ރިޔާސީ ބަޔާނަށް މަޖިލިސް ތައްޔާރު!

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބާއްވާ ޚާއްސަ ޖަލްސާ މިހަފްތާގެ ބުރާސްފަތިދުވަހު ހެނދުނު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ޖަލްސާއަށް ވާންޖެހޭ އެންމެހައި ތައްޔާރީތައް ދަނީ ވަމުންނެވެ. ޖަލްސާގެ އިދާރީ އެންމެހައި ކަންކަން މިހާރު ނިމިފައިވާއިރު ޖަލްސާއަށް މަޖިލިސް އިދާރާ ޒީނަތްތެރިކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ ޖަލްސާއަށް ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން ރައްޔިތުން މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު، ވިދާޅުވީ އިދާރީ އެނެމެހައި ކަންކަން ނިމި މިހާރު ތައްޔާރުވަމުންދަނީ ރިހާސަލް ބޭއްވުމަށްކަމަށެވެ. އަދި މަޖިލިސް އިމާރާތުގެ އާބާތުރަ ފިލުވުމާއި މަޖިލިސް ޒީނަތްތެރި ކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްވެސް މިހާރު ނިމިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

“މަޖިލީހުގައި ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ ޖަލްސާއަށްފަހު މުހިންމު ކަންތައްތަކެއް މަޖިލީހުގައި ކުރިއަށްދާނެ. އެގޮތުން މަޖިލީހުގެ ލައިބްރަރީއާއި ޑިޖިޓަލް އާކައިވް ހުޅުވުމަށް ވަނީ ހަމަޖެހިފަ. މި ދެތަންވެސް ހުޅުވާ ދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު” ޒިޔާޢު ވިދާޅުވިއެވެ.

ކޯވިޑް-19އާ ގުޅިގެން ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބާއްވާ ޖަލްސާއަށް ދަޢުވަތު އެރުވި ފަރާތްތަކުގެ އަދަދުވެސް ވަނީ ވަރަށްބޮޑުތަނުން މަދުކޮށްފައެވެ. މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ މީހުންގެ ޢަދަދު މަދުކުރީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެޅި ފިޔަވަޅުތަކާއި އެއްގޮތަށް ޖަލްސާ ކުރިއަށް ގެންދިއުމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ދައުވަތު އެރުވުނު ބޭފުޅުންގެ އަދަދު މަދުކުރަން ޖެހުމާއެކު، އެ ޖަލްސާއަށް މިހާރު ދައުވަތު އެރުވިފައިވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށާއި، ރާއްޖޭގައި ތިއްބަވާ ބޭރުގެ ދައުލަތްތަކުގެ ސަފީރުންނާއި ހައިކޮމިޝަނަރުންނަށް އެކަންޗެވެ. އެބޭފުޅުން ފިޔަވައި އެހެން ބޭފުޅުންނަށް އެރުވިފައިވާ ދައުވަތު މިހާރު ވަނީ ކެންސަލް ކޮށްފައެވެ. މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާއަށް ކޮންމެ އަހަރަކުވެސް މަޖިލީހުގެ މެމްބަރުންގެ އަނބިއަނބި ކަނބަލުންނާއި ފިރިކަލުންނަށް ދަޢުވަތު ދެއްވައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ދެއްވާ ރިޔާސީ ބަޔާން ވެގެންދާނީ ވެރިކަމާ ހަވާލުވެވަޑައިގެން އެމަނިކުފާނު ދެއްވާ ތިންވަނަ ރިޔާސީ ބަޔާނަށެވެ. މިބަޔާނުގައި ރައްޔިތުންނަށް އުފާވެރި ހަބަރުތަކެއް ދެއްވާނެކަމަށް ސަރުކާރުގެ ބައެއް އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!