މުއާއާއި ރަވީގެ ދެކޮޅުވެރިކަން ނިމުމަކަށް؟

ދިވެހި ފިލްމީ ދާއިރާއަށް ނިސްބަތްވާ މަޝްހޫރު އެކްޓަރުން ކަމަށްވާ އަބްދުﷲ މުއާޒް (މުއާ) އާއި ރަވީ ފާރޫގްގެ މެދުގައި ފިލްމަކާ ގުޅިގެން މައްސަލައެއް ޖެހިފައިވާކަމުގެ އަޑުތައް ފެތުރިފައިވާތާ އަހަރުތަކެއް ވެފައި އޮއްވައި، އެންމެފަހުން އެ ދެތަރިން އެކުގައި ވަގުތު ހޭދަކޮށްފިއެވެ.

ދެމީހުންގެ މެދުގައި މައްސަލައެއް ޖެހިފައިވާކަމަށް އިޝާރާތްކޮށް، ދެމީހުން އެކަކު އަނެކަކާ ބެހޭގޮތުން ނުރުހުމުގެ ބަސްތައް މީގެކުރިން މުއާއާއި ރަވީ ވަނީ އެކި އިންޓަވިއުތަކުގައި ކިޔާފައެވެ. އަދި ދެމީހުން ފަހުން އެއް އާއިލާއަކަށް ނިސްބަތްވާ ދެބެއިން (ފިލްމީ ތަރިން އައްޒަ އަދި ރިޝްމީ) އާ ކައިވެނިކޮށްފައި ވިޔަސް، މުއާއާއި ރަވީގެ ގުޅުން ރަނގަޅުވި ތަނެއް ނުފެނެއެވެ. އެގޮތުން ދެމީހުން އެކަކު އަނެކަކު ކައިވެނި ހަފްލާއަށް ހާޒިރުވެފައި ވެސް ނުވެއެވެ.

އެހެންނަމަވެސް އައްޒަ މިއަދު އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއިން، މުއާއާއި ރަވީ އެކުގައި އާއިލާއާއެކު ވަގުތު ހޭދަކުރާ މަންޒަރު ފެނި ފޭނުންނަށް ވަނީ ހައިރާންކަން ގެނުވާފައެވެ. އައްޒަގެ ދެމަފިރިންނާއި ރިޝްމީގެ ދެމަފިރިން ވަނީ އައްޒަގެ ގޭގައި މެންދުރުގެ ކެއުމަށް އިންސާފުކޮށްފައެވެ. އެ ކެއުމުގައި އައްޒަގެ މަންމައާއި ބައްޕަވެސް ބައިވެރިވިއެވެ.

ކެއުން ނިންމާލާފައި އެގޭގައި ކުރިއަށްދިޔަ ކަރޯކޭ ސެޝަނެއްގެ ވީޑިއޯތަކެއް ވެސް މަރިޔަމް އައްޒަ ވަނީ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށްފައެވެ. އޭގެތެރެއިން އެއް ވީޑިއޯގައި މުއާއާއި ރަވީ އެކުގައި ލަވަ ކިޔަނިކޮށް ވެސް ފެނިގެންދެއެވެ.

އެހެންކަމުން މިހާރު ބެލެވެނީ މުއާއާއި ރަވީގެ ދެކޮޅުވެރިކަމަށް ނިމުމެއް އައިސްފައިވާ ކަމަށެވެ. އަދި ފޭނުން ދެކެން ބޭނުންވި ފަދައިން، އައްޒަގެ ދެމަފިރިންނާއި ރިޝްމީގެ ދެމަފިރިން އެކުގައި ވަގުތު ހޭދަކުރާތަން ކުރިއަށް އޮތްތާނގައި ގިނައިން ފެނިގެންދާނެ ކަމަށް ބެލެވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!