ވައިރަހުގެ އައު ވައްތަރެއް ލަންކާއިންވެސް ފެނިއްޖެ

ކޯވިޑް-19 ޖައްސާ ވައިރަހުގެ އައު ވައްތަރެއް ސްރީލަންކާއިން ފެނިއްޖެއެވެ.

ލަންކާ ނޫސްތަކުން ބުނީ އެ ޤައުމުގައި ފެތުރަމުންދާ ވައިރަހުގެ އައު ވައްތަރަކީ އިނގިރޭސިވިލާތާއި އެހެން ބައެއް ޤައުމުތަކުގައި ފެތުރެމުންދާ ވައިރަހުގެ އައު ވައްތަރުތަކާއި އެއްގޮތް ސިފަތަކެއް ހުރި ވައިރަހެއްކަމަށެވެ.

ނޫސްވެރިންނާއި ވާހަކަދައްކަވަމުން ސްރީ ލަންކާގެ ސްރީ ޖަޔަވަރުދަނެޕޫރާ ޔުނިވަސިޓީގެ ޑިރެއކްޓަރެއްކަމަށްވާ ޑރ. ޗަންދިމާ ޖީވަންދަރަ ވިދާޅުވީ ލަންކާއިން މިހާރު ފެނިފައިވާ ވައިރަހަކީ އެ ޤައުމުގައި ކުރިން ފެތުރެމުންދިޔަ ވައިރަހާއި ތަފާތު ވައްތަރެއްކަމަށެވެ.

އެއްގޮތް ސިފަތަކެއް ހުރިނަމަވެސް އެ ވައިރަހަކީ އިނގިރޭސިވިލާތާއި ދެކުނު އެފުރިކާއިން ފެނިފައިވާ ވައިރަހުގެ އައު ވައްތަރުތަކާއި ތަފާތު ވައްތަރެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް އިނގިރޭސިވިލާތުން ފެނިފައިވާ ވައިރަހުގެ ވައްތަރާއި އެއްގޮތަށް ސްރީ ލަންކާގައި ފެނިފައިވާ ވައިރަހުގެ ވާރުތަވުމުގެ ބާރު ވަރަށް ގަދަކަމަށް އޭނާ ވިދާޅުވިއެވެ. ލަންކާގެ ޞިއްޙީ މާހިރުން ބުނީ ވައިރަހުގެ އައު ވައްތަރާއިގުޅޭ ތަހުލީލުތައް ކުރަމުންދާކަމަށާއި އޭގެ ތަފްޞީލް ވަރަށް އަވަހަށް ޙިއްޞާކުރާނެކަމަށް ބުނެފައެވެ.

ލަންކާގައި މިހާތަނަށް 59،915 މީހުންނަށް ކޯވިޑް ޖެހި 288 މީހުންވަނީ މަރުވެފައެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!