އިސްތަށިގަނޑު ދޮވެވޭ ގޮތަކުން، ނުވަތަ ދޮންނައިރު ބޭނުންކުރެވޭ އެއްޗެއްގެ ސަބަބުން އިސްތަށިގަނޑަށް ގެއްލުން ލިބުމުގެ ފުރުސަތު އޮވެއެވެ. މިފަހަރު މި ހިއްސާކޮށްލަނީ، ބޯ ދޮންނައިރު ސަމާލުކަން ދޭންވީ ބައެއް ކަންތައްތަތަކަށެވެ.
1. ހޫނުފެނުން ނުދޮންނާތި
ފިނިފެނުގައި ފެންވެރުވަމަކީ ބައެއް މީހުންނަށް ކުޅަދާނަ ވަރުގެ ކަމެއް ނޫނެވެ. ނަމަވެސް ބޮލަށް އަޅައިގެން ފެންވަރާނަމަ އެންމެ ރަނގަޅީ، ހިހޫ ފެން ބޭނުންކުރުން ކަމަށް ތަޖުރިބާކާރުން ބުނެއެވެ. އެއީ ހޫނުފެނުގެ ސަބަބުން އިސްތަށިތައް ވަރަށް ބޮޑަށް ހިކި، ކިފުޅިވުން ދިމާވެދާނެތީއެވެ.
2. އިސްތަށިތަކުގެ ކޮޅުގައި ކޮންޑިޝަނާ ހޭކުން
ބޮލުގެ ހަންގަނޑު ތެޔޮވާނަމަ، ކޮންޑިޝަނާ އިސްތަށިތަކުގެ ބުޑުގައި ހޭކުމަށްވުރެ ރަނގަޅީ ކޮޅުތަކުގައި ހޭކުމެވެ. އަދި ކޮންޑިޝަނާ ހޭކުމަށްފަހު ގިނައިރު ވަންދެން ބަހައްޓާފައި ދޮވެލާށެވެ.
3. ތުވާލިން މާ ބާރަށް ނުހިއްކާތި
ބޯ ނުހިކިގެން ލަސްވެދާނެ ކަމަށް، ގިނަ ބަޔަކު ކުރާ ކަމަކީ ފެންވަރައިގެން ނުކުންނަ ގޮތަށް ތުވާލިން ހިއްކަން މަސައްކަތް ކުރުމެވެ. ނަމަވެސް، އެގޮތަށް ހިއްކާއިރު ވެސް މަޑުމަޑުން ލަސްލަހުން ހިއްކުމަށް ތަޖުރިބާކާރުން ލަފާދެއެވެ. ސަބަބަކީ، އަތަށް ބާރު ލައިގެން ހިއްކާނަމަ، ބޮލުން އިސްތަށިފޭބުން އިތުރުވެދާނެތީއެވެ. އިސްތަށިގަނޑު ތެތްކޮށް އޮންނައިރު ވަރަށް ނާޒުކުވާނެ ކަން ހަނދާން ކުރާށެވެ.
4. ކޮންމެދުވަހަކު ނުދޮންނާތި
އިސްތަށިގަނޑު ރީތިކޮށް ބޭއްވުމުގެ ނިޔަތުގައި އާދަވެގެން ކޮންމެދުވަހަކު ބޮލަށް އަޅައިގެން ފެންވަރާ މީހުން އުޅެއެވެ. ނަމަވެސް އެހެން ހަދާނަމަ ބޮލުގެ ހަންގަނޑުގައި ހުންނަ ޤުދުރަތީ ތެޔޮކަން ފިލައިގޮސް، އިސްތަށިގަނޑަށް ގެއްލުން ވުމުގެ ފުރުސަތު ބޮޑެވެ. ހަފްތާއަކު ދެތިން ދުވަހު ބޯ ދޮވުނަސް ފުދޭނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
5. ތަލަ މަސާޖު ކުރުން
ބޯ ދޮންނައިރު، ތަލަ ރަނގަޅަށް މަސާޖުކޮށްލަން ވާނެއެވެ. އަދި ޙާއްސަކޮށް ޝޭމްޕޫ އުނގުޅާފައި މަސާޖު ކުރާއިރު، ޝޭމްޕޫގެ ފައިދާތައް މާ ފަސޭހައިން ލިބިގެންދާނެއެވެ. މީގެއިތުރުން ބޮލުގެ ހަންގަނޑުގައި ހުންނަ ހަޑިތައް ފިލަައިގެން ދާނެއެވެ.