ބަގްޔާޝްރީގެ ޒުވާންކަމުގެ ސިއްރަކީ މިއީ!

ބޮލީވުޑްގެ ކުރީގެ ބަތަލާ ބަގްޔާޝްރީ، އޭނާގެ ރީތިކަމުގެ ސިއްރު ކިޔައިދީފިއެވެ.

1989 ވަނަ އަހަރު ސަލްމާން ޚާނާއެކު ކުޅުނު “މޭނޭ ޕިޔާރް ކިޔާ” އިން ބޮޑު މަޝްހޫރުކަމެއް ހޯދި ބަގްޔާޝްރީ އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯގައި ބުނީ، ހަންގަނޑު ޒުވާންކޮށް އޮމާކަންމަތީ ދެމެހެއްޓުމަށް އޭނާ ކުރާ ކަމަކީ ހެނދުނު ހޭލައިގެން ހޫނުފެން ބުއިން ކަމަށެވެ. އަދި ހޫނުފެން ބޮނީ އެއަށް ސެފްރޮން އަޅައިގެން ކަމަށް ބަގްޔާޝްރީ ބުންޏެވެ.

ސެފްރޮން އަކީ އެންޓިއޮކްސިޑެންޓުން މުއްސަނދިވެފައިވާ އެއްޗެއް ކަމުން، އޭގެން ހަންގަނޑަށް ގިނަގުނަ ފައިދާތަކެއް ކުރާކަމަށް ބަގްޔާޝްރީ ބުންޏެވެ. އެގޮތުން އޭގެ ސަބަބުން ސްކިން ސެލްތަކަށް ދިރުން ގެނުވާ، އަލިކޮށްދެއެވެ. ބަގްޔާޝްރީ ބުނީ އޭނާ ކޮންމެދުވަހަކު ހެނދުނު ހޭލައިގެން ބައިތަށި ހޫނުފެނަށް ދެތިން ސެފްރޮން ކޮޅު ލައިގެން ބޯ ކަމަށެވެ.

ދިރާސާތަކުން ދައްކާގޮތުގައި ވެސް، ހަންގަނޑުގައި ހުންނަ ކަޅުތަންތަން ފިލުވައިދީ، ބިހި ނެގުން ހުއްޓުވުމަށް އެންމެ ރަނގަޅު އެއް ބާވަތަކީ ސެފްރޮން އެވެ. އެހެންކަމުން ބަގްޔާޝްރީގެ ވާހަކައަކީ ހަގީގަތެއް ކަމަށް ބެލުމުގެ ފުރުސަތު ބޮޑެވެ.

އުމުރުން 51 އަހަރުގައި ވެސް ބަގްޔާޝްރީ ފެންނަނީ ވަރަށް ޒުވާންކޮށެވެ.