އިންޑިއާގެ ކުރީގެ މޮޑެލް/އެކްޓްރެސް ސަނާ ޚާން، އޭނާގެ ކައިވެންޏަށް 2 މަސް ފުރުމާ ގުޅިގެން ފިރިމީހާ މުފްތީ އަނަސް އަށް ޚާއްސަ ހަދިޔާއެއް ދީފިއެވެ.
އިސްލާމްދީނަށްޓަކައި ފިލްމީ ދާއިރާއާ ދުރަށްގޮސް، ދީނީ ޢިލްމުވެރިޔަކާ ކައިވެނިކުރި ސަނާ ވަނީ ފިރިމީހާއަށް ގަތްންދިން ހަދިޔާ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށްފައެވެ. ސަނާ އަނަސް އަށް ދީފައިވަނީ ފަހުގެ ވަންޕްލަސް 8ޓީ ސްމާޓް ފޯނެކެވެ. ސަނާ ހިއްސާކުރި ވީޑިއޯގައި ފެންނަނީ، އެ ހަދިޔާ ލިބުމުން އަނަސް ވަރަށް އުފާވެފައި އިން ތަނެވެ.


މީގެ އިތުރުން އެދެމީހުންގެ ކައިވެންޏަށް 2 މަސް ފުރުމުން އަނަސް ސަނާއަށް ހަދިޔާކޮށްފައިވަނީ ރީތި މާބޮނޑިއެކެވެ. ސަނާ ވަނީ އެ މާބޮނޑި ސްޓޯރީގައި ހިއްސާކޮށް، ފިރިމީހާއަށް ޝުކުރުވެރި ވެފައެވެ.

ސަނާ ޚާން ކުއްލިގޮތަކަށް ފިލްމީ ދާއިރާއާ ދުރަށްދިޔުން ވެގެންދިޔައީ އޭނާގެ ފޭނުންނަށް ލިބުނު ސިހުމަކަށެވެ. އަދި ގިނަ ބަޔަކު ނުވެސް ދަންނަ މީހަކާ ކައިވެނިކުރުމުން އެތައް ބައެއްގެ ފާޑުކިޔުންވެސް ލިބިގެންދިޔައެވެ. ނަމަވެސް ސަނާ ބުނަނީ، އަނަސް އާ ކައިވެނިކުރުމަކީ އޭނާ ނިންމި އެންމެ ރަނގަޅު އެއް ނިންމުން ކަމަށެވެ.