ބިގް ބޮސް 14: ސަލްމާން ރޮއްވައިލުމަށްފަހު ޖޭސްމިން ވަކިވެއްޖެ

ކަލާޒް ޗެނަލްގެ މަޤުބޫލު ރިއަލިޓީ ޝޯ “ބިގް ބޮސް 14” ގެ އެންމެފަހުގެ ‘ވީކެންޑް ކާ ވާރު’ އެޕިސޯޑުގައި، ކަޓާފާނެ ކަމަށް ގިނަ ބަޔަކު އުއްމީދު ކޮށްފައިނުވާ ބައިވެރިއެއް ކަމަށްވާ ޖޭސްމިން ބަސީން ކަޓައިފިއެވެ.

މިދިޔަ ހަފްތާގައި ޖޭސްމިން އާއެކު ނޮމިނޭޓްވެފައި ވަނީ ރުބީނާ ދިލެއިކް، އަބިނަވް ޝުކްލާ އަދި އަލީ ގޯނީ އެވެ. މި ހަތަރު މީހުންނަކީ ވެސް އެކަކު އަނެކަކާ ވަރަށް ގާތް ގުޅުމެއް އޮންނަ ބައެެއްކަން ފާހަގަކުރެވެއެވެ. އަދި މިތަނުން އަލީ ގޯނީ އަކީ ޖޭސްމިންއާ ލޯބީގެ ގުޅުމެއް އޮންނަ ބައިވެރިއެކެވެ.

އެހެން ފަހަރުތަކުގައި ނުގެނެސްދޭފަދަ ގޮތަކަށް ޝޯގެ ހޯސްޓު ސަލްމާން ޚާން ، ކެޓި ބައިވެރިޔާ އިޢުލާނު ކުރި ވަގުތުކޮޅަކީ ބިގް ބޮސްގެ ގޭތެރޭގައި ތިބި އެންމެންނާއި، ބެލުންތެރިން ނޭވާހިފަހައްޓާލައިގެން ތިބެން ޖެހުނު ވަގުތުކޮޅެކެވެ. އަދި ރުބީނާގެ ފިރިމީހާ އަބިނަވް ކަޓާފާނެ ކަމަށް ހީކުރެވިފައި އޮއްވައި، ސަލްމާން އެންމެފަހުން އިޢުލާނުކުރީ ޖޭސްމިންގެ ނަމެވެ. އެއާއެކު އަލީ ވަރަށް ބާރަށް ރޯން ފަށާތަން ފެނިގެން ދިޔައެވެ. އަދި ޖޭސްމިން އަލީއަށް ހިތްވަރުދީ ހަމައަކަށް އަޅުވަން މަސައްކަތްކުރި ނަމަވެސް އަލީ ވަނީ ހުއްޓުމެއްނެތި އަޑުން އަޑުނަގައި ރޮއެފައެވެ.

މި މަންޒަރު ބޮޑު ސްކްރީނުން ބަލަން ހުރި ޝޯގެ ހޯސްޓު ސަލްމާންގެ ލޮލުން ވެސް ކަރުނަ އަންނަތަން ފެނިގެންދިޔައެވެ. އަދި އެ ޖަޒުބާތީ ވަގުތުކޮޅުގައި ސަލްމާން ކަރުނަތައް ހިފެެހެއްޓުމަށް މަސައްކަތްކުރި ތަން ވެސް ފެނިގެންދިޔައެވެ.

https://www.instagram.com/p/CJ35INtBVtb/?utm_source=ig_web_copy_link

“ބިގް ބޮސް” ގެ ބައިވެރިއަކު ކަޓައިގެން ދިޔުމުގެ ހިތާމާގައި ސަލްމާން ރޮއެފައި ވަނިކޮށް މީގެކުރިން ފެނިފައެއް ނުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!