ސަހަރޯ: މުހައްމަދު ޤާސިމް

(ހޯމަ ދުވަހުގެ ބަޔާއިގުޅޭ)

ލިޔުންތެރިޔާގެ ނޯޓު: މި ވާހަކައިން ފެންނާނީ، މީގެ ފަންސަވީހަކަށް އަހަރު ކުރީގެ ދުވަސްވަރެވެ. އެހެންކަމުން މި ވާހަކައިގައި ފެންނަ މާލެއާއި ރަށްފުށް، މިހާރާ އަޅައި ބަލާއިރު، ކޮންމެވެސް ވަރަކަށް ތަފާތުވާނެއެވެ. ދިރިއުޅުމުގެ ހާލަތާއި، ބޭނުންކުރާ ތަކެއްޗާއި، ކައިބޮއި އުޅުނުގޮތާއި، ލާ އަންނައުނާއި މި ފަދަ ހުރިހައި ކަމަކުން ވެސް ތަފާތުތައް ފެންނާނެއެވެ.


މޫސަބޭ ހިނގައިގެންފިއެވެ. ފަހަތުން ނަޒީފު ވެސް ހިނގައިގަތެވެ. އެ ވަގުތު ރަޝްފާއަށް ދެ ލޯ މަރައިލެވުނެވެ. ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ހީވީ މޭމައްޗަށް އަރުވާފައި އޮތް ބޮޑު ބަރެއް ނަގައި، އެއްފަރާތް ކޮށްލިހެންނެވެ.

މޫސަބޭ ގެއިން ނުކުތުމަށްފަހު ނަޒީފަށް ހަނާ އަޅާލައިފިއެވެ. އެއިރު އޭނާގެ މޫނުމަތީގައި ވަނީ މުޅިން ތަފާތު ކުލަވަރެކެވެ. އެ ތަނުގައި ތިބި ދެ ކުއްޖެއްގެ ގާތުގައި ތަށިތައް ނަގާށޭ ބުނެފައި، މޫސަބޭގެ ގާތަށް ނަޒީފު ދިޔައެވެ.

“ކިހިނެއްވީ މޫސަބޭ؟” ނަޒީފު އާދައިގެ ގޮތަކަށް އަހައިލިއެވެ.

“މި ރޭ ނޫނީ މާދަމާ މޫސަބެއާ ބައްދަލުކޮށްލައްޗޭ!”

“މާ ބޮޑު ކަމެއް އޮތީތަ؟” ނަޒީފު ހިނިތުންވެލިއެވެ.

“އާނ!” މޫސަބޭ ބޯ ޖަހައިލިއެވެ.

“އަނެއްކާ ކިހާކެއް ލިޔެދޭންވީތަ؟” ނަޒީފު ސަމާސާކޮށްލިއެވެ.

“ކިހާކެއް ވެސް ލިޔަންވީ. ކާށްޓެއް ވެސް ޖަހަންވީ! އެ ވަރުން ނުވިއްޔާ، އަދި އެއަށްވުރެ ބޮޑެތި ކަންކަން ވެސް ޖެހޭނީކުރަން.” މޫސަބޭގެ އަޑުގައި ހުރި ސީރިއަސްކަމެއް ނަޒީފަކަށް ފާހަގައެއް ނުކުރެވުނެވެ.

“މިހާރު ދެން މި ތިބީ މީހުންނާ ވެސް އިނދެވިފަވިއްޔަ. ތަންކޮޅެއް ކުރިން މޫސަބޭ އަރުވައިލި ނަމަ ތާ ތަވީދެއް އައްސައިލަދޭށޭ ވެސް ބުނެވުނީހީ.” ނަޒީފު ކުރީ ސަމާސާއެވެ.

“ދެން ދޭ! މި ރޭ ވަގުތެއް ވެއްޖެއްޔާ މި ރޭ ވެސް ޖައްސާލާތި!”

“މި ރޭ ހިޔެއްނުވޭ ދެވޭނެ ހެނެއް. އެކަމަކު އިރާދަކުރެއްވިއްޔާ މާދަމާ ޖައްސައިލާނަން.”

“އޭތް! ނަޒީފު! އައިސްބަލަ! ކަލޭ ތިހެން ހުރީމާ ކިހިނެއް މި ކަންކުރިޔަށް ގެންދާނީ؟” ޝަކީބުގެ އަޑަށް ނަޒީފު އެނބުރި ބަލައިލިއެވެ. އޭރު އޭނާގެ އަތުގައި ހުރީ ބަރިބަރިއަށް ޖަހާފައި ހުރި ތަށިތަކެވެ.

“މޫސަބޭ! ދެން ދިޔައީއޭ! މާދަމާ އިރާދަކުރެއްވިއްޔާ ދާނަން!” ނަޒީފު ގޭތެރެއަށް ވަދެއްޖެއެވެ.

މެންދަމުން އަލިވެ ދޭއްޖަހައި ބޮޑުވެއްޖެއެވެ. ނަޒީފާއި  ރަޝްފާއަށް ނިދުނުތާ އަދި މާގިނައިރެއް ނުވެއެވެ. ރަޝްފާއަށް ހޭލެވުނީ މީހަކު ގޮވާހެން ހީވެގެންނެވެ. ލޯ ހުޅުވައިލުމާއެކު ފެނުނު މަންޒަރެއްގެ ސަބަބުން އޭނާ ދިޔައީ ސިއްސައިގެންނެވެ. އޭނާއަށް ހަމަވަގުތުން ފުންމައިގެން ތެދުވެވިއްޖެއެވެ. އަދި އެނދުގެ ބިއްދޮށުގައި ދެ ފައި ކުރުކޮށްލައިގެން އިނދެ، ފެންނަމުންދާ މަންޒަރަށް ބަލަން ފެށުނެވެ. އޭރު އޭނާއަށް މައިނޭވާ ލެވެމުންދެއެވެ. ހަތަރެސްފަޔާއެކު މުޅި ހަށިގަނޑު ރޫރޫއަޅައެވެ. އިސާހިތަކު ދާހިއްލާ ފޯވެއްޖެއެވެ.

ރަޝްފާއަށް ފެންނަނީ ނަޒީފުގެ އިނގިލިން ނާޖީ ލޭބޮމުން ދާ މަންޒަރެވެ. އޭރު ނާޖީގެ ސިފަ ފެނުނު މީހަކު، ބިރުން ފިތްކަނޑައިގެންދާވަރު ވާނެއެވެ. ރަޝްފާ އެ ގޮތަށް ގުޑުމެއް ވެސް އަރުވާލަން ނުކެރި ބަލަން އިންދާ، ނަޒީފުގެ އިނގިލިން ފައިބަމުން ދިޔަ ލޭ މަނާވެއްޖެއެވެ. އެ އަތް ގޮސް ބޭއްވުނީ ނަޒީފުގެ މޭމަތީގައެވެ. ނާޖީގެ ސިފަ މަޑުމަޑުން ގޮސް އޭނާގެ ލޯބި ސިފައަށް ބަދަލުވެއްޖެއެވެ. ހަމައެއާއެކު ލޯ މެރިއްޖެއެވެ.

ނާޖީ ނިދީ ކަންނޭނގެއެވެ. ބަނޑު ހަމަޖެހުނީ ކަންނޭނގެއެވެ. ރަޝްފާ އަދި ވެސް އިނީއެވެ. ނާޖީގެ ގާތުގައި އޮށޯންނަން އޭނާ ޖެހިލުން ވަނީ ކަންވެސް ނޭނގެއެވެ. ބިރުން ވިރިވިރި އިންދާ، އިރުކޮޅަކުން ކޮޓަރިތެރޭން ވަރަށް ގަދައަށް ވިދާލައިފިއެވެ. ބޮޑުމަސް ތިލަ ވަނީކަން ރަޝްފާއަށް ޔަގީންވެއްޖެއެވެ. ކުއްލިއަކަށް ފެނުނީ ނާޖީގެ ބައްޕައެވެ. ކަޅު ހިޔަންޏެއްގެ ސިފައިގައެވެ.

އެ އެތި ދެކެ މިހާރު ރަޝްފާ ގަންނަ ބިރަށްވުރެ، އަންނަ ރުޅި މާބޮޑެވެ. އޭނާ އުއްމީދުކުރި އުފާވެރި ދިރިއުޅުން، ވަޔަށް ބުރައިގެން ދަނީއެވެ. މި އެއްޗަކާ ހެދިއެވެ. މި ގެއަށް އައި ފަހުން ރަޝްފާގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. ދުވަހެއް ދުވަހަކަށް އެ ހިތުގެ ނުތަނަވަސްކަން ދަނީ ބޮޑުވަމުންނެވެ. ބިރުވެރިކަން އަންނަނީ އިތުރުވަމުންނެވެ. އެންމެ ފަހުން މި ރޭ ވެސް މި ފެނުނީ ކޮންފަދަ ބޮޑު އަނިޔާވެރި އަމަލެއް ހެއްޔެވެ. ނަޒީފުގެ އިނގިލި ރަނގަޅު ނުވެގެންއުޅޭ ސަބަބަކީ ވެސް އެއީއެވެ.

“މަގޭ ދިރިއުޅުން ފުނޑުފުނޑު ވެއްޖެ! ހެޔޮނުވާނެ! މަގޭ ދިރިއުޅުމާ ނުކުޅެފާނަންތަ؟ އާދޭސްކޮށްފައި ބުނަން.” ރަޝްފާއަށް ރޮވިއްޖެއެވެ.

“އަހަރެން ކީއްކުރީ؟ ކަލޭމެން ކޮންމެ ގޮތަކަށް އުޅުނަސް އަހަރެން އަޅައެއް ނުލަމެއްނު.”

“ކަލޭގެ ދަރިފުޅަށް ނަޒީފުގެ ލޭ ތި ބޯންދެނީ ކީއްވެ؟ ދުވަސްކޮޅަކުން އޭނާ ތެދުވެ، އަހަރެންގެ ގައިން ލޭ ބޯންފަށާނީ!” ރަޝްފާއިނީ ބިރުންނެވެ. ރުޅިއައިސްފައެވެ. ރޮވިފައެވެ.

“އަހަރެމެންނަކީ އިންސާނުންގެ ލޭބޮމުން ދުވާ ބަޔެއްނޫނޭ! ކަލޭމެން އިންސާނުން، އަހަރެމެން މީހުންގެ ލޭބޮޔޭ، މަސްކަޔޭ ކިޔަސް، އެއީ އަހަރެމެން އެއްއިރަކު ވެސް ކޮށްއުޅުނު ކަމެއްނޫން. އަހަރެމެންގެ ނަސްލުގެ އެއްވެސް މީހަކު އެ ފަދަ ކަމެއް ނުކުރާނެ! ވީއިރު އަހަރެންގެ ދަރިއަކަށް ލޭބޯންދޭން އަހަރެން ބޭނުންވާނެތަ؟ އެ ގޮތަށް އެ ކަންކުރީ ހަމަ ކަލޭމެން. އެ ކުއްޖާ ދުނިޔެއަށް އައި ރޭ، އެއްވެސް އެއްޗެއް ނުދީ އޮއްވާ، ފުރަތަމަ ވެސް އޭނާއަށް ލީ ރަހައަކީ ލޭރަހަ. ކަލޭގެ ފިރިމީހާ އޭނާއަށް ލޭ ބޯން ދިނީ. އޭގެ މާ ފަހުން ކަލޭ އޭނާއަށް ބުއްދޭން އުޅުނީ. އެހެންވެ އޭނާ ބުއް ނުބުއީ. އެ ކުއްޖާ އެއްޗެއް ނުކައި ނުބޮއި އޮންނައިރު، ކަލޭގެ ހިތަށް އަސަރު ނުކުރިޔަސް މަށަކަށް ކެތެއް ނުވާނެ! އޭނާ ލޭ ނޫން އެއްޗެއް ނުބޯނެކަން މަށަށް އެނގޭތީ، ކަލޭގެ ފިރިމީހާގެ ލޭ ދޭން މަޖުބޫރުވީ. އޭނާ ދެން ބޯން ބޭނުން ވާނީ އިންސާނުންގެ ލޭ. އެ ގޮތަށް އެ ކަން އެ ވީ ހަމަ ކަލޭމެންގެ ސަބަބުން.” ރުޅި އައިސް ރަތްވެފައި ހުރުމުގެ ސަބަބުން، އެ އެތީގެ ދެ ލޮލުން އިރުއިރުކޮޅުން އަލިފާންކަނި ބުރައެވެ. އެއިން ކޮންމެ ފަހަރަކު ރަޝްފާ ދަނީ ސިއްސައިގެންނެވެ.

“ކަލޭމެންގެ ފަރާތުން މި ކުއްޖާއަށް ކިތަންމެ ކުޑަ ގެއްލުމެއް ލިބުނަސް، އެކަމުގެ ބަދަލު އަހަރެން ހިފާނަން! މި ކުއްޖާއަށް އަމިއްލައަށް އުޅެވޭވަރުވާންދެން ކަލެއަށް ޖެހޭނީ މި ކުއްޖާ ގެންގުޅެން. މާދަމާ ކަލޭގެ ފިރިމީހާ ދާނެ މި ރަށަށް އަރުވާލާފައި އެ ހުރި މޫސަބޭގާތަށް. އޭނާ ދައްކަން އެ އުޅެނީ ކޮން ވާހަކައެއްކަން މަށަށް އެނގޭ. އެހެނޭ ކިޔާފައި މަގޭ ދަރިފުޅަށް ކުޑަކުޑަ ގެއްލުމެއް ލިބުނަސް، މަށަކަށް ކެތެއްނުވާނެކަން ހަނދާންކުރާތި!”

މިހާތަނަށް އެ އެތީގެ ބިރުވެރި އަޑުފަށްގަނޑު ދިޔައިރު، ރަޝްފާގެ ހަށިގަނޑު އެކީ އެކައްޗަކަށް ރޫރޫއަޅަން ފަށައިފިއެވެ. އެ ވަގުތު ރަޝްފާގެ ކަންފަތުގައި ޖެހެން ފެށީ، ބިރުވެރި ހުނުމެއްގެ އަޑެވެ. ކޮޓަރީގެ އެކި ދިމަދިމާއިންނެވެ. މިހާރު އެ އެތި ފެންނާކަށް ނެތެވެ. ރަޝްފާއަށް ދެ ކަންފަތުގައި އަތްއެޅުނެވެ. ދެ ލޯ މެރުނެވެ. ހަމައެއާއެކު އޭނާގެ ބޮލަށް އެނބުރުން އަރައިގެންފިއެވެ. ދެން ވީނުވީއެއް ނޭނގުނެވެ. އިރުކޮޅަކުން ފެނުނީ އޭނާ އެ ތަނަށް ދެމުނުތަނެވެ.

ގިނަ އިރުތަކެއް ނުވެ ނަޒީފަށް ހޭލެވިއްޖެއެވެ. އިނގިލީގައި ރިއްސައިގަނެގެންނެވެ. މިއީ ހަމަ ކޮންމެ ރެއެއްގެ ވެސް ހާލެވެ. މި ރޭ ވެސް އިނގިލީގެ ދިލަ މަޑުކުރަން ޖެހުނީ އިނގިއްޔަށް ކޯލާވާޓަރު އަޅައިގެންނެވެ.

މި ކަމާ ވަރަށް ފުންކޮށް ނަޒީފު ވިސްނާން ފަށައިފިއެވެ. ކޮންމެ ރެޔަކު މިހެން ވާނީ ކޮންމެވެސް ސަބަބެއް އޮވެގެންނެވެ. އަނެއްކޮޅުން އިނގިލި ރަނގަޅުވާކަށް ވެސް ނޫޅެއެވެ. ނަޒީފު އެންމެ ފަހުން ގަސްދުކުރީ ސެންޓަރަށް ދައްކައިގެން އިނގިލީގައި ބޭސްއަޅާށެވެ.

އާދައިގެމަތިން ފަތިސްނަމާދަށްގޮވައި، ކުޑައިރުކޮޅެއް ވީތަނާ ނަޒީފަށް ހޭލެވިއްޖެއެވެ. އޭނާ ތެދުވެ ރަޝްފާއަށް ގޮވަންފެށިއެވެ. ރަޝްފާ އޮތް ގޮތުން ހީވަނީ އެނދުމައްޗަށް އެއްލާލައިފައި އޮތް މައްޔިތެއްހެންނެވެ.

“ރަޝްފާ! ރަޝްފާ!” ނަޒީފު ދެ ފަހަރަކު ގޮވައިލިއެވެ. ރަޝްފާއަކަށް ނުހޭލެވުނެވެ. މާނިދި މަތުރާފައި އޮތް މީހެއް ފަދައެވެ.

“ރަޝްފާ!” ރަޝްފާގެ އަތުގައި ހިފައި ތަޅުވައިގެންފައި، ނަޒީފު ގޮވައިލިއެވެ. އެ ވަގުތު ރަޝްފާގެ ދެ ލޯ ހުޅުވުނެވެ. ބަލިކަށި ގޮތަކަށެވެ.

“ހާދަ ވަރަކަށް ނިދާފައި ތި އޮތީ! ފަތިސްނަމާދަށް ގޮވައިފިޔޭ! ތެދުވޭ އަވަހަށް! އެ މަންޖެ ހޭލާންވާއިރަށް ނަމާދުކޮށްލެވޭނީ އޭރުން.”

ނަޒީފު ހިނގައިގަތީ ގިފިއްޔާދިމާއަށެވެ. ނަޒީފުގެ ދުލުން “އެ މަންޖެއޭ” ބުނިއަޑު އިވުމާއެކު ރަޝްފާއަށް ވެގެންދިޔަ ގޮތްތަކެއް ނުވެސް އެނގުނެވެ. އޭނާގެ ސިކުނޑީގައި އެނބުރިގަތީ، ރޭގެ ބިރުވެރި ހާދިސާތަކުގެ ހަނދާންތަކެވެ. ހުރިހައި ކަމެއް ބޭޒާރުވާން އުޅޭކަމުގެ ބިރުވެރި ސިގުނަލްތައް އޭނާގެ ސިކުނޑިއަށް ލިބެންފަށައިފިއެވެ.

މޫސަބޭގެ ގާތަށް މިއަދު ނަޒީފު ދާނެއެވެ. މޫސަބޭ ހުރިހާ ވާހަކައެއް ކިޔައިދޭނެއެވެ. ނަޒީފު އައިސް އަހަރެންގެ ގާތުގައި އަހާނެއެވެ. ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ބުނާނީ ކީކޭ ހެއްޔެވެ؟ އަހަންނަކީ ކުށްވެރިއެއް ކަމަށް ނަޒީފު ދެކޭނެއެވެ. އެ ކުށަށް އަދަބު ވެސް ދޭނެއެވެ. ރަށުގެ ރައްޔިތުން އަހަންނަށް ނަފުރަތު ކުރާނެއެވެ. ނާޖީ ދެކެ ބިރުގަންނާނެއެވެ. ނާޖީ މަރާލަން ވެސް މަސައްކަތް ކުރާނެއެވެ. ނާޖީ ސަލާމަތްކުރުމަށް އަހަންނަށް މަޖުބޫރުވާނެއެވެ. ދެން ހަދާނީ ކިހިނެއް ބާވައެވެ؟

މި ޚިޔާލުތައް ސިކުނޑީގައި އެނބުރޭން ފެށުމާއެކު، ރަޝްފާގެ ބޮލުގައި ހަމަ ގަދައަށް ރިހެން ފަށައިފިއެވެ. އޭނާގެ ދެ ލޯ ވަނީ ރަތްވެފައެވެ. އާދަޔާޚިލާފު ގޮތަކަށް މޭތެޅެމުންދެއެވެ.

“އަދިވެސް ނުތެދުވަމުތަ؟ ދެން އަވަހަށް ތެދުވޭ! ނަޒީފުގެ އަޑުގައި ހުރީ ލޯތްބާއި އޯގާވެރިކަމެވެ.

“ވަރަށް ބޮޑަށް ބޮލުގައި ރިއްސާތީ މި އޮންނަނީ.” ރަޝްފާގެ އަޑުން އޭނާއަށް ލިބެލުން ދާ ވޭން ފެންނަވަރުވެއެވެ.

“އެހެންތަ؟ އެހެންވިއްޔާ ކުޑަކޮށް ލުއިވެލީމާ ތެދުވާތި! އަހަރެން އަންނާނަން މިސްކިތަށް އަރާލާފައި.” ނަޒީފު ހިނގައްޖެއެވެ.

ބިންމަތި އަލިވެލުމުން ރަޝްފާ ތެދުވެއްޖެއެވެ. އޭރު ވެސް އޭނާގެ ބޮލަކަށް ލުޔެއް ނުވެއެވެ. އޭނާއަށް ފުރަތަމަ ވެސް ބަލައިލެވުނީ ނާޖީގެ މޫނަށެވެ. އެ ކުއްޖާ އޭރު ވެސް އޮތީ ނިދާފައެވެ.

ކިހާ ލޯބި ހެއްޔެވެ؟ އެ ފަދަ ހުތުރު ސިފައެއް އެ ކުއްޖާގެ ނިވަލުގައި ފޮރުވިފައި އޮންނާނެކަމަށް ހީކުރާނީ ވެސް ކާކު ހެއްޔެވެ؟ އެކަމަކު…… ކޮން ފަދަ ނުރައްކާތެރިކަމެއް ހެއްޔެވެ؟ ބިރުވެރިކަމެއް ހެއްޔެވެ؟ ރަޝްފާ މަޑުމަޑުން ހިނގާލާފައި ގޮސް ވަނީ ގިފިއްޔަށެވެ.

(ނުނިމޭ)

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!