ކާޖޮލް އަޖޭއާ ކައިވެނިކުރަން އުޅުމުން ކާޖޮލްގެ ބައްޕަ ނުރުހުނީ ކީއްވެކަން އެނގޭތަ؟

ކާޖޮލް އާއި އަޖޭ ދޭވްގަން އަކީ ބޮލީވުޑްގައި ތިބި ނަމޫނާ ޖޯޑުތަކުގެ ތެރެއިން އެއް ޖޯޑެވެ. 20 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މިކައިވެންޏަށް 2 ކުދިން ލިބިފައިވާއިރު، އަދިވެސް ދެމީހުންގެ ގުޅުން ފެންނަނީ ވަރަށް ވަރުގަދަކޮށެވެ. ނަމަވެސް އެ ކައިވެންޏާ ބެހޭގޮތުން އާންމުންނަށް ކުރިން ނޭނގޭ ވާހަކައެއް ކާޖޮލް ވަނީ ދާދިފަހުން ހިއްސާކޮށްފައެވެ.

އިންޑިއާގެ މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ ނޫހަކަށް ދިން އިންޓަވިއުއެއްގައި 46 އަހަރުގެ ބަތަލާ ބުނީ، އޭނާ 1999 ވަަނަ އަހަރު އަޖޭއާ ކައިވެނިކުރަން ނިންމައި، އެވާހަކަ އާއިލާގެ މީހުންނާ ހިއްސާކުރުމުން އޭނާގެ ބައްޕަ ޝޯމޫ މުކަރްޖީގެ ފަރާތުން ފެނުނީ އެކަމަށް ނުރުހުނު މަންޒަރު ކަމަށެވެ. އެގޮތުން ކާޖޮލްގެ ފިލްމީ ކެރިއަރުގެ އެންމެ އުސް ހިސާބުގައި ހުއްޓައި ކައިވެނީގެ ގޮށް ޖަހަން އުޅުމުން ބައްޕައަށް އެގޮތް ކަމުނުދިޔައީ ކަމަށް ބުންޏެވެ. “އޭރު އަހަންނަށް 24 އަހަރު. އެހެންވެ ބައްޕަ ބުނީ ކައިވެނި ކުރުމުގެ ކުރިން އަދި އިތުރަށް ފިލްމީ މަސައްކަތްތަކުގަ އުޅެފައޭ ކައިވެނިކުރަން ވާނީ”، ކާޖޮލް ކިޔައިދިނެވެ.

އެހެނަސް، ބައްޕައާ ޚިލާފަށް މަންމަ ތަނޫޖާ ވަރަށް ސަޕޯޓިވް ކަމަށާއި، އަޖޭއާ ކައިވެނިކުރަން ހިތްވަރުދިން މީހަކީ މަންމަ ކަމަށް ކާޖޮލް ބުންޏެވެ. އަދި މިއަދު އަޖޭއާ ކައިވެނިކޮށްގެން އުފަލުގައި އުޅެވެނީ އެދުވަހު މަންމަ ދިން ހިތްވަރުން ކަމަށް ވެސް ބުންޏެވެ.

ކާޖޮލްގެ ބައްޕަ ، ޑައިރެކްޓަރު/ޕްރޮޑިއުސަރު ޝޯމޫ މުކަރްޖީ ވަނީ 2008 ގައި މަރުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!