ކަރަންޓީނަށް ފަހު ވެސް އަހަރެމެންގެ ލޯތްބަކަށް ބަދަލެއް ނާދޭ: ޕްރިޔަންކާ

ކޮވިޑް-19 އާ ގުޅިގެން ކަރަންޓީނުގައި ގިނަ ދުވަސްތަކެއް ވަންދެން ތިބެންޖެހުމަކީ ތަފާތު ތަޖުރިބާއެއް ކަމަށްބުނެ، ޕްރިޔަންކާ ޗޯޕްރާ އެ ތަޖުރިބާ ހިއްސާކޮށްފިއެވެ.

‘ޔޫއެސްއޭ ޓުޑޭ’ އަށް ދާދިފަހުން ދިން އިންޓަވިއުގައި 38 އަހަރުގެ ބަތަލާ ބުނީ، 2020 އެއްކޮށް ހެން ތިބީ ގޭގައި ކަރަންޓީނުގައި ކަމަށާއި، ފިރިމީހާ ނިކް ޖޯކަސް އާއެކީ އެހާ ބައިވަރު ވަގުތު ހޭދަކުރަން ލިބުނީ އަލަށް ކަމަށެވެ. އަދި އެދުވަސްތަކުގައި ދެމީހުންނަށް އެކަކު އަނެކަކާ ބެހޭގޮތުން ކުރިން ނޭނގޭ ކަންތައްތަކެއް ދަސްކުރުމުގެ ފުރުސަތު ލިބިގެންދިޔަ ކަމަށް ބުންޏެވެ. އޭގެތެރޭގައި ދެމީހުން ގަޔާވާ ކަންކަމާއި، ފޫހިވާ ކަންކަން އަދި އެކަކު އަނެކަކުގެ އާދަތައް އެނގިގެން ދިޔަކަން އޭނާ ފާހަގަކުރިއެވެ.

“އޭގެކުރިން ވެއްޖިއްޔާ ދެމީހުން ވެސް މަސައްކަތުގަ ބުރަކޮށް އުޅެންޖެހޭތީ ވަގުތު ނުވެފަ އޮންނަނީ. ވަރަށް އުނދަގުލުން ވަގުތު ހުސްކޮށްގެން ވާހަކަތައް ހިއްސާކުރެވެނީ ވެސް”، ކޮވިޑް-19 އައުމުގެ ކުރިން ކަން އޮތްގޮތް ޕްރިޔަންކާ ކިޔައިދިނެވެ.

ޕްރިޔަންކާ ބުނީ، އޭނާ އެންމެ ހިތްހަމަޖެހޭ ކަމަކީ، ކަރަންޓީނަށްފަހު ވެސް އެކަކު އަނެކަކު ދެކެ ވާ ލޯތްބަށް ފަނޑުކަމެއް ނާންނާތީ ކަމަށެވެ.

ކަރަންޓީން ނިމުމުން ޕްރިޔަންކާ ވަނީ އަނެއްކާވެސް އޭނާގެ ބިޒީ ޝެޑިއުލަށް އަނބުރާ ރުޖޫއަވެފައެވެ. އެގޮތުން ކުރިއަށް އޮތް ހޮލީވުޑް ފިލްމުތައް ކަމަށްވާ “މެޓްރިކްސް 4” އާއި “ޓެކްސްޓް ފޯ ޔޫ” ގެ ޝޫޓިންގައި އުޅޭތާ ވަނީ ދުވަސްކޮޅެއް ވެފައެވެ. އަދި އިއްޔެ ނެޓްފްލިކްސް ގައި ޕްރިމިއާ ކުރި ޕްރިޔަންކާގެ ފަހުގެ ބޮލީވުޑް ފިލްމު “ދަ ވައިޓް ޓައިގާ” ގެ ޕްރޮމޯޝަން މަސައްކަތްތަކުގައި ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!