ފާރިސްގެ މައްސަލަ ދިޔާނާ ފުލުސް އޮފީހަށް ހުށަހަޅުއްވައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް، ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ދެއްވި ފައިސާ އަށް މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ހިޔާނާތްތެރިވި ކަމަށް ވިދާޅުވެ، ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދު ފުލުސް އޮފީހަށް މައްސަލަ ހުށަހަޅުއްވައިފިއެވެ.

މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، މައުމޫނަށް 29 މިލިއަން ރުފިޔާ ދެއްވި ކަމަށާއި އެކަމަކު އެ ފައިސާ އަނބުރާ ނުދެއްވާ ކަމަށް ޖާބިރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އަދި އެ މައްސަލަ އޭނާ މީގެ ދެ އަހަރު ކުރިން ފުލުހަށް ވެސް ހުށަހެޅުއްވިއެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރާއި އަނބިކަނބަލުން ދިޔާނާގެ އެ ތުހުމަތު މައުމޫން ދޮގު ކުރައްވައެވެ. މައުމޫން ވިދާޅުވާ ގޮތުން އެ ފައިސާ އެ މަނިކުފާނަށް ލިބިވަޑައެއް ނުގަންނަވައެވެ. އެކަމަކު ޖާބިރު ވިދާޅުވީ މައުމޫނަށް ރައްދު ކުރެއްވުމަށް އެދި ފައިސާ ހަވާލު ކުރެއްވީ ފާރިސްއާ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ދިޔާނާ ފުލުސް އޮފީހަށް ފާރިސްގެ މައްސަލަ ހުށަހެޅުއްވީ، މައުމޫނަށް އެ ފައިސާ ލިބިވަޑައިނުގަންނަވާ ނަމަ އެ ފައިސާއަށް ފާރިސް ހިޔާނާތްތެރިވެ ވަޑައިގެންނެވީ ކަމަށް ތުހުމަތު ކުރައްވާފައެވެ.

ފުލުސް އޮފީހަށް ފާރިސްގެ މައްސަލަ ހުށަހަޅުއްވައި ކުރީގެ ބަންޑާރަނައިބު ދިޔާނާ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ މައުމޫނުގެ ބަސްފުޅު ގެރެންޓީއަކަށް ނުވި ކަމާއި އެ ފައިސާ ހޯދުމަށް ސިވިލް ކޯޓަށް ހުށަހެޅުމުން ޝަރީއަތުގައި ވެސް މައުމޫން ވިދާޅުވީ އެ ފައިސާ ލިބިވަޑައި ނުގަންނަވާ ކަމަށެވެ. އެއްވެސް ހެއްކެއް ނެތި، އެ މައްސަލަ ހުކުމާ ހަމައަށް ގޮސްފައިވާއިރު ހިޔާނާތުގެ ތުހުމަތު އަމާޒުވަނީ ފާރިސްގެ މައްޗަށް ކަމަށް ވިދާޅުވިއެވެ.

ވުމާއެކު، ހިޔާނާތުގެ ތަހުގީގު ފާރިސް މައުމޫންގެ މައްޗަށް ކޮށްދެއްވުމަށް އެދި ދަންނަވަމުން ދިޔާނާ ވިދާޅުވީ ތަހުގީގަށް ހެކިހުށަހަޅުއްވާނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!