ބިގް ބޮސް 14: ރާކީގެ އެނދުތަންމަތި އަޅައިދޭން ސަލްމާން ވަދެއްޖެ

ކަލާޒް ޗެނަލުން ގެނެސްދޭ “ބިގް ބޮސް 14” ގެ އެންމެފަހުގެ “ވީކެންޑް ކާ ވާރު” އެޕިސޯޑުގައި، ޝޯގެ ހޯސްޓު ސަލްމާން ޚާންގެ ފަރާތުން ތަފާތު މަންޒަރެއް ފެނިއްޖެއެވެ.

އާދިއްތަ ދުވަހުގެ އެޕިސޯޑުގައި ސަލްމާން ވަނީ ޝޯގެ މަޤުބޫލު ބައިވެރިއެއް ކަމަށްވާ ރާކީ ސާވަންތުގެ އެނދުތަންމަތި އަޅައިދޭން ގޭ ތެރެއަށް ވަދެފައެވެ. ބިގް ބޮސްގެ ގެއަށް ސަލްމާން ވަނުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ ކަމެކެވެ. އެގޮތުން މިދިޔަ ސީޒަނުގައި، ގޭތެރެ މުޑުދާރުވެގެން ސަލްމާން ވަނީ ބައިވެރިންނަށް ފިލާވަޅެއް ދަސްކޮށްދިނުމުގެ ގޮތުގައި ގެއަށް ވަދެ ތަންތަން ސާފުކޮށްދީފައެވެ.

މިފަހަރު ސަލްމާން ރާކީގެ އެނދުތަންމަތި އަޅައިދޭން ވަނީ، ނިކީ ތަމްބޯލީއަށް ފިލާވަޅެއް ދަސްކޮށްދިނުމުގެ ގޮތުންނެވެ. އެއީ، ނިދާ ކޮޓަރި ސާފު ކުރުމާ ހަވާލުވެގެން ހުރި ނިކީ ވަނީ ރާކީއާ މެދު އޮތް ޒާތީ މައްސަލައެއްގެ ސަބަބުން، ރާކީގެ އެނދުތަންމަތި އަޅައިދޭން ދެކޮޅުހަދާފައެވެ. އެގޮތުން މިދިޔަ ހަފްތާގެ އެޕިސޯޑެއްގައި، އެހެން ބައިވެރިން އާދޭސް ކުރުމުން ވެސް ނިކީ ވަނީ ފާޅުގައި އެކަން ކުރަން ދެކޮޅުހަދާފައެވެ. އަދި ރާކީ ފިޔަވައި އެހެން އެންމެންގެ އެނދުތަންމަތި އަޅައި ސާފުކޮށްފައިވެއެވެ. މިކަމާ ހެދި ސަލްމާން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!