ސަހަރޯ: މުހައްމަދު ޤާސިމް

(ބުދަ ދުވަހުގެ ބަޔާއިގުޅޭ)

ލިޔުންތެރިޔާގެ ނޯޓު: މި ވާހަކައިން ފެންނާނީ، މީގެ ފަންސަވީހަކަށް އަހަރު ކުރީގެ ދުވަސްވަރެވެ. އެހެންކަމުން މި ވާހަކައިގައި ފެންނަ މާލެއާއި ރަށްފުށް، މިހާރާ އަޅައި ބަލާއިރު، ކޮންމެވެސް ވަރަކަށް ތަފާތުވާނެއެވެ. ދިރިއުޅުމުގެ ހާލަތާއި، ބޭނުންކުރާ ތަކެއްޗާއި، ކައިބޮއި އުޅުނުގޮތާއި، ލާ އަންނައުނާއި މި ފަދަ ހުރިހައި ކަމަކުން ވެސް ތަފާތުތައް ފެންނާނެއެވެ.


މި ޚިޔާލުތައް ސިކުނޑީގައި އެނބުރޭން ފެށުމާއެކު، ރަޝްފާގެ ބޮލުގައި ހަމަ ގަދައަށް ރިހެން ފަށައިފިއެވެ. އޭނާގެ ދެ ލޯ ވަނީ ރަތްވެފައެވެ. އާދަޔާޚިލާފު ގޮތަކަށް މޭތެޅެމުންދެއެވެ.

“އަދިވެސް ނުތެދުވަމުތަ؟ ދެން އަވަހަށް ތެދުވޭ! ނަޒީފުގެ އަޑުގައި ހުރީ ލޯތްބާއި އޯގާވެރިކަމެވެ.

“ވަރަށް ބޮޑަށް ބޮލުގައި ރިއްސާތީ މި އޮންނަނީ.” ރަޝްފާގެ އަޑުން އޭނާއަށް ލިބެލުން ދާ ވޭން ފެންނަވަރުވެއެވެ.

“އެހެންތަ؟ އެހެންވިއްޔާ ކުޑަކޮށް ލުއިވެލީމާ ތެދުވާތި! އަހަރެން އަންނާނަން މިސްކިތަށް އަރާލާފައި.” ނަޒީފު ހިނގައްޖެއެވެ.

ބިންމަތި އަލިވެލުމުން ރަޝްފާ ތެދުވެއްޖެއެވެ. އޭރު ވެސް އޭނާގެ ބޮލަކަށް ލުޔެއް ނުވެއެވެ. އޭނާއަށް ފުރަތަމަ ވެސް ބަލައިލެވުނީ ނާޖީގެ މޫނަށެވެ. އެ ކުއްޖާ އޭރު ވެސް އޮތީ ނިދާފައެވެ.

ކިހާ ލޯބި ހެއްޔެވެ؟ އެ ފަދަ ހުތުރު ސިފައެއް އެ ކުއްޖާގެ ނިވަލުގައި ފޮރުވިފައި އޮންނާނެކަމަށް ހީކުރާނީ ވެސް ކާކު ހެއްޔެވެ؟ އެކަމަކު…… ކޮން ފަދަ ނުރައްކާތެރިކަމެއް ހެއްޔެވެ؟ ބިރުވެރިކަމެއް ހެއްޔެވެ؟

ރަޝްފާ މަޑުމަޑުން ހިނގާލާފައި ގޮސް ވަނީ ގިފިއްޔަށެވެ. ހަމައެއާއެކު މޫސަބޭގެ ހަނދާންތައް އޭނާގެ ހިތަށް ވެރިވެގެންފިއެވެ. ރަޝްފާގެ ހިތަށް ލޮޅުންއެރިއެވެ. ނަޒީފު އަނެއްކާ އެހައި ލަސްވަނީ މޫސަބޭގެ ގާތަށް ދިޔައީބާވައެވެ؟

ދަތްއުނގުޅައި މޫނުދޮވެލައި ހަދާލައިގެން ނިކުމެ، މޫނުފުހެ، ފުނާއަޅައި ނިމުނުތަނާ، ނަޒީފު އައިސް ވަދެއްޖެއެވެ. ނަޒީފު ފެނުމާއެކު ރަޝްފާ ދިޔައީ ސިއްސައިގެންނެވެ. ރަޝްފާއަށް ހީވީ ނަޒީފު ރުޅިއައިސް ރަތްވެފައި ހުރިހެންނެވެ.

“ރަޝްފާ!” ނަޒީފު ގޮވާލުމާއެކު ރަޝްފާގެ ހިތް ތެޅިގަތެވެ

“އުނ!” ނަޒީފުގެ މޫނަށް  ރަޝްފާއަށް ބަލައިލެވުނެވެ.

“ރޭގައި މި ގެއަށް އައެއްނު މޫސަބެއެއް! ދަންނަންތަ އޭނަ؟” މޫސަބޭގެ ވާހަކަ ފެށުމާއެކު ރަޝްފާގެ ހިތްވަރު މުޅިން އެލިއްޖެއެވެ. ހަމަ ޔަގީނެވެ. ނަޒީފު އެ އައީ މޫސަބޭ ގާތަށް ގޮސްފައެވެ. އޭނާ އެ އުޅެނީ އެ ވާހަކަ ފަށާށެވެ. ހަދާނީ ކިހިނެއް ބާވައެވެ؟

“އަ……. އާނ……. އާނ! ކިހިނެއްވީ؟” ރަޝްފާއަށް ވާހަކަ ދައްކާކަށް ފަސޭހައެއް ނުވިއެވެ.

“އޭނާ ރޭ މި ގެއަށް އައިސްފައި ދަމުން މިއަދު ބައްދަލުކޮށްލައްޗޭ ބުނެގެން މި ދިޔައީ.”

“ކީކޭ ބުނީ ދިޔައީމާ؟ މަށަކަށް ހިޔެއްނުވޭ އެއީ މާ ރަނގަޅު މީހެއް ހެނެއް!”

“ތި ކަހަލަ އެއްޗެހި ދެން ނުކިޔާ! ރޭ މި ގެއަށް އައިއިރު ކިހާ ރަނގަޅަކަށް އޭނާ ހުރީ. އެކަމަކު މިހާރު …. ” ނަޒީފުގެ މޫނުމަތީގައި ހުރި ހިތާމަވެރި ކުލަވަރު ވެސް ރަޝްފާއަށް ފާހަގަކުރެވުނީ ދެނެވެ.

“ކިހިނެއްވީ މިހާރު؟” އެހެން އެއްޗެއް ރަޝްފާއަށް މިހާރު ހީވާން ފަށައިފިއެވެ.

“އަހަރެން އެގެޔަށް ދިޔައިރު އޭނާ މަރުވެގެން އުޅެނީ!”

“މަރުވީޔޭ؟” ރަޝްފާގެ ހިތަށް ކޮންމެވެސް ވަރެއްގެ އުފަލެއް ވެސް ލިބުނުހެން ހީވިއެވެ.

“އާނ! ފަތިހު ނުތެދުވެގެން ގޮވިއިރު އޮތީ މަރުވެފަޔޯ! އެ ގޭދޮށުގައި އުޅެފައި އަހަރެން ވެސް މި އައީ. އޭނާ އަހަރެންގާތު ކޮންމެވެސް ވާހަކައެއް ބުނަން ވެސް އުޅުނު. ނޭނގޭ ކޮންވާހަކައެއް ކަމެއް. ކޮންމެވެސް ކަހަލަ ވަސިއްޔަތަކަށް ވެސް ވެދާނެދޯ!” ގޮނޑީގައި އިށީންނަމުން ރަޝްފާއަށް ނަޒީފު ދޯ ދިނެވެ.

ވީ ގޮތް ދެނެގަންނާކަށް ގިނަ ވަގުތެއް ރަޝްފާއަކަށް ބޭނުމެއްނުވިއެވެ. މޫސަބޭ ނިމިގެން އެ ދިޔައީ ނާޖީ ބައްޕަގެ އަނިޔާވެރި ހަމަލާއަކުންކަން ހަމަ އެ ވަގުތު ރަޝްފާގެ ހިތް ބުނެފިއެވެ. އެހެންނަމަވެސް ނަޒީފަށް އެ ވާހަކަ ކިޔައިދޭނީ ކިހިނެއް ހެއްޔެވެ.

“ވަރަށް ބަލި މީހެއްތަ އެއީ؟ ” ރަޝްފާ އަހާލިއެވެ.

“ނޫނޭ! ހަމަ ރަނގަޅު ސިއްހަތެއްގައި ހުރި ގަދަ ފަދަ މީހެއް.”

“އެއްވެސް ކަހަލަ ގެއްލުމެއް ލިބިފައި ހުރިތަ؟” ރަޝްފާއަށް އަހައިލެވުނެވެ. އެކަން ޔަގީންކުރަން އަދިވެސް އޭނާ މަސައްކަތް ކުރާކަހަލައެވެ.

“ތި ބުނީ …..؟ ކޮން ކަހަލަ ގެއްލުމެއް؟” ރަޝްފާގެ މޫނަށް ނަޒީފަށް ބަލައިލެވުނެވެ.

“މި ބުނީ އޭނާގެ ހަށިގަނޑަށް……..”

“ހަށިގަނޑަށޭ؟ ތިބުނީ ކީކޭ؟ މި ރަށަކު ނޫޅޭނެ މޫސަބެއަށް ކަމެއްކުރާނޭ މީހަކު. އެންމެން ވެސް ނުލާހިކު ގަދަރުކުރާ މީހެކޭ އެއީ. “

ރަޝްފާއަށް މި ކިޔޭ އެއްޗެއް ޚުދު އޭނާއަށް ވެސް އެނގުނީ ދެނެވެ. އޭނާއަށް ލިބުނު ކުއްލި ސިހުމާއެކު އަވަސް އަވަހަށް މަސައްކަތް ކުރީ މައުޟޫއު ބަދަލުކޮށްލާށެވެ.

“ދެން އެކަމާ ނުވިސްނާ! މިހާރު އެ އޮތް ހަތްގަޑި ބައި ވަނީ. ތިހެން އިންދާ ގަޑިޖެހިދާނެ!”

“އާނ! ފެންވަރަން ވެސް ދާންވީ. މޫސަބޭ ވެސް އެ ދިޔައީ. މަރަކީ އެހެން ހުންނަ ކަމެއްވިއްޔަ.” ކަންނެއް ގޮތަކަށް ގޮނޑިން ތެދުވަމުން ނަޒީފު ބުނެލިއެވެ. “އަދި މިއަދު ޖެހޭނެ މި އިނގިލީގައި ބޭސްއަޅަން ވެސް. ދިހަ ބާރަ ދުވަސްވީއިރު ވެސް ރަނގަޅެއް ނުވިވިއްޔަ.” އިނގިއްޔަށް ބަލައިލަމުން ނަޒީފު ބުންޏެވެ.

ނަޒީފުގެ މި ޖުމުލަ ކަންފަތުގައި ޖެހުމާއެކު، ރަޝްފާގެ ޚިޔާލީ ލޮލަށް ސިފަވެގެން ދިޔައީ ނަޒީފުގެ އިނގިލިން ނާޖީ ލޭ ބޮމުން ގެންދިޔަ މަންޒަރެވެ. ރަޝްފާގެ ހިތް ތެޅިގަތެވެ. އޭނާގެ ހިއްސުތަކަށް ހުއްޓުން އެރިއެވެ.

“ތުވާލި ނެރެދީބަލަ!” ރަޝްފާއާ ދިމާއަށް ބަލައިލަމުން ނަޒީފު ބުންޏެވެ. އެހެންނަމަވެސް އެ އަޑު ރަޝްފާއަށް އިވުނުހެނެއް ހިއެއްނުވެއެވެ.

“އޭތް! ރަޝްފާ….! ތަންކޮޅެއް ބާރަށް ނަޒީފު ގޮވައިލިއެވެ.

“އު…. އުނ! ރަޝްފާ ސިހުނެވެ.

“ކޮންކަމަކަށް ގެއްލިފައި؟ ތުވާލި ގެނެސްދީބަލަ!”

ރަޝްފާ އަވަސް އަވަހަށް ކޮޓަރިއަށް ވަދެ، ތުވާއްޔާއި ސައިބޯނިދަޅު ގެނެސް ނަޒީފު އަތަށް ދީފިއެވެ.

“އަދިވެސް ނާޖީ ނުހޭލަނީ؟”

އާއެކޭ ބުނުމުގެ ގޮތުން ރަޝްފާ ބޯޖަހައިލިއެވެ. ނާޖީއޭ ބުންޏަސް މިހާރު ރަޝްފާގެ ހިތަށް ލިބެނީ ޒާތެއްގެ ނުތަނަވަސް ކަމެކެވެ. ބިރުވެރި ކަމެކެވެ. އިންސާނެއްގެ ސިފައިގައި އޮތަސް، އެއީ އިންސާނެއް ނޫނަކަން އެނގެނީ އޭނާއަށެވެ. އެއީ އޭނާ ބަނޑުއަޅައި ވިހޭ ޖިންނި އެކެވެ.

(ނުނިމޭ)

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!