލިބެނީ ޒާތެއްގެ ނުތަނަވަސް ކަމެކެވެ. ބިރުވެރި ކަމެކެވެ. އިންސާނެއްގެ ސިފައިގައި އޮތަސް، އެއީ އިންސާނެއް ނޫނަކަން އެނގެނީ އޭނާއަށެވެ. އެއީ އޭނާ ބަނޑުއަޅައި ވިހޭ ޖިންނި އެކެވެ.
“ހާދަ ވަރަކަށް ނިދާ ކުއްޖެކޭ!” ނަޒީފު ހިނިތުންވެލިއެވެ. “ގެންގުޅޭން ފަސޭހަ ކުއްޖެއް ދޯ! އެއީ ހަމަ އަހަރެންގެ ލޭ ވީމާ ވާގޮތް.” ރަޝްފާގެ ކޮލުގައި މަޑުމަޑުން ޖަހައިލުމަށްފަހު ގިފިއްޔާ ދިމާއަށް ނަޒީފު ހިނގައިގަތެވެ.
ރަޝްފާ އުފަލެއްނުވިއެވެ. އަދި ކީއްހެއްޔެވެ؟ އޭނާގެ ހިތަށް ކުރީ ފުން އަސަރުތަކެކެވެ. ނަޒީފުގެ އެ ފަދަ ޖުމްލަތައް އޭނާގެ ކަންފަތަށް ވަންނަނީ ބިރުވެރި އަޑުފަށްގަނޑެއްގެ ގޮތުގައެވެ. ތިމާގެ ހަލާލު ފިރިމިހާއަށް އެތައް ކަމެއް ސިއްރުކޮށްގެން އުޅޭއިރު، ލިބޭނީ ކޮން އުފަލެއް ހެއްޔެވެ؟ އެ ފަކީރަށް އަބަދާއިއަބަދު އިންނަން ޖެހެނީ އެ ފަދަ ހާލެއްގައެވެ. ތުންފަތްމައްޗަށް ހަގީގީ ހިނިތުންވުމުގެ ކުލައެއް ނާރާތާ ވެސް މިހާރު އެތައް ދުވަހެކެވެ.
މެންދުރު ފަހުގެ ވަގުތެވެ. ބަދިގެތެރޭގެ މަސައްކަތްތައް ނިންމާލުމަށްފަހު، ރަޝްފާ އޮތީ ބަދިގޭ ދޮރުމަތި ކުނިކަހާށެވެ. ދުވަހަކީ ހޫނުގަދަ ދުވަހެއް ނަމަވެސް ފުދޭވަރަކަށް ވައިރޯޅިވަމުންދާ ދުވަހެކެވެ. ގޯތިތެރޭގައި ހެދިފައި ހުރި ގަސްތަކުގެ ހިޔަލާއި ޖެހެމުންދާ ފިނި ވައިރޯޅީގެ ނަލަކަމުން ރަޝްފާއަކަށް ހޫނުކަމުގެ ކުޑަވެސް އިހުސާސެއް ނުކުރެވެއެވެ.
ކުނިކޮޅު އެއްކޮށްލުމަށްފަހު ނަގަން އިންދާ، ފުރަގަހުން މީހަކު ގޮވާލިއަޑަށް ރަޝްފާ ބަލައިލިއެވެ.
“އަހަނ! ނަޖުމާތަ؟” ނަޖުމާއަކީ ރަޝްފާގެ އަވަށްޓެރިއެކެވެ. ދޭތެރެ ދޭތެރެއިން ރަޝްފާގެ ގާތަށް އައިސް، ހާލު އަހުވާލު ބަލައިހަދާ އެކުވެރިއެއް ވެސް މެއެވެ.
“އަހަރެމެން ގޭތެރެއަށް ހޫނުވާވަރުން ފިރިކޮށްލަންކަމަށް މިއައީ.”
އާނ! މި ގެއަކަށް ހޫނެއްނުވާނެ. ވިއްޔާވާނީ ފިނި.” ކުނިކޮޅުނަގައި މުޅޯއްޓަށް އަޅައިލަމުން ރަޝްފާ ބުނެލިއެވެ.
“އަހަރެން ވެސް ހިތަށް އަރާ އަހަރެމެން ގޯތީގައި ވެސް މިހާ ގަސް ގިނަ ނަމައޭ. އޭރުން ކިހައި އަރާމުވާނެ. ރަޝްފާމެން ދުވަހަކުވެސް ހޫނުވާތީ އުޅޭކަށް ނުޖެހޭނެ.” ބަދިގެ ކައިރީގައިހުރި ބޮޑު ހިރުނދު ގަހުގައި އެލުވާލާފައި ހުރި ޖޯލީގައި އިށީނދެލަމުން ނަޖުމާ ބުންޏެވެ.
“ގަސްނެތީމާ ހީވާނެ ތިހެން. ގަސްތަކެއް މި ގޮތަށް ހުރި ނަމަ އެކަމާ ވެސް ކަންބޮޑުވާނެ.” މުޅޯށި އެއްފަރާތެއްގައި ބެހެއްޓުމަށްފަހު ރަޝްފާ ހިންދެމިލިއެވެ.
“ކީއްވެ ތިހެން ތިބުނީ؟ ކުނިއެޅޭނެތީ؟”
“އާނ، ކުނިވެސް އެޅޭނެ.” އެއްކަމެއް ރަޝްފާ ސިއްރުކުރި ކަހަލަ އެވެ.
“ދެން….. ދެން ކިހިނެއްވާނީ؟ ގަސްތަކެއް ހުރެގެން ވާނެ ގެއްލުމެއް ނޯންނާނެ! ރޭޑިޔޯއިންނާއި ނޫސްތަކުން ވެސް އަބަދާއި އަބަދު އާއްމުންނަށް ގޮވާލަނީ ގަސްއިންދާކަންނު. ގަހެއް ކަނޑާލައިފި ނަމަ އޭގެ ބަދަލުގައި ދެ ގަސް އިންދާށޭ ކިޔާއިރު ރަޝްފާ ތި ނަގަނީ އެހެން މާނައެއް.”
“ރަނގަޅޭ! ގަސް ހުރުމަކުން މާ ބޮޑު ގެއްލުމެއް ނެތޭ.”
“ދެން ކީކޭ ތި ކިޔަނީ؟ ރަޝްފާ ބިރުގަންނަނީ ދޯ ރޭގަނޑު. އެއީ ދޯ ތި ބުނަން އުޅޭ އެއްޗަކީ؟” ނަޖުމާ ހިނިއައިސްފައި އިނދެ އަހައިލިއެވެ.
“ބިރުގަންނަނީއެއް ނޫން. އެކަމަކު ރޭގަނޑު މި ތަން އޮންނަގޮތުން ބައެއް ފަހަރު ވަރަށް ޖެހިލުންވޭ.”
“މަށަށް ފެންނަނީ މި ދޮންކެޔޮ ގަސްތައް މި ތަނުން، އެހެން ތަނަކަށް ބަދަލުކުރަން. އޭރުން ތަންކޮޅެއް އަލިކޮށް މި ތަން އޮންނާނެ.” ނަޖުމާ ޚިޔާލެއް ދިނެވެ.
“ތިޔަ ޚިޔާލު އަހަރެމެން ވެސް ކުރީމޭ. އެކަމަކު ގެންގޮސް އިންދާނެ އިތުރު ތަނެއް ނެތީމާ، ޖެހެނީ ބަހައްޓާކަންނު. މި ގަސްކޮޅު ހުރީމާ ވެސް ލައްކަ ފައިދާ ކުރޭވިއްޔަ.”
“ދެން އެހެންވީއިރު ކުރާނެކަމެއް ނެތް ތާ.” މަޑުމަޑުން ޖޯލި ހެއްލައިލަމުން ނަޖުމާ އޮށޯވެލިއެވެ.
“ވާގޮތަކީ އެކަނި އުޅެންޖެހޭތީ.”
“ތި ހުރިހައި ވެސް ކަމަކީ ހަމަ ހިތް. ހިތަށް ފާޑުފާޑުގެ ވަސްވާސް ވަނީމާ ބިރުގަންނަގޮތް ވަނީ. އެއީ އެއްވެސް ކަމެއްނޫނޭ ހިތަށް އަރުވައިލީމާ އެ އޮތީ ހަމަޖެހިފައި.”
“ކަންކަން ދިމާވެ ފެންނަމުންދާއިރު ވެސް ކަމެއްނޫނޭ ހިތަށް އަރުވާށޭތަ ތި ބުނަނީ؟ ” ރަޝްފާގެ ހިތުގައި މި ޖުމުލަ ގުގުމާލި ނަމަވެސް ދުލާ ހަމައަކަށް ނައެވެ.
“އޭތް! ރަޝްފާ! ކޮބައިތަ ދަރިފުޅު. ނިދާފައިތަ؟”
“އާނ!” ދަރިފުޅޭ ބުނުމާއެކު ރަޝްފާގެ މޫނުގެ ކުލައޮއްސިއްޖެ އެވެ.
“އެ މަންޖެ ހޭލާއުޅޭ ވަގުތަކު މަށަކަށް ދުވަހަކު ވެސް ނާދެވޭ. އަބަދުވެސް އޮންނާނީ ނިދިފައި. އަނެއްކާ މިހެންބުންޏަސް އެއްޗެކޭ ހީނުކުރައްޗޭ!”
“މީހަކު އެއްޗެކޭ ހީކުރާވަރުގެ ވާހަކައެއް ބުނެވިއްޖެތަ؟” ހިތްބަރުނުވާކަން ރަޝްފާގެ ހާމަކޮށްދިނެވެ. “ނަޖުމާ ތިބުނީ ދޮގުވާހަކައެއް ނޫނޭ. އަބަދު ކަހަލަ ގޮތަކަށް އެ މަންޖެ އޮންނާނީ ނިދާފައި. މި ތާ ކައިރި ގޭގެ ކުދިން ވެސް ބައެއް ދުވަސްދުވަހު އަންނާނެ އުރާލައިށޭކިޔައިގެން. އެއިން ކުއްޖަކަށް ވެސް އަދި ހޭލާއުޅޭ ވަގުތަކު ނާދެވޭ.”
“ތީ ވެސް ނަސީބެކޭ. ރަޝްފާމެންހެން އެކަނި އުޅޭ ބަޔަކަށް ފަސޭހަ ވާނީ އެ ކަހަލަ ކުދިން ލިބިގެނެއްނު.”
“ކިހައި ފަސޭހަ! އެ ކުއްޖާގަނޑުގެ ސަބަބުން މަގޭ މުޅި ދިރިއުޅުން ފުނޑުފުނޑު ވެއްޖެވިއްޔަ!” މި ފަހަރު ވެސް ރަޝްފާގެ ހިތުގެ އަޑެވެ.
“ކޮން އެއްޗެއްތަ މެންދުރަށް ކެއްކީ؟”
“ބަތާއި ގަރުދިޔަ ހުންނާނީ. ނަޒީފަށް މާ ކަމުދާ އެއްޗަކަށް ނުވޭވިއްޔަ ރިހައެއް.”
“އަހަރުމެންގޭ މި އުޅޭ ބަދީއުއަށް ގަރުދިހަ ހުރިއްޔާ ކެވޭކަމަށް ވެސް ނުވާނެ.” ނަޖުމާ އޭނާގެ ފިރިމީހާގެ ވާހަކަ ބުނެލިއެވެ.
“ނަޖުމާ މަޑުކޮށްލާ! އަހަރެން އެބައަންނަން މިކުނިކޮޅު އުކާލާފައި.” ކުނި މުޅޯށިނަގައި ކިހިލީގައި ޖަހައިލުމަށްފަހު ރަޝްފާ ހިނގައިގަތެވެ.
ނަޖުމާ ޖޯލީގައި ރަނގަޅަށް ހަމަޖެހިލައިފިއެވެ. އިރުކޮޅަކުން އިވުނީ ކޮޓަރިތެރޭން ނާޖީ ރޮއިގަތް އަޑެވެ. ނަޖުމާ ތެދުވެގެން ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
ނަޖުމާ ގޮސް ކޮޓަރީ ދޮރު ހުޅުވައިލި އިރު، ނާޖީ އޮތީ ކިރިޔާ އެނދުން ވެއްޓޭ ނުވެއްޓޭހިސާބުގައެވެ. ކުޑަ އިރުކޮޅެއް ލަސްވި ނަމަވެސް އެ މަންޖެ ވެއްޓނީހެވެ. ނަޖުމާ އަވަސް އަވަހަށް ކޮޓަރިއަށް ވަނެވެ. ނާޖީ ނަގާށެވެ. އެހެންނަމަވެސް އޭނާއަށް އެނދާ ހަމައަށް ދެވޭވަރެއް ނުވިއެވެ. ނާޖީ އެނދުގެ ބިތްދޮށުގައި ބޭއްވިއްޖެ އެވެ. އެއްވެސް މީހެއްގެ ބާރަކާ ނުލައެވެ. ހީވީ މީހަކު ނަގައި ބޭއްވިހެންނެވެ.
މި މަންޒަރު ފެނިފައި ނަޖުމާގެ ފިޔަވަޅަށް ހުއްޓުންއެރިއެވެ. އޭނާ ހުރީ ހައިރާންވެ ބަސް ހުއްޓިފައެވެ. އެއިރު ވެސް ނާޖީ ރޮނީއެވެ. އެއަޑު ނަޖުމާއަށް އިވޭހެން ވެސް ހީނުވެއެވެ. އޭނާގެ ހިއްސުތައް ހަމަޔަކަށް އެޅުނީ އިރުކޮޅެއް ފަހުންނެވެ. ހަމައެއާއެކު އަވަސް އަވަހަށް ނާޖީ ނަގައި ކޮނޑުމަތީގައި ބާއްވާލައިގެން، މަޑުމަޑުން ތަޅުވަމުން ބޭރަށް ނުކުތެވެ. އެއިރު ރަޝްފާ އައިސް ގެއަށް ވަންނަނީއެވެ.
“ހޭލީ ދޯ!”
ނަޖުމާ އަނގައަކުން ނުބުނެ އެވެ. ހުރީ ފާޑަކަށެވެ. ދެންމެ ފެނުނު އާދަޔާ ޚިލާފު މަންޒަރުގެ ސަބަބުން އޭނާގެ ހިތަށް ވަނީ ތަފާތު އިޙުސާސްތަކެއް ވެރިވެފައެވެ.
“ކީއްވެ މާ ފާޑަކަށް ތިޔަ ހުރީ؟”
އަނެއްކާ ނާޖީގެ ކިބައިން އާދަޔާޚިލާފު ކަމެއް ނަޖުމާއަށް ފެނުނީ ބާވަ އެވެ؟ ރަޝްފާގެ ހިތް ތެޅޭން ފަށައިފިއެވެ.
“ވަރަށް އެހެން ކަހަލަ ކަމެއް ދެންމެ ވެއްޖެ!”
“ކިހިނެއް ވީ؟” ރަޝްފާއަށް އަވަސް އަވަހަށް އަހައިލެވުނެވެ. އޭރު އޭނާގެ ހިތް މާ ބާރަށް ތެޅޭން ފަށައިފިއެވެ.
“ނަޖީ ރޯންފެށި އަޑަށް އަހަރެން ގޮސް ކޮޓަރި ހުޅުވައިލިއިރު އެނދުން މި މަންޖެ ވެއްޓެނީ. އަހަރެން އަވަސް އަވަހަށް ވަދެ، އެނދާހަމައަށް ހިނގައިގަތްތަނާ، ނުފެންނަ ބާރަކުން، މި މަންޖެ ނަގައި އެނދުގެ ބިތްދޮށުގައި ބާއްވައިފި. ހަމަ ތެދެއް މިބުނި. ރަޝްފާ ނޭނގެ ޤަބޫލުކުރާނެ ކަމެއް ވެސް.”
ރަޝްފާގެ ހިތް ތެޅެނީ އޮބި ނޯންނަ މިންވަރަށެވެ. އޭނާ އަވަސް އަވަހަށް ކުރިއަށް ޖެހިލައި، ނަޖުމާގެ އަތުގައި އޮތް ނާޖީ އުރައިފިއެވެ.
“ނަޖުމާ ދައްކާ ވާހަކަ! މި ވަރު ކުއްޖަކު ވެއްޓެން ދަނިކޮށް ކިހިނެއް އަމިއްލައަށް އެނދަށް އަރާނީ! މަށަށް ހީވަނީ ތީ ނަޖުމާއަށް ހީވި ހީވުމެއްހެން.”
“މަށަށް އެނގޭ ރަޝްފާއަށް ގަބޫލުކުރަން ދަތިވާނެކަން ވެސް. އެކަމަކު ހަމަ ތެދެއް މި ބުނީ.” ނަޖުމާ ޔަގީންކަމާއެކު ބުންޏެވެ.
“އަހަންނަކަށް ގަބޫލެއް ނުކުރެވޭ.” ރަޝްފާ ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ.
“އޭތް ރަޝްފާ! އަހަރެން މި ވަގުތު ދެން ދަނީއޭ.” ނަޖުމާ ހިނގައިގަތެވެ.
“މަޑުކުރޭ! ކައިގެން ދެން ދާންވާނީ! ގޮސް ޖޯލިގައި ޖައްސައިލާ! ވަރަށް އަވަހަށް ނިކުންނާނަން!” ރަޝްފާ ކޮޓަރިއަށް ވަދެ ދޮރު ލައްޕައިފި އެވެ. ނަޖުމާ ގޮސް ޖައްސައިލީ ޖޯލީގައެވެ.
ނަޖުމާގެ ސިކުނޑީގައި އަދިވެސް ވަކިހިއްޕާލައިފައި ވަނީ ނާޖީގެ ކިބައިން ދެންމެ ފެނުނު މަންޒަރެވެ. ނަޖުމާއަށް ކިތަންމެ ރަނގަޅަކަށް ވެސް އެ މަންޒަރު ވަނީ ފެނިފައެވެ. އެއީ އޭނާއަށް ހީވި ހީވުމެއް ނޫނެވެ! އެއީ އޭނާގެ ކުރިމަތީގައި ހިނގައިދިޔަ ހަގީގަތެކެވެ.
(ނުނިމޭ)