އެމެރިކާގެ ތާރީހުގައި 2 ފަހަރަށް އިމްޕީޗްކުރި ރައީސަކަށް ޓްރަމްޕް

އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް ހިންގަމުންދާ ކެޕިޓޮލް ބިލްޑިންގް ސަރަހައްދުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އަޒުލު ކުރުމަށް، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ (ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް) އިން ނިންމައިފިއެވެ.

މިއީ އެމެރިކާގެ ރައީސް ކަމުގެ މަގާމުން ޓްރަމްޕް އަޒުލު ކުރި 2 ވަނަ ފަހަރު ކަމުގައި ވީ ނަމަވެސް، މިއީ އެމެރިކާގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެއް ރައީސަކު 2 ފަހަރަށް އަޒުލުކުރި ފަހަރު ވެސް މެއެވެ.

ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއިން ޓްރަމްޕް އިމްޕީޗްކުރަން ނެގި ވޯޓުގައި ޑިމޮކްރެޓުންނާ އެއްކޮޅަށް 232 މެމްބަރަކު ވޯޓްދެއްވި އެވެ. އެއީ ޓްރަމްޕް ނިސްބަތްވެ ވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ 10 މެމްބަރެއްގެ ވޯޓާ ވެސް އެކު އެވެ. ޓްރަމްޕް އިމްޕީޗްކުރަން ނުފެންނަ ކަމަށް ވޯޓް ދެއްވީ 197 މެމްބަރެކެވެ.

މި ވޯޓާއެކު ޓްރަމްޕް އެވަނީ އެމެރިކާގެ ތާރީޚުން ވެސް ޖާގައެއް ކަށަވަރުކުރައްވާފަ އެވެ. މަގާމުގައި ހުންނަވަނިކޮށް ދެވަނަ ފަހަރަށް އިމްޕީޗްކުރެވުނު ފުރަތަމަ އެމެރިކާގެ ރައީސްއަށް ވެވަޑައިގެންފަ އެވެ.

ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއިން ޓްރަމްޕް އިމްޕީޗްކުރުމާއެކު އެކަނޑައެޅުނީ މައްސަލަ ސެނެޓަށް ފޮނުވުމަށެވެ. ސެނެޓްގައި މީހުން ހާޒިރުކޮށް ސުވާލުކޮށް އަދި ކުރަންހުރި ހުރިހާ ތަހުގީގެއް ފުރިހަމަކުރާނެ އެވެ. އެއަށް ފަހު ޓްރަމްޕާ މެދު ގޮތެއް ނިންމަން ވޯޓްނަގާނެ އެވެ.

ދައުރު ހަމަވަންދެން ރިޔާސީ އިދާރާ ވައިޓު ހައުސްގައި ޓްރަންޕު ހުންނެވި ނަމަވެސް މަޤާމުން ދުރުކުރުމަށް މަތިގެއަށް ފެންނަކަމަށް ނިންމައިފިނަމަ ދެން ޓްރަންޕަށް ރައީސްކަމަށް ވާދަކުރުމަށް ހުރަސްއެޅުން އެކަށީގެންވެއެވެ. ޓްރަންޕުގެ ކުށެއްވާކަމަށް ނިންމުމަށް ބޭނުންވަނީ ސެނެޓުގައި ތިއްބަވާ 100 މެންބަރުންގެ ތެރެއިން 67 މެންބަރުންގެ ވޯޓެވެ. އެގޮތަށް ސެނެޓުން ވޯޓު ދީފިނަމަ، އިތުރު ދައުރަކަށް ޓްރަންޕަށް ރައީސްކަމަށް ނާދެވޭ ގޮތަށް ހެދުމަށް ވޯޓަށް ހުށަހަޅައިފިނަމަ އެކަން ފާސްކުރުމަށް ބޭނުންވާނީ 51 މެންބަރުންގެ ވޯޓެވެ.

މިކްކޮނެލް ވިދާޅުވީ ބައިޑަން ވެރިކަމާއި ޙަވާލުވެވަޑައިގަތުމުންވެސް ޓްރަންޕުގެ ޝަރީޢަތުގެ ކަންކަން ކުރިއަށްދާނެކަމަށެވެ. އެނގިފައިވާ ގޮތުގައި މިކްކޮނެލް ހުންނެވީ ކެޕިޓޮލްގައި ހިންގި ހާދިސާއާއި ގުޅިގެން ޓްރަންޕާއި މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިވަޑައިގެންފައެވެ. ޤަނޫނު ހަދާ މަޖިލީހުގެ މަތިގޭގައި ޓްރަންޕާއި ގުޅޭ ގޮތުން ނަގާ ވޯޓުގައި ވޯޓު ދެއްވާނެ ގޮތެއް އަދި ނިންމަވާފައި ނުވާކަމަށް ރިޕަބްލިކަން މެންބަރުންނަށް ފޮނުއްވާފައިވާ މެމޯއެއްގައި މިކްކޮނެލް ވަނީ ވިދާޅުވެފައެވެ. ރައީސްކަމާއި ބައިޑަން ޙަވާލުވެވަޑައިގަތުމުން ކުޑަ ފަރަގަކާއިއެކު މަތިގޭގެ އަޣުލަބިއްޔަތު އޮންނާނީ ޑިމޮކްރަޓުންގެ އަތުގައެވެ. ނަމަވެސް ރައީސް ޓްރަންޕާއި ދެކޮޅަށް ވޯޓު ދޭނީ ރިޕަބްލިކަނުންގެ ކިތައް މެންބަރުންކަން ބުނަން ނޭނގޭތީ، ޓްރަންޕު ކުށްވެރިވެފައިވާކަމަށް ނިންމުމަށް ބޭނުންވާ ތިންބައިކުޅަ ދެބައި ވޯޓު ލިބޭނެކަން މިހާތަނަށް ސާފެއް ނުވެއެވެ

ޓްރަންޕާއި ދެކޮޅަށް ސެނެޓަށް ހުށައެޅުން ޓްރަންޕުގެ ފުރަތަމަ އިމްޕީޗްމަންޓް މައްސަލަވެސް ނިމުނީ އެކާސްވިށް ދުވަހުންނެވެ. އެފަހަރު ސެނެޓުން ނިންމީ ޓްރަންޕު މަޤާމުން އަޒުލު ނުކުރާށެވެ. އެފަހަރު ޓްރަންޕު އާއި ދެކޮޅަށް މައްސަލައެއް ހުށައެޅުނީ ވެރިކަމުގެ ދެވަނ ދައުރެއް ކާމިޔާބު ކުރެއްވުމަށް ޔޫކްރެއިންގެ އެހީ ހޯއްދަވާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.

ޓްރަންޕު ކުށްވެރިވާކަމަށް ސެނެޓުން ޓްރަންޕުގެ ދައުރު ނިމޭ ފަހުން ނިންމި ނަމަވެސް ދެން ޓަރންޕަށް ވެރިކަމަށް ކުރިމަތި ނުލެވޭގޮތަށް ފާސްކުރުމުގެ ބާރު ލިބޭނެއެވެ. އަދި ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތައް ނުލިބޭ ގޮތަށް ކަނޑައެޅުމުގެ ބާރުވެސް ލިބޭނެއެވެ.

މީގެ ކުރިން އެމެރިކާގެ އެއްވެސް ރައީސަކު މަޖިލީސް މެދުވެރިކޮށް މަޤާމުން ދުރުކޮށްފައެއް ނުވެއެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!