591 ގެސްޓްހައުސްގެ ތެރެއިން 316 ގެސްޓްހައުސް އަލުން ހުޅުވައިފި

ރާއްޖޭގައި އޮޕަރޭޓްކުރާ 591 ގެސްޓްހައުސްގެ ތެރެއިން 316 ގެސްޓްހައުސް އަލުން ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދީފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި އޮޕަރޭޓްކުރާ 316 ގެސްޓްހައުސްއެއް ވަނީ ހުޅުވުމުގެ ހުއްދަ ދީފައެވެ. މީގެތެރޭގައި ގްރޭޓަރ މާލެ ސަރަހައްދުގެ ގެސްޓްހައުސްތަކާއި އަތޮޅުތަކުގެ ގެސްޓްހައުސްތައްވެސް ހިމެނެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ގްރޭޓަރ މާލެ ސަރަހައްދުގެ 44 ގެސްޓްހައުސްއެއް ހުޅުވުމުގެ ހުއްދަ މިހާރު ވަނީ ދީފައެވެ. މިއާއެކު މާލެ ސަރަހައްދުގެ ގެސްޓްހައުސްތަކުގައި ފަތުރުވެރިންނަށް ޙިދުމަތްދޭ އެނދުގެ އަދަދު ވަނީ 1244 އަށް އަރާފައެވެ.

މާލެ ސަރަހައްދު ނުހިމަނައި ރާއްޖޭގެ 15 އަތޮޅެއްގެ 46 ރަށެއްގެ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ދީފައެވެ. މީގެތެރޭގައި ހއ.އިން ފެށިގެން އައްޑޫ ސިޓީގެ ގެސްޓްހައުސްތައްވެސް ހިމެނެއެވެ. އަތޮޅުތެރޭގެ 272 ގެސްޓްހައުސްއެއް މިހާރު ވަނީ ހުޅުވާފައެވެ.

އަތޮޅުތެރޭގެ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދީފައިވަނީ އޮކްޓޯބަރުމަހުގެ 15 ވަނަ ދުވަހުއެވެ. އަދި މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދިނީ މިދިޔަ ޑިސެމްބަރުމަހުގެ 14 ވަނަ ދުވަހުއެވެ.

މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދިނުން ލަސްވީ މި ސަރަހައްދުގައި ކޯވިޑް19 ގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތުމުގެ ސަބަބުންނެވެ. މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވައި ޙިދުމަތްދޭން ފެށުމާއިއެކު ރާއްޖޭގައި ފަތުރުވެރިންނަށް ޙިދުމަތްދޭ ހުރިހާ ފެސިލިޓީތައް ހުޅުވުމުގެ ހުއްދަ ވަނީ ލިބިގެންގޮސްފައެވެ.

ކޮންމެ ރަށެއްގެ ގެސްޓްހައުސްއެއް ހުޅުވުމުގެ ކުރިންވެސް ވަކި ހާއްސަ އެސްއޯޕީއެއް، އެ ގެސްޓްހައުސްއަކުން ޓޫރިޒަމް މިނިސްޓްރީއަށް ހުށައަޅަންޖެހެއެވެ. ޓޫރިޒަމް މިނިސްޓްރީން ހުއްދަ ދެނީ މި އެސްއޯޕީތަކަށް ބެލުމަށްފަހުގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!