ގިނަ ބައެއް އިންތިޒާރު ކުރަމުންދާ ސަލްމާން ޚާންގެ ފިލްމު “ރާދޭ: ޔޯ މޯސްޓް ވޯންޓެޑް ބާއި”، އަންނަ ފިތުރު ޢީދުގައި އަޅުވާ ގޮތަށް އިޢުލާނުކޮށްފިއެވެ.
ސަލްމާން އަންގާރަ ދުވަހު ޓްވިޓާގައި ކުރި އިޢުލާނުގައި ބުނީ، ސިނަމާތަކުގައި “ރާދޭ” އަޅުވާ ގޮތަށް ނިންމާފައިވާ ކަމަށެވެ. އަދި އެގޮތަށް ނިންމީ، ކޮވިޑް-19 ގެ ސަބަބުން ސިނަމާތައް ހިންގާ މީހުންނަށް ކުރިމަތިވެފައި އޮތް މާލީ ދަތިތަކުން އަރައިގަތުމަށް ސަލްމާންގެ ފިލްމެއް އަޅުވަން އެމީހުން އެދިފައި އޮތުމުން ކަމަށެވެ. ސަލްމާން ބުނީ އޭނާ އެގޮތަށް އެއްބަސްވީ، ސިނަމާތައް ހިންގާ ފަރާތްތަކުން އޭގެ ބަދަލުގައި ކަމަކަށް އެއްބަސްވުމުން ކަމަށެވެ. އެއީ “ރާދޭ” ބަލަން އަންނަ މީހުންގެ ސިއްޙީ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ކަމަށް ބުންޏެވެ.
ސަލްމާން ބުނީ ﷲ އިރާދަކުރެއްވިއްޔާ މި ޢީދުގައި “ރާދޭ” އަޅުވާނެ ކަމަށެވެ.
މި ފިލްމަކީ މިދިޔަ އަހަރުގެ ޢީދުގައި އަޅުވާގޮތަށް ނިންމި ފިލްމެކެވެ. ނަމަވެސް ކޮވިޑް-19 އާއި ލޮކްޑައުންއާ ހެދި އެކަން ނުވެ، ފިލްމު އެޅުވުން ފަސްކޮށްލަން ޖެހުނީއެވެ.