ކައުންސިލް އިންތިޚާބު ފަސްކުރުމަށް އެމްޑީޕީ އާއި ޕީޕީއެމްގެ ތާއީދެއް ނެތް

ކައުންސިލް އިންތިޚާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން މިހާރު ކަނޑައަޅާފައިވާ ތާރީހަށް އިތުރަށް ބަދަލު ގެނެސް އިންތިޚާބު ފަސްކުރުމަށް އެމްޑީޕީއާއި ޕީޕީއެމްއިން ތާއީދު ނުކުރާނެކަން ހާމަކޮށްފިއެވެ.

ރާއްޖޭގެ އެންމެ ބޮޑު ދެ ސިޔާސީ ޕާޓީ އިން މިގޮތަށް ނިންމާފައިވަނީ، އިންތިޚާބު ބޭއްވުމަށްޓަކައި އިލެކްޝަން ކޮމިޝަންގެ ޤައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި އިންތިޚާބު ޖޫން މަހަށް ފަސްކުރުމަށް އިލެކްޝަން ކޮމިޝަނުން ވަނީ އެދިވަޑައިގެންފައި ވަނިކޮށެވެ.

މިކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަވަމުން އެމްޑީޕީގެ އިންތިޚާބީ ކޮމިޓީގައި އިސްކޮށް ހަރަކާތްތެރިވާ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ އިންތިޚާބު އިތުރަށް ލަސްކުރުމަކީ އެމްޑީޕީން ތާއީދު ކުރާނެކަމެއް ނޫންކަމަށެވެ. އެމްޑީޕީން ބޭނުންވަނީ އިންތިޚާބު މިހާރު ކަނޑައަޅާފައިވާ ތާރީހުގައި ބާއްވައި، ޤާނޫނީ ގޮތުން ކައުންސިލްތަކަށް ދޭންޖެހޭ ބާރުދީ، ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ރާއްޖެ ހިންގުމުގެ ބާރު ދިނުމަށްކަމަށެވެ.

މީގެ އިތުރުން އިންތިޚާބު ނުބޭއްވި ލަސްވުމަކީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި، ސިޔާސީ ޕާޓީތަކަށްވެސް މިކަމުން ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވާކަމަށްވާއިރު، އިންތިޚާބު އިތުރަށް ފަސްނުކޮށް އެޗްޕީއޭއިން މިހަފްތާގައި ކަނޑައަޅާ ގައިޑްލައިންގެ ތެރެއިން އިންތިޚާބު ބޭއްވޭނެ ޖާގަ ލިބިގެންދާނެކަމަށް އުންމީދުކުރާކަމަށް އަލީ ނިޔާޒު ވިދާޅުވިއެވެ. އަދި ގައިޑްލައިން ވެގެންދާނީ އިންތިޚާބު ބޭއްވުމަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެ ފަދަ ގައިޑްލައިނަކަށްކަމަށް ދެކޭކަމަށްވެސް އަލީ ނިޔާޒު ވިދާޅުވިއެވެ.

އިންތިޚާބު ފަސްކުރުމަށް ތާއީދު ނުކުރާކަން ހާމަކޮށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލު ވިދާޅުވީ އޭޕްރީލްމަހު ބޭއްވުމަށް އިލެކްޝަނުން ކަނޑައަޅާ ކޮންމެ ތާރީހެއްގައިވެސް އިންތިޚާބު ބޭއްވުމަށްވެސް ތައްޔާރުކަމަށެވެ. ނަމަވެސް އިދިކޮޅު ކޯލިޝަނުން މިތާރީހުގައި އިންތިޚާބު ބޭއްވުމަށްވެސް ވަނީ ޝަރުތުތަކެއްކޮށްފައެވެ. އޭގެ ތެރޭގައި ކެމްޕެއިންކުރުމަށް ހަމަހަމަ ފުރުސަތު ދިނުމާއި، ދަތުރު ފަތުރު ކުރެވޭނެ ގޮތަކަށް ގައިޑްލައިނުން ޖާގަދިނުން ހިމެނެއެވެ.

މިދިޔަ އަހަރުގެ އޭޕްރިލްމަހުގެ 4 ވަނަދުވަހު ބޭއްވުމަށް ތާވަލުކުރި އިންތިޚާބު ކޮވިޑާއި ގުޅިގެން އެ މުއްދަތުގައި ނުބޭއްވުމުން ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމަށް ސަންސެޓް ޤާނޫނުގެ ގޮތުގައި މަޖިލީހުން ޚާއްސަ ޤާނޫނެއް ފާސްކުރިއެވެ. އެޤާނޫނުގައި ބުނެފައިވަނީ އެ ޤާނޫނަށް އަމަލުކުރާތާ އެއްއަހަރު ދުވަހުގެތެރޭގައި އިންތިޚާބު ބާއްވަންޖެހޭނެއެވެ. އެހެންނަމަވެސް ޤާނޫނުގައިވާ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނިކޮށް އިންތިޚާބެއް ނުބޭއްވޭނެއެވެ.

އިންތިޚާބު ޞިއްޚީ ކުއްލި ހާލަތުގައި ނުބޭއްވޭގޮތަށް އޮތް އޮތުން ބަދަލު ގެނެސް މިހާލަތުގައިވެސް އިންތިޚާބު ބޭއްވޭ ގޮތަށް މަޖިލީހުން ފާސްކުރި ބިލް ރައީސުލްޖުމްހޫރިއްޔާ ވަނީ މިމަހުގެ 21 ވަނަ ދުވަހު ތަސްދީޤު ކުރައްވާފައެވެ.

އިންތިޚާބު ފަސްކުރުމަށް އިލެކްޝަނުން އެދިފައިވަނީ ރާއްޖެއަށް ކޮވިޑްގެ ވެކްސިންވެސް ގެނެސް، ވެކްސިން ދިނުމަށް މަސައްކަތް ކުރަމުންދާތީއާއި، ކަމާބެހޭ ފަރާތްތަކުގެ އަންދާޒާތަކުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އޭޕްރީލް މަހުގެ ކުރިން ވެކްސިން ދެވޭނެކަމަށް ލަފާކުރާތީއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!